ދިވެހިރާއްޖޭގެ ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދަން ބޭނުންނަމަ ދިވެހި ކުޅުންތެރިން ގައުމުން ބޭރުގައި ތަޖުރިބާ ހޯދަން ޖެހޭ ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަޙްމަދު މަރުޒޫގް (މަރޭ) ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ފުޓްބޯޅަ ހާލަތާ ގުޅޭގޮތުން އަމިއްލަ ފޭސްބުކް އެކައުންޓްގައި މަރޭ ހިއްސާކުރި ލިޔުމެއްގައި ވިދާޅުވީ ޒުވާން އުމުރުގައި ރާއްޖެގައި ތިބި ކުޅުންތެރިންނަށް އެންމެ އެކަށީގެންވާ ގޮތެއްގައި ތަމްރީން ލިބިފަނުވާކަމަށެވެ. ކުރިން ރާއްޖޭގެ ބޮޑެތި ކުލަބުތަކަށް ފުޓްބޯޅަވެސް ކުޅުނު މަރޭ ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ ކުޅުންތެރިން އުމުރުން 16 އަހަރާއި 20 އަހަރުގައި ރާއްޖޭބޭރަށް ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ހޯދަ ދެވިއްޖެ ކަމަށް ވާނަމަ އެކަމުގެ ރަނގަޅު އަސަރު ދިވެހި ފުޓްބޯޅައަށް ކުރާނެކަމަށެވެ. އެވާހަކަތަށް މަރޭ ހިއްސާ ކުރީ ފުޓްބޯޅަ ކުރިއަރާފަވާ ގުއުމުތަކުން މިސާލު ނަގަމުންނެވެ.
މަރޭ އިތުރަށް ތަފްސީލުކޮއްދެމުން ލިޔުއްވާފަވަނީ ކުރިއަރަމުންދާ ގައުމުތަކުން ވެސް ބޭރުގައުމުތަކަށް ކުޅުންތެރިން ފޮނުވައިގެން އޭގެ ފައިދާ ކުރާ މަންޒަރު ފެންނަމުންދާ ކަމަށެވެ. މަރޭ ވިދާޅުވީ އޭނާ އެކަން ފާހަގަކުރީ ރާއްޖޭގެތަބި ކޯޗުންގެ ފެންވަރު ދައްވެގެން ނޫންކަމަށާއި އެކުޅުންތެރިންނަށް އެކަށީގެންވާ މާހައުލެއް ރާއްޖޭގައި ނެތުމުންކަމަށެވެ. ރާއްޖޭގައި އާމުކޮށް ކުޅުންތެރިން ކޯޗުންނާ އެކު ހޭދަކުރަނީ 2 ގަޑިއިރު ކަމަށާއި ރާއްޖޭގެ ކުޅުންތެރިންނަށް އުމުރާ ބަލާއިރު އެކަށީގެންވާ ވަސީލަތާއި މާހައުލެއް ވެސް ކުރަށްދާންނެތްކަމަށެވެ.
ހަރަދާ ފައިސާގެ ގޮތުން ބަލާއިރު މިއީ މާ އަގުބޮޑު ކަމެށް ނޫންކަމަށާއި ދުނިޔޭގައި މޮޅެތި ކުޅުންތެރިން އުފައްދާ މައްޝޫރު އެކަޑަމީތައް އޮތީ ތައްޔާރަށްކަން އެފްބާގައި ހިއްސާކުރި ލިޔުމުގައި މަރޭ ފާހަގަކުރިއެވެ. ރާއްޖޭގެ ގައުމީ ޓީމުން ފަހަކަށް އައިސް ކުޅުނު އެކުވެރިކަމުގެ މެޗުތަކުގައި ވެސް ވަނީ ރަނގަޅު ނަތީޖާ ތަކެއް ނުހޯދިފައެވެ.
ކުލަބް ލެވަލް ސަރަހައްދީ މުބާރާތްތަކުން ރަނގަޅު ނަތީޖާ އެއް ނުހޯދޭތާ ވަނީ އަހަރު ތަކެއްވެފައެވެ.