ޗައިނާގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާ އެކު ކޮވިޑް-19 ފެތުރެމުންދާތީ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔު.އެޗް.އޯ)ގެ ޑިރެކްޓަރ-ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރިއޭސޮސް އެ ކަމާ މެދު ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ. ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ޑިސެންބަރު 7ވަނަ ދުވަހު ޗައިނާއިން ލުއިދޭން ފެށުމާ އެކު އެ ޤައުމުގައި ކޭސްތަކުގެ އަދަދު ވަނީ އިތުރުވާން ފަށާފައެވެ.
މި ބަލި އެންމެ ފުރަތަމަ ފެތުރެން ފަށާފައި ވަނީ ޗައިނާގެ ރަށެއް ކަމުގައިވާ ވޫހާންގައެވެ. އެއީ 2019ވަނަ އަހަރުގެ ފަހުކޮޅެވެ. އެއިރު ޗައިނާއިން ބައްޔާ ބެހޭ މަޢުލޫމާތު އެންމެ ފުރިހަމައަށް ޑަބްލިޔު.އެޗް.އޯ.އާ ހިއްސާކޮށްފައެއް ނުވެއެވެ. މިހާރު ޗައިނާގައި ބަލި ޖެހެމުންދާ މީހުންގެ އަދަދުތަކާއި، ބަލީގެ ނުރައްކާތެރިކަމާއި، އެޑްމިޓުކޮށްގެން ފަރުވާދެމުންދާ މީހުންގެ އަދަދުތައް ހާމަ ކުރުމަށް ޓެޑްރޯސް ވަނީ ޗައިނާއަށް ގޮވައިލައްވާފައެވެ.
"ޗައިނާގެ ހާލަތު އޮތީ ކަންބޮޑުވާ ފަދަ ހާލަތެއްގައި. ބައްޔަށް ހުށަހެޅިފައިވާ މީހުންނަށް ވެކްސިން ދިނުމަށް ޗައިނާގައި ކުރަމުންދާ މަސައްކަތްތަކަށް ޑަބްލިޔު.އެޗް.އޯ.އިން މި ދަނީ އެހީތެރިކަން ފޯރުކޮށްދެމުން. މީގެ އިތުރުން، ބަލި ޖެހިފައިވާ މީހުންނަށް ފަރުވާ ކުރުމަށް ބޭނުންވާ އެހީތެރިކަން ވެސް މި ދަނީ ފޯރުކޮށްދެމުން،" ޓެޑްރޯސް ވިދާޅުވިއެވެ.
ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް 2020ވަނަ އަހަރުން ފެށިގެން ޗައިނާއިން އަމަލުކުރަމުން ގޮސްފައި ވަނީ "ޒީރޯ ކޮވިޑް" ސިޔާސަތަކަށެވެ. މާނައަކީ، ބަލި ޖެހިފައިވާ އެންމެ މީހަކު ފެނުނު ނަމަވެސް، އެ މީހަކު ދިރިއުޅޭ ސަރަޙައްދު ނުވަތަ ރަށް ފުރަބަންދު ކުރުމެވެ. އަދި، އެ ސަރަޙައްދެއް، ނުވަތަ ރަށެއްގެ ހުރިހާ ރައްޔިތުން ޓެސްޓު ކުރުވުމެވެ. އެ ސަރަޙައްދެއްގައި ބަލި ޖެހިފައިވާ އެންމެން ފަސޭހަވުމުން މެނުވީ، ފުރަބަންދު އުވައެއް ނުލައެވެ.
ނަމަވެސް، މި ސިޔާސަތަކީ ޢާންމުންގެ މެދުގައި އެހާ މަޤުބޫލު ސިޔާސަތެއް ނޫނެވެ. އަދި، ދާދިފަހުން ޗައިނާގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި ގިނަ ބަޔެއްގެ ފުރާނަ ގެއްލުމާ ގުޅިގެން، ގިނަ އަދަދެއްގެ ބަޔަކު ވަނީ މި ސިޔާސަތުތަކާ ދެކޮޅަށް އަޑުއުފުލަން ފަށާފައެވެ. އަދި، މި މުޒާހަރާތައް ބޮޑުވެ، ބޮޑެތި ހުރިހާ ރަށަކަށް ފެތުރި، މުޒާހަރާތަކުގެ ބައިވެރިންގެ އަދަދު އެތަކެއް ހާހަށް އަރައިގެން ދިޔައެވެ.
ޗައިނާއިން އަމަލު ކުރަމުންދިޔަ ހަރުކަށި ފިޔަވަޅުތައް ދޫކޮށްލަން އެ ޤައުމުގެ ސަރުކާރުން ނިންމާފައި ވަނީ މުޒާހަރާތަކާ ގުޅިގެންނެވެ. އަދި، މި ބަލީގައި މަރުވާ މީހުންގެ އަދަދު ރެކޯޑު ކުރާ ސިޔާސަތަށް ވެސް އެ ޤައުމުން ވަނީ ބަދަލެއް ގެނެސްފައެވެ. މި ގޮތުން، މި ބަލީގައި މަރުވާ މީހުން ކަމަށް މިހާރު ރެކޯޑު ކުރަނީ، ބަލި ޖެހުމުގެ ސަބަބުން ނޭވާލާ ނިޒާމު ފޭލުވާ މީހުން އެކަންޏެވެ. މިއާއެކު، ބަލީގައި މަރުވެފައިވާ ކަމަށް ރެކޯޑު ކުރެވޭ މީހުންގެ އަދަދު މަދުވާނެ ކަމަށް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.
ޑިސެންބަރު 7 ވަނަ ދުވަހު ފިޔަވަޅުތަކަށް ލުއިދޭން ފެށި ފަހުން ފަސް މީހަކު މި ބަލީގައި މަރުވެފައިވާ ކަމަށް ޗައިނާއިން ވަނީ ރިޕޯޓުކޮށްފައެވެ. އެއީ، މި ހަފުތާގެ ކުރީކޮޅު މަރުވި މީހުންގެ އަދަދުތަކެވެ. ނަމަވެސް، އޭގެ ފަހުން މި ބަލީގައި އިތުރު މީހަކު މަރުވެފައި ނުވާ ކަމަށް އެ ޤައުމުން ބުނެއެވެ.
ޗައިނާއިން މި ގޮތަށް އަމަލުކުރަން ފަށާފައި މި ވަނީ، ކުރިއަށްއޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ޤައުމުން ދެ މިލިޔަނެއްހާ މީހުން މި ބަލީގައި މަރުވާނެ ކަމަށް މާހިރުންގެ ޓީމުތަކުން އަންދާޒާ ކޮށްފައިވާ ދަނޑިވަޅެއްގައެވެ. މި އަންދާޒާތައް ކޮށްފައި ވަނީ، މިހާރު އެ ޤައުމުގައި ބަލި ފެތުރެމުންދާ މިންވަރަށް ބަލައެވެ. ޗައިނާގައި ބަލި ފެތުރުން ކޮންޓްރޯލް ކުރެވޭނީ ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކޮށްފައިވާ މީހުންގެ އަދަދުތައް އިތުރު ކޮށްގެން ކަމުގައި ޑަބްލިޔު.އެޗް.އޯ.އިން ޤަބޫލު ކުރެއެވެ.
"މި ވާހަކަތައް މި ގޮތަށް ދައްކާތާ އެތަކެއް ހަފުތާއެއް ފާއިތުވެއްޖެ. މިހާ ހަލުވިކަމާ އެކު ފެތުރޭ ބައްޔެއް ކޮންޓްރޯލް ކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެ. އެއީ، ޢާންމު ޞިއްޙަތު ރައްކާތެރި ކުރުމަށް އަޅާ ފިޔަވަޅުތަކުން އެކަނި ކުރެވޭނެ ކަމެއް ނޫން. އޮމިކްރޯން ފަދަ ވޭރިއެންޓްތައް ހުއްޓުވޭނީ ވެކްސިން ޖަހައިގެން،" ޑަބްލިޔު.އެޗް.އޯ.ގެ ކުއްލި ހާލަތްތަކާ ބެހޭ އިދާރާގެ އިސްވެރިޔާ މައިކަލް ރަޔަން ވިދާޅުވިއެވެ.