ޚަބަރު

ރިލްވާންގެ މަރު: ކޮމިޝަނުގެ ހުށަހެޅުންތަކާއި ގުޅިގެން އޭޖީ އޮފީހާއެކު މަސައްކަތް ފަށައިފި


މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މަރުގެ މައްސަލަ ތަހުގީގުކޮށް މަރު ކޮމިޝަނުން ރައީސަށް އެރުވި ހުށަހެޅުންތަކާއި ގުޅިގެން އެޓާނީ ޖެނެރަލް އޮފީހާއި ބައްދަލުކޮށް މަޝްވަރާތައް ފަށާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފިއެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން އަޙްމަދު ރިޟްވާން ޢަބްދުاللهގެ މައްސަލައިގައި ތައްޔާރުކޮށްފައިވާ ރިޕޯޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އެރުވީ މި މަހުގެ 15 ވަނަ ދުވަހުއެވެ. އެ ރިޕޯޓު ރައީސަށް އެރުވުމަށް ފަހު އެ ކޮމިޝަނުން ވަނީ އޭގައި ހުރި ތަފްސީލީ މައުލޫމާތުތަކަށް ބަލައި މިކަމުގައި ރައީސުލްޖުމްހޫރިއްޔާ އިތުރު ފިޔަވަޅުތަކެއް ކުރިއަށް އޮތް ދުވަސްތަކުގައި އަޅުއްވާނެކަމަށް ގަބޫލުކުރައްވާކަމަށް ވިދާޅުވެފައެވެ.

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ އެ މައްސަލައަކީ ގައުމީ ސަލާމަތާއި ގުޅުންހުރި ގިނަ ކަންތައްތަކެއް ހިމެނޭ މައްސަލައަކަށް ވާތީ އެ ރިޕޯޓުގައި ހިމަނާފައިވާ ރިކޮމެންޑޭޝަންތައް އާންމު ނުކުރެވޭނެ ކަމަށެވެ.

އެކަމަކު އެ މައްސަލައަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ވަރަށް ގާތުން ބައްލަވާ މައްސަލައެއްކަން ފާހަގަކުރައްވާ މިއުވާން ވަނީ މިހާރު ވެސް އެ ރެކޮމެންޑޭޝަންތަކާ ގުޅިގެން އޭޖީ އޮފީހާއެކު މަޝްވަރާތައް ފަށާފައިވާ ކަމަށެވެ.

މި މައްސަލާގައި މިހާތަނަށް ތިން މީހެއްގެ މައްޗަށް ދައުވާކޮށްފައިވާކަން ފާހަގަކުރައްވާ މިއުވާން ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް މި ރިޕޯޓާއި ގުޅިގެން ޕީޖީ އޮފީހަށް ހުށަހަޅަން ޖެހޭ ކަންކަމާއި، އެ ނޫންވެސް ކަންކަން ވީހާވެސް އަވަހަށް ކުރާނެ ކަމަށެވެ.

ރިޟްވާން ގެއްލިފައިވަނީ 2014 ވަނަ އަހަރުގެ އޯގަސްޓްމަހުގެ 7 ވަނަ ދުވަހުއެވެ.

ރިޟްވާންގެ މަރާއި ގުޅޭގޮތުން ރިޔާސީ ކޮމިޝަނުން އެކުލަވާލި ރިޕޯޓް ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެކޮމިޝަންގެ ރައީސް ފަރީޝާ ޢަބްދުﷲ ވިދާޅުވީ، ރިޟްވާނަށް އަނިޔާ ލިބެން މެދުވެރިވި ސަބަބުތައް އެކޮމިޝަނުން ތަހްގީގްކޮށް ހޯދާފައިވާކަމަށެވެ. އެގޮތުން 2014 ވަނަ އަހަރުގެ އޮގަސްޓު މަހާ ހަމައަށް ދިވެހިރާއްޖެ އޭރުގެ ސިޔާސީ އިޖްތިމާޢީ އަދި ދީނީ ހަމަނުޖެހުންތަކެއްގެ ތެރޭގައި އޮތްކަން ފާހަގަކުރައްވާ، ހަރުކަށި ފިކުރުގެ ފަރާތްތަކާއި ކުށްކުރާ ގޭންގުތަކުގެ ބާރާއި ނުފޫޒު އޭރު އިތުރުވެފައިވުމަކީ އެކަމަށް މަގުފަހިވެފައިއޮތް ކަމެއްކަމަށް ފަރީޝާ ވިދާޅުވިއެވެ.

ފަރީޝާ ވިދާޅުވިގޮތުގައި ރިލްވާން މަރާލާފައިވަނީ ރަހީނުކޮށްގެން ގެންދިއުމަށް ފަހު ކަރުބުރިކޮށްލައިގެން ކަމަށާއި، މަރާލުމަށްފަހު ކަނޑުފެއްތީކަމަށް ކޮމިޝަނުން ހޯދާފައިވާކަމަށެވެ. އަދި ރިޟްވާން އަރުވައިގެން ގޮސް ކަނޑުފެއްތި ދޯނީގައި ތިބީ ހަމީހުންކަމަށް ވިދާޅުވެ ރިޔާސީ ކޮމިޝަނުން ވަނީ އެމީހުންގެ ވަނަވަރުވެސް އާންމުކޮށްފައެވެ.

ރިޟްވާން މަރާލުމަށް ޢަމަލުކުރި ގޮތަކީ ވަރަށް ދުރާލައި ރޭވިގެން ހިންގާފައިވާ ކަމެއްކަމަށްވެސް ފަރީޝާ ވިދާޅުވިއެވެ. އަދި އެކަން އޮޅުވާލުމަށް ސަރުކާރުން އޭރު މަސައްކަތްކޮށްފައިވާކަމަށާއި، ރިޟްވާން ރާއްޖެއިން ބޭރަށް ފުރައިގެން ގޮސް ސީރިއާގައި މަރުވެފައިވާކަން ދެއްކުމަށް އޭރު މަސައްކަތްކޮށްފައިވާކަން ތަހްގީގަށް ކަށަވަރުކުރެވިފައިވާކަމަށްވެސް ރިޔާސީ ކޮމިޝަނުން ވިދާޅުވިއެވެ.