ކުޅިވަރު

މިހާތަނަށް ކުރި އެންމެ ކުރު ދަތުރާއެކު ގައްބެ ހުޅުދެލީގައި


މިހާތަނަށް ކުރި އެންމެ ކުރު ދަތުރާއެކު، އަބުދުލްޣަފޫރު އަލީ، ގައްބެ ދ.ހުޅުދެއްޔަށް ހިނގައްޖެއެވެ. ރިޔަލުކަނދެއްގައި ރާއްޖެ ވަށާ ބުރުޖެހުމުގެ ތާރީޚީ މުހިންމު ދަތުރުމަތީގައިވާ ގައްބެ މިއަދު މެންދުރުފަހު ކުޑަހުވަދޫން ފުރައިގެން ހުޅުދެއްޔަށް ދިޔައީ ގަޑިއެއްހާއިރުގެ ދަތުރަކުންނެވެ. ކުރިން ތާވަލްކޮށްފައި ނެތް ހުޅުދެއްޔަށް ގައްބެ މިކުރި ދަތުރު އުއްމީދު ކުރިވަރަށްވުރެވެސް ކުރުވީ އުއްމީދު ކުރިވަރަށްވުރެވެސް ރަނގަޅަށް ވައިޖެހުމުންކަމަށް އެޓޯލް ސެއިލަރއިން މައުލޫމާތުދެއެވެ. ކުރިން ހުކުރު ދުވަހު ދަތުރު ނުކުރަން ނިންމާފައި އޮތް ނަމަވެސް ގައްބެ މިއަދު މެންދުރުފަހު ދަތުރުކުރީ މޫސުން ގޯސްވުމުގެ ސަބަބުން އިއްޔެ ދަތުރު ނުކުރެވުމުންނާއި، ދެން ދާން އޮތް ފީއައްޔަށް ކުރާ ދަތުރަކީ ދިގު ދަތުރަކަށްވާތީ އެދަތުރު ކުރުކޮށްލުމަށްކަމަށް އެޓޯލް ސެއިލަރއިން މައުލޫމާތުދެއެވެ. މިއަދު ހުޅުދެއްޔަށް ދިއުމުން ގައްބެއަށް އެރަށުންވެސް ވަނީ ޘަޤާފީ ކުޅިވަރު ބޮޑުބެރާއެކު ހޫނުމަރުހަބާއެއްކިޔާފައެވެ.ޓޫރިޒަމް މިނިސްޓްރީއާއި ގުޅިގެން އެޓޯލް ސެއިލަރއިން ކުރިއަށްގެންދާ މިދަތުރަކީ ވިޒިޓް މޯލްޑިވްސް އިޔަރ 2016 އާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ހިންގާ ޙަރަކާތްތަކުގެ ތެރޭގައިވެސް ހިމެނޭ އިވެންޓެކެވެ. މިދަތުރުގައި މާދަމާ ގައްބެ ދާނީ ފ.ފީއައްޔަށެވެ.