ވިޔަފާރި

ކަޑަތައް ކުއްޔަށް ދޫކުރާ އުސޫލަށް ބަދަލުގެންނަވައިފި


ހެންވޭރު އާރޓިފިޝަލް ބީޗާއި ރަސްފަންނާއި، މާލޭ ހުޅަނގު ދެކުނު ބަނދަރު ސަރަޙައްދުގައި ކުއްޔަށް ދޫކުރައްވާފައިވާ ކަޑަތަކާއި، ރެސްޓޯރެންޓާއި ސައިހޮޓާ ފަދަ ކާބޯތަކެތީގެ ވިޔަފާރި ހިންގާ ބިންތައް ކުޔަށްދެއްވާނެ އެންމެ ކުޑަ އަގަކީ ދިހަހާސް ރުފިޔާކަމުގައި ހައުސިންގ މިނިސްޓްރީން ކަނޑައަޅުއްވައިފިއެވެ.މިގޮތަށް ކަނޑައަޅުއްވާފައިވަނީ މިތަންތަން ކުއްޔަށް ދެއްވުމާބެހޭ ގޮތުން ޢަމަލުކުރައްން ފެއްޓެވި އުޞޫލުގައެވެ.ހައުސިންގ މިނިސްޓްރީން ވިދާޅުވީ ސިޓީކައުންސިލުން ތިންވަނަ ފަރާތަކަށް ދޫކުރައްވާފައިވާ ތަންތަނުގެ ތެރެއިން މުއްދަތު ހަމަނުވާ ހުރިހާ ތަނެއް ޤަވާޢިދުން ކުލި ދައްކާނަމަ މުއްދަތު ހަމަވަންދެން ވިޔަފާރި ކުރިއަށް ގެންދެވޭނެކަމަށެވެ. އަލަށް ކުއްޔަށް ދޫކުރެވޭ ތަންތަން ދެން ކުއްޔަށް ދޫކުރައްވާނެ އެންމެ ދިގު މުއްދަތަކީ އެއް އަހަރުދުވަސް ކަމަށްވެސް ހައުސިންގ މިނިސްޓްރީން ވަނީ ކަނޑައަޅުއްވާފައެވެ.  މިހާރު މާލޭ ހުޅަނގު ހާބަރު ސަރަޙައްދުން ބީލަމުގެ އުޞޫލުން ދޫކުރައްވާ ތަންތަން ދޫކުރައްވާނެ އެންމެދިގު މުއްދަތަކީ 5 އަހަރު ދުވަހެވެ. އަދި ކުއްޔަށްދެއްވާ އެންމެ ކުޑައަގަކީ 10،000 ރުފިޔާކަށް މިނިސްޓްރީން ވިދާޅުވެއެވެ.މަގުބޫލު ޢުޒުރެއް ނެތި ސްޓޯލްގައި ވިޔަފާރި ނުކުރާތާ އެއްމަސްދުވަސް ހަމަވެއްޖެނަމަ އެ ފަރާތެއްގެ ކިބައިން ސްޓޯލް ވަކިކުރެވޭނެ ކަމަށާއި ސްޓޯލު ޙަވާލުކޮށްފައިވާ ފަރާތް ޝަރުޢީ ކޯޓަކުން ކުރައްވާ ޙުކުމަކާ ގުޅިގެން ބަންދުގައި ހުންނަތާ އެއްމަހަށްވުރެ ގިނަވެއްޖެނަމަވެސް އެމީހެއްގެ ކިބައިން ސްޓޯލް ވަކިކުރެވޭނެ ކަމަށްވެސް ހައުސިންގ މިނިސްޓްރީންވަނީ ހާމަކުރައްވާފައިވެއެވެ.ހެންވޭރު އާޓިފިޝަލް ބީޗާއިރަސްފަންނާއި، ހުޅަނގު ދެކުނު ބަނދަރު ސަރަހައްދުން ވިޔަފާރިކުރުމަށް މާލޭ ސިޓީ ކައުންސިލުން ކުއްޔަށް ދެއްވާފައިވާ ކަޑަ، ކެފޭ، ރެސްޓޯރަންޓް، އަދި ހޮޓާފަދަ ތަންތަން ހިންގުމަށް ދޫކުރައްވާފައިވާ ތަންތަން އެ ކައުންސިލުގެ ދަށުން ވަކިކުރައްވާ ހައުސިންގ މިނިސްޓްރީގެ ދަށަށް މިހާރު ވަނީ ގެންގޮސްފައެވެ.