ކުޅިވަރު

މިއަދު ދަތުރުކުރަން ގައްބެ ނިންމައިފި


މިއަދު ހުކުރު ދުވަހަށްވީނަމަވެސް މެންދުރުފަހު ދަތުރުކުރަން އަބުދުލްޣަފޫރު އަލީ، ގައްބެ ނިންމައިފިއެވެ.ރިޔަލުކަނދެއްގައި ރާއްޖެ ވަށާ ބުރުޖެހުމުގެ ތާރީޚީ މުޙިންމު ދަތުރުމަތީގައިވާ ގައްބެ ހުކުރު ދުވަހު ދަތުރު ނުކުރަން ކުރިން ނިންމާފައި އޮތްނަމަވެސް މިއަދު މެންދުރުފަހު ދަތުރުކުރަން ނިންމީ މިވަގުތު ހުރި ކުޑަހުވަދޫއާއި ކައިރީގައި އޮތް ހުޅުދެއްޔަށެވެ. މިގޮތަށް ނިންމާފައިމިވަނީ މޫސުން ގޯސްވުމުގެ ސަބަބުން އިއްޔެ ފ.ފީއައްޔަށްކުރަން އޮތް ދަތުރު ކެންސަލްކުރަން ޖެހި، ރޭވެސް ކުޑަހުވަދޫގައި މަޑުކުރަން ޖެހުމުންނެވެ. ދަތުރު އިންތިޒާމްކުރާ އެޓޯލްސެއިލަރއިން މައުލޫމާތުދޭގޮތުގައި މާދަމާ ގައްބެ ފީއައްޔަށް ދަތުރުކުރާނެއެވެ. ނަމަވެސް ދެންވެސް މޫސުމުގެ ސަބަބުން ދަތުރަށް ގެންނަންޖެހޭ ބަދަލުތައް ގެންނާނެކަމަށް އެޓޯލްސެއިލަރއިން މައުލޫމާތުދެއެވެ. ގައްބެވެސް ބުނެފައިވަނީ މޫސުމަށް ނުބަލައި، މޫސުމާބެހޭ އިދާރާގެ ލަފާ ނުހޯދައި ދަތުރުނުކުރާނެކަމަށެވެ.ޓޫރިޒަމް މިނިސްޓްރީއާއި ގުޅިގެން ކުރިއަށްގެންދާ މިދަތުރަކީ ވިޒިޓް މޯލްޑިވްސް އިޔަރ 2016 އާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ހިންގާ ހަރަކާތްތަކުގެ ތެރޭގައިވެސް ހިމެނޭ އިވެންޓެކެވެ.