ޚަބަރު

އެމެރިކާގެ ޕޭޓްރިއަޓް މިސައިލުތައް ޔޫކްރެއިނަށް، ރަޝިޔާއަށް ނުތަނަވަސްކަން


ޔޫކްރެއިނުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ އެމެރިކާއަށް ވަޑައިގަންނަވައި، އެ ޤައުމުގެ ރައީސް ޖޯ ބައިޑަންއާ ބައްދަލު ކުރައްވައިފިއެވެ. މިއީ، ފެބުރުވަރީ މަހުގެ 24ވަނަ ދުވަހު ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފެށި ފަހުން ޒެލެންސްކީ ބޭރު ޤައުމަކަށް ކުރެއްވި ފުރަތަމަ ޒިޔާރަތެވެ. މި ދަތުރުފުޅުގައި އޭނާ ވަނީ އެމެރިކާގެ ޤާނޫނު ހަދާ މަޖިލީސް ކަމުގައިވާ ކޮންގްރެސްގައި ތަޤުރީރު ވެސް ކުރައްވާފައެވެ.

ބައިޑަންއާ އެކު ބޭއްވެވި ބައްދަލުވުމުގައި ޒެލެންސްކީ ވަނީ ޔޫކްރެއިނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމި އޮތުމަށް އެމެރިކާއަށް ގޮވައިލައްވާފައެވެ. އަދި، އެމެރިކާއިން ޔޫކްރެއިނަށް ފޯރުކޮށްދެމުންދާ އެހީތެރިކަމަކީ ޚައިރާތެއްގެ ގޮތުގައި ނުދެކުމަށާއި، އެއީ އިންވެސްޓްމެންޓްއެއްގެ ގޮތުގައި ބެލުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.

"ތިޔައީ ޚައިރާތަށް ހޭދަ ކުރެވޭ ފައިސާއެއް ނޫން. ތިޔައީ އިންވެސްޓްމެންޓެއް. ތިޔައީ، މުޅި ދުނިޔޭގެ ސުލްޙައާއި ހަމަޖެހުމުގެ އިތުރުން ޑިމޮކުރަސީ ކުރިއަރުވަން ކުރެވޭ ޚަރަދެއް. ހޭދަ ކުރެވޭ ފައިސާއެއް،" ޒެލެންސްކީ ވިދާޅުވިއެވެ.

ޒެލެންސްކީ އެމެރިކާއަށް ވަޑައިގެންނެވުމުން އެ ޤައުމުން އޭނާއަށް ވަނީ ވަރަށް ހޫނު މަރުޙަބާއެއް ކިޔާފައެވެ. އެމެރިކާއިން ޒެލެންސްކީ ދެކެނީ ހަނގުރާމައިގެ ބަޠަލެއްގެ ގޮތުގައެވެ. އަދި، ބައިޑަން ވަނީ އެމެރިކާއިން ޔޫކްރެއިނަށް 1.8 ބިލިޔަން ޑޮލަރުގެ އަގުހުރި އަސްކަރީ ސާމާނު ފޯރުކޮށްދެއްވާނެ ކަން އިޢުލާނު ކުރައްވާފައެވެ.

"ޔޫކްރެއިނުގެ ރައްޔިތުން އެކަނި ވިޔަކަ ނުދޭނަން. ޔޫކްރެއިނުގެ ރައްޔިތުންނާ އެކު އެމެރިކާގެ ރައްޔިތުން އަބަދުމެ ދެމި ތިބޭނެ. ހަނގުރާމަ ކިތަންމެ ދުވަހަކަށް ދިގުލައިގެން ދިޔަ ނަމަވެސް، އެމެރިކާއިން ޔޫކްރެއިނުގެ ރައްޔިތުން ދޫކޮށެއް ނުލާނަން. ޔޫކްރެއިނުން ހަނގުރާމަ ކުރަމުން ތިޔަ ދަނީ ވަރަށް މަތިވެރި މަޤުޞަދެއްގައި،" ބައިޑަން ވިދާޅުވިއެވެ.

މި ފަހަރު އެމެރިކާއިން ފޯރުކޮށްދޭ އެހީގެ ޕެކޭޖުގައި ހިމެނޭ އެންމެ މުހިންމު ހަތިޔާރަކީ "ޕޭޓްރިއަޓް" މިސައިލެވެ. މިއީ، ރަޝިޔާއިން ދެމުންދާ މިސައިލާއި ޑްރޯން ހަމަލާތަކުން ދިފާޢުވުމަށް ޔޫކްރެއިނަށް ލިބޭ އިތުރު ބާރެކެވެ. އަދި، ހަނގުރާމައިގެ މައިދާން މުޅިން ބަދަލުކޮށްލާނެ ފަދަ ހަތިޔާރެއް ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. މި ކަމާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރަމުން ރަޝިޔާއިން ބުނީ، މި ހަނގުރާމައިގައި އެމެރިކާއިން އަމަލީ ގޮތުން ބައިވެރިވަމުންދާ ކަމަށް މިހާރު ޤަބޫލު ކުރެވޭ ކަމުގައެވެ.

ޔޫކްރެއިނަށް އިތުރު 45 ބިލިޔަން ޑޮލަރުގެ އެހީ ފޮނުވުމާ ގުޅޭ ގޮތުން އެމެރިކާގެ ކޮންގްރެސްގައި މިހާރު ދަނީ މަޝްވަރާ ކުރަމުންނެވެ. މި ކަމަށް ޝުކުރު އަދާ ކުރައްވަމުން ޒެލެންސްކީ ވިދާޅުވީ، މި ފެށޭ އަހަރަކީ، ހަނގުރާމައިގެ އޮއިވަރު މުޅިން ބަދަލުވެގެން ދާނެ އަހަރެއް ކަމުގައި ޤަބޫލު ކުރައްވާ ކަމުގައެވެ.

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ރައީސާ ނެންސީ ޕެލޯސީ ސިފަ ކުރައްވާ ގޮތުގައި ޒެލެންސްކީއަކީ އިނގިރޭސި ވިލާތުގެ ކުރީގެ ބޮޑުވަޒީރު ވިންސްޓަން ޗަރޗިލް ފަދަ ބޭފުޅެކެވެ. އަދި، ޒެލެންސްކީ ކޮންގްރެސްގައި ކުރެއްވި ތަޤުރީރަކީ، 1941 ވަނަ އަހަރު ޗަރޗިލް އެމެރިކާގެ ކޮންގްރެސްގައި ކުރެއްވި ތަޤުރީރާ އެއް ފަދަ ތަޤުރީރެއް ކަމުގައި ޕެލޯސީ ދެކެވަޑައިގަންނަވައެވެ.

ޒެލެންސްކީ ސިފަކުރައްވާ ގޮތުގައި އޭނާގެ ޤައުމުގެ ސިފައިންނަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ކުރީ ސަފުގައި ހަނގުރާމަކުރި އެމެރިކާ ސިފައިންނާ އެއް ފަދަ ބަޔެކެވެ. އަދި، ރަޝިޔާ ސިފައިންނަކީ، ހިޓްލަރުގެ ފައުޖުތައް ފަދައިން، ދެކޮޅު މީހުން މަރައިލާ، ދެކޮޅު ޤައުމުތައް ސުންނާފަތި ކުރަމުންދާ ބަޔެކެވެ. "ޔޫކްރެއިނުގެ ސަފުތައް ރޫޅައިލުމަކީ ފަސޭހަ ކަމަކަށް ނުވާނެ. އަޅުގަނޑުމެންނަކީ އަމާންދޭނެ ބަޔެއް ނޫން،" ޒެލެންސްކީ ވިދާޅުވިއެވެ.