ޚަބަރު

ބޯކޮށް ވާރޭވެހި މައްކާއާއި ޖިއްދާގައި ފެންބޮޑުވެއްޖެ


މުސްލިމުންގެ އެންމެ މުޤައްދަސް ބިން ކަމުގައިވާ ސަޢޫދީ ޢަރަބިއްޔާގެ މައްކާއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެއްޖެއެވެ. މައްކާގެ އިތުރުން ޖިއްދާއަށް ވެސް ބޯކޮށް ވާރޭވެހުމުގެ ސަބަބުން، ގިނަ ސަރަޙައްދުތަކެއްގައި ވަނީ ފެންބޮޑުވެފައެވެ.

މައްކާގައި ފެންބޮޑުވެފައި މި ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތަކެއް ހާސް ބަޔަކު ޢުމްރާ ކުރުމަށް މައްކާއަށް ޖަމާވެފައިވާ ދަނޑިވަޅެއްގައެވެ. މައްކާގެ މަގުތަކުގައި ފެންބޮޑުވެ، އެއްގަމު އުޅަނދުފަހަރަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އަދި، ބައެއް ޢިމާރާތްތަކަށް ފެންވަދެ، ބައެއް މަގުތަކުގައި ދަތުރުފަތުރު ކުރުމަށް ވަނީ ހުރަސް އެޅިފައެވެ.

ސަޢޫދީ ޢަރަބިއްޔާގެ މޫސުމާ ބެހޭ އިދާރާއިން ބުނީ، ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މައްކާއާއި ޖިއްދާގެ އިތުރުން މަދީނާގެ ބައެއް ސަރަޙައްދުތަކަށް ވެސް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމުގައެވެ. އަދި، އެ ޤައުމުގެ ކާރިސާތަކާ ބެހޭ މަރުކަޒުން ވަނީ، ބޭރަށް ނިކުމެ ނޫޅުމަށް އެ ރަށްތަކުގެ ރައްޔިތުންނަށް އިރުޝާދު ދީފައެވެ.

މައްކާއާއި ޖިއްދާއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން، ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ ޓީމުތަކުން ވަނީ ތައްޔާރީ ހާލަތަކަށް ގެނެސްފައެވެ. މި ގޮތުން 3,800 އަށްވުރެ ގިނަ މީހުންގެ މައްޗަށް އެކުލެވިގެންވާ ޓީމުތައް ތައްޔާރީ ހާލަތަކަށް ގެނެސްފައިވާ ކަމުގައި ޖިއްދާގެ އޮފިޝަލުން ބުނެއެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މައްކާއާއި ޖިއްދާއަށް މޫސުން ގޯސްވާނެ ކަމުގައި މޫސުމާ ބެހޭ އިދާރާއިން ލަފާ ކުރެއެވެ.