ޚަބަރު

ރީތި ތާރީހާއި ދިމާކޮށް މިއަދު 58 ކައިވެނި


ރީތީ ތާރީހަކަށްވުމުން ފެމިލީ ކޯޓުގައި މިއަދު 58 ކައިވެނިކުރަން ތާވަލުކޮށްފިއެވެ.

ރާއްޖޭގައި އާއްމުގޮތެއްގައި ރީތި ތާރީހުތަކުގައި ވަރަށް ގިނަ މީހުން ކައިވެނިކުރެއެވެ.

އެގޮތުން މިއަދުގެ ތާރީހުކަމަށްވާ 22-12-22 އެކަހަލަ ރީތި ތާރީޚެކެވެ.

ފެމިލީ ކޯޓުން މިއަދުގެ ކައިވެނިތަކުގެ މައުލޫމާތު އާންމުކޮށްފައިވާއިރު އެ ކޯޓުން ބުނީ މިއަދު 58 ކައިވެނި ކޮށްދޭނެ ކަމަށެވެ. އޭގެތެރެއިން 25 ކައިވެނިކޮށްދެނީ ރަސްމީ ގަޑީގައި ކަމަށާއި، ނުރަސްމީ ގަޑީގައި 33 ކައިވެނި ކޮށްދޭނެކަމަށެވެ.

މި އަހަރު އައި ރީތި ތާރީހުތަކަށް ބަލާއިރު މިއަދަކީ ދެވަނައަށް އެންމެ ގިނަ މީހުން ކައިވެނި ކުރި ތާރީހެވެ. އެގޮތުން އެންމެ ގިނަ ކައިވެނި ކުރީ، މިއަހަރުގެ އެންމެ ރީތި ތާރީޚު ކަމަށްވާ 22.02.22ގައެވެ. އެ ދުވަހު ފެމެލީ ކޯޓުގައި ރަޖިސްްޓްރީކޮށްގެން 85 ކައިވެނި ވަނީ ކޮށްފައެވެ. މިއަހަރު ދެން އައި އެންމެ ރީތި ތާރީޚަކީ 02.02.22 އެވެ. އެ ދުވަހު މާލޭގައި ވަނީ 39 ކައިވެނި ކޮށްފައެވެ.