ތަރައްޤީއާއި ކުރިއެރުން ގެންނަން ބޭނުންވާނަމަ ޤައުމުގެ ތަރައްޤީއަށް ސަރުކާރުން ކުރާ މަސައްކަތުގައި ރައްޔިތުން އެއްކޮށް ތިއްބެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ގއ. ދާންދޫ ބިން ހިއްކުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމަށް ދާންދޫ ހިއްކި ބިމުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ސަރުކާރު ރައްޔިތުން ބަލައިގަނެ، ވެރިކަން ހަވާލުކުރީ އުއްމީދުތަކެއް އޮވެގެންކަމަށާއި، ސަރުކާރުން މަސައްކަތްކުރަނީވެސް އެ އުއްމީދުތައް ހަގީގަތަކަށް ހައްދަވައިދެއްވަންކަމަށެވެ. އަދި މިއަދު ސަރުކާރަށް 4 އަހަރު ވެފައިވާއިރު، ރައްޔިތުންގެ ބޭނުންވި އެތައް ބަދަލުތަކެއް ގެނެވިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
"ފުރަތަަމަ ކަމަކަށް އޭރު އޮތް ހަމަނުޖެހުން. ހަލަބޮލިކަން އިރާދަކުރެއްވިއްޔާ އޭރު އޮތްގޮތަށް މިހާރަކު ނެތް. ރައްޔިތުންގެ ކިބައިން ނިގުޅައިގަނެފައިވާ އެތައް ހައްގެއް އަނބުރާ ހޯދައިދެވިއްޖެ. ހިޔާލު ފާޅުކުރުމުގެ މިިނިވަންކަމަކަށް ހުރަހެއް ނެތް މިހާރަކު. ނޫސްތަކުގައި އެދަނީ އެބޭފުޅުން ބޭނުންފުޅުވާ ހިޔާލުތައް ފާޅުކުރަމުން. ހާމަކުރަމުން. ބޭނުން ވާހަކައެއް، ބޭނުން ގޮތަކަށް އެ ދައްކަނީ ހުރަހެއް ނާޅަން. އަޅުގަނޑުމެންނަށް އެކަންކަން ބަލައިގަނެވޭ" ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ސަރުކާރުން މިވީ 4 އަހަރު ތެރޭގައި ރައްޔިތުންގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށް ވިދާޅުވިއެވެ. އެގޮތުން ކަރަންޓާއި ބޯފެނާއި ނަރުދަމާ ޤާއިމްކުރުމާއި، ލަފާފުރުމާއި، ތައުލީމާއި، ސިއްހީ ދާއިރާއިންވެސް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި މި ސަރުކާރުގެ 5 އަހަރު ނިމިގެންދާއިރު ރާއްޖޭގެ ކޮންމެ ރަށެއްގައި ކޮންމެ ތަނެއްގައި އުޅޭ މީހަކަށްވެސް ސާފު ބޯފެނާއި ނަރުދަމާގެ ހިދުމަތް ލިބިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން ތަރައްޤީގެ އިތުރު އަމާޒުތަކަށްވެސް މިދައުރު ނިމޭއިރު ވާސިލުވެވޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"މި ދައުރު ނިމޭއިރު ރާއްޖޭގައި ލަފާފުރުމުގެ ދަތިތަކަން އޮތް އެއްވެސް ރަށެއް ނޯންނާނެކަމުގެ ޔަގީންކަން އަޅުގަނޑު އަރުވަން" ރައީސް ވިދާޅުވިއެވެ.
— The President's Office (@presidencymv) December 23, 2022
ދާންދޫއަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ އެ ރަށަށް ވެވަޑައިގެންފައިވާ ވައުދާއި އެއްގޮތަށް މިހާރުވެސް 12 މަޝްރޫޢެއް ކުރިއަށްދާކަމަށެވެ. އެގޮތުން 185 މިލިއަން ރުފިޔާ ހަރަދުކުރައްވައިގެން ބިން ހިއްކުން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ބެންކެއްގެ ހިދުމަތް ރަށަށް މުހިއްމުކަމަށާއި، ކުރިއަށް އޮތް 2 މަސް ދުވަހުގެ ތެރޭގައި ދާންދޫގައި ބެންކެއްގެ ހިދުމަތް ދިނުމަށް އަމަލީ މަސައްކަތް ފަށާނެކަމަށެވެ. އަދި ރަށުގައި ދޯނި އެހެލާ، ދޯނި މަރާމާތުކުރާނެ ތަނެއްވެސް ހެދިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން ރަށުގެ ސިއްހީ ހިދުމަތް އިތުރަށް ތަރައްޤީކުރުމާއި، އިންޖީނުގެ އެހެން ތަނަކަށް ބަދަލުކޮށްދެއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މަސްވެރިންގެ މަސައްކަތަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި މަސްވެރިންގެ ކަންބޮޑުވުންތަކަށް ގިނަ ހައްލުތަކެއް ލިބިގެންދާނެކަމަށެވެ. މިގޮތުން މަސްކިރުމަށް މިފްކޯއަށް ބޮޑެތި ބޯޓުތަކެއް ގެންނަން ނިންމާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ޖެނުއަރީމަހުގެ 1 ވަނަ ދުވަހުން ފެށިގެން ފެނަކައިން ކްރެޑިޓަށް އައިސް ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން އެސްޓީއޯއިން މަސްވެރިން ބޭނުންވާ ވަރަށް ތެޔޮ ފޯރުކޮށްދިނުމާއި، ކްރެޑިޓަށް ތެޔޮ ލިބޭނެ އިންތިޒާމްވެސް ހަމަޖައްސައިދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރައްޔިތުން އަދިވެސް ބޭނުންވާ ކަންކަން ހުންނާނެކަމަށާއި، ގައުމު ކުރިއަރުވަން ސަރުކާރުން ކުރާ މަސައްކަތުގައި ރައްޔިތުން އެކުގައި ތިއްބަވާނަމަ ރައްޔިތުން ބޭނުންވާ ތަރައްޤީ ގެނެސްދެއްވާނެކަމަށެވެ.