ޚަބަރު

ހުއްދަ ނެތި ކެމްޕޭން ޕޯސްޓަރު ހަރުކުރާނަމަ، ޖޫރިމަނާކޮށް އެތަކެތި ނައްތާލާނެ


އެއްވެސް އިންތިޚާބަކަށް އަދި އެހެން ބޭނުމަކަށް ވެސް މާލެ މަގުމަތީގައި ޕޯސްޓަރާއި ބެނާ ހަރުކުރާ ނަމަ ހުއްދަ ނަގަން ޖެހޭނެ ކަމަށާއި، ހުއްދަ ނުނަގާ ހަރުކުރާ ތަކެތި ނައްތާލައި އެކަމެއް ކުރި ފަރާތެއް ޖޫރިމަނާކުރާނެ ކަމުގެ އިންޒާރު ސިޓީ ކައުންސިލުން ދީފިއެވެ.

ރިޔާސީ އިންތިޚާބާއި އެހެން އިންތިޚާބުތަކުގައިވެސް ކެމްޕޭން ޕޯސްޓަރުތަކާއި ބެނާތައް މުޅި ރާއްޖޭގެ އެކި ހިސާބުތަކުގައި އަބަދުވެސް ހަރުކުރެއެވެ. އެހެންނަމަވެސް މާލެ ސަރަހައްދުގައި އެކަން ކުރެވެނީ ހުއްދަ ނަގައިގެންނެވެ. މާލެ ސިޓީ ކައުންސިލުން މިއަދު ވަނީ ހުއްދައަށް އެދި ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައެވެ.

އެ ކައުންސިލުން ކުރި އިއުލާނުގައި ބުނީ 2023 ވަނަ އަހަރުގެ އިންތިޚާބުގެ ކެމްޕޭނަށް އަދި އެހެން ބޭނުމަކަށް ވެސް މާލެ ސަރަހައްދުގައި ބެނާއާއި، ޕޯސްޓަރު އަދި ދިދަ ދެމޭނީ އެކަމަށް ބޭނުންވާ ހުއްދަ ނަގައިގެން ކަމަށެވެ. އަދި އެ ހުއްދަ ނުނަގާ އެކަން ކުރާނަމަ އެއެއްޗެއް ހަރުކޮށްފައި ހުންނަ ކޮންމެ ދުވަހަކަށް އެކަމެއް ކުރި ފަރާތެއް 1،000ރ އިން ޖޫރިމަނާ ކުރާނެ ކަމުގެ އިންޒާރު ދީފައިވެއެވެ.

މީގެ އިތުރަށް އެ ބެނާއެއް މާލެ ސިޓީ ކައުންސިލުން ވަގުތުން ނަގާނެ ކަމަށާއި، އެ ނައްތާލާނެ ކަމަށް ވެސް އެ ކައުންސިލުން ބުނެފައިވެއެވެ.

މިދިޔަ ރިޔާސީ އިންތިޚާބާ ދިމާކޮށްވެސް މާލެ ސަރަހައްދުގައި ކެމްޕޭން ދިދަ ފަތިތަކާއި، ޕޯސްޓަރުތައް ހަރުކުރި އިރު ހުއްދަ ނެތި އެކަން ކޮށްފައިވާ މައްސަލަ ފެންމަތިވިއެވެ. އަދި އޭރު އެ ބެނާތަކާ ހަވާލުވާނެ ބަޔަކު ނުވެ އެ މައްސަލަ ބޮޑުވިއެވެ. މާލެ ސަރަހައްދުގައި އަބަދުވެސް އިޝްތިހާރާއި ކެމްޕޭން ޕޯސްޓަރު ހަރުކުރުމަކީ އެކަމަށް ބޭނުންވާ ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެކެވެ.