ކުޅިވަރު

މެލޭޝިޔާގައި ކުޅެމުންދާ އަޝްފާޤް ހަވީރު އެވޯޑަށް ވާދަކުރަނީ


ހަވީރުން ހޮވާ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ
މަޤާމަށް ވާދަކުރާ ގަދަ ފަސް ކުޅުންތެރިންގެ ތެރޭގައި މެލޭޝިޔާގެ ޕީޑީއާރްއެމްއަށް
ކުޅެމުންދާ އަލީ އަޝްފާޤް ހިމެނިއްޖެއެވެ.



އަޝްފާޤް
ގަދަ ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނުއިރު މިދިޔަ އަހަރު އޭނާ ރާއްޖޭގައި ކުޅެފައިވަނީ ހަމައެކަނި ޕީޕަލްސް ކަޕްގައެވެ. އެމުބާރާތުން އެވޯޑަށް ވާދަކުރާ ކުޅުންތެރިންގެ ތެރޭގައިވެސް އަޝްފާޤް ހިމެނުނެވެ. އޭގެއިތުރުން ސާފް ސުޒުކީކަޕާއި، ޤާއުމީ ޓީމް ކުޅުނު އެހެން ބައެއް މެޗުތަކުގައި އަޝްފާޤް ކުޅުނެވެ. އަޝްފާޤްގެ އިތުރުން އެވޯޑަށް ވާދަކުރާ ކުޅުންތެރިންގެ ތެރޭގައި ދެން ހިމެނެނީ
މިދިޔަ އަހަރު ނިއުރޭޑިއެންޓަށް ލީގު ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކުރި
ކެޕްޓަން އައްސަދު އަލީއާއި، ޑިފެންޑަރ ޝާފީޢު އަހުމަދާއި، މާޒިޔާގެ އަސަދުﷲ
އަބުދުﷲއާއި، އަހުމަދު ނާޝިދުއެވެ. ނިއުގައި މޮޅަށް ކުޅުނު ހަމްޒާ މުޙައްމަދާއި، އީގަލްސްގެ ކެޕްޓަން އިސްމާއީލް އީސާ އެވޯޑަށް ވާދަކުރާ ކުޅުންތެރިންގެ ތެރޭގައި ނުހިމެނެއެވެ.ނަމަވެސް 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ހަމްޒާ މުޙައްމަދު ވާދަކުރެއެވެ. މިއެވޯޑަށް ދެން ވާދަކުރަނީ ލީގުގެ މޮޅު ކުޅުންތެރިޔާ ޓީސީ ސްޕޯޓްސްގެ ނާއިޒް ހަސަންއާއި، ކްލަބް
އީގަލްސްގެ އިބްރާހިމް މުބީންއެވެ. އެންމެ މޮޅު ކޯޗުގެ މަޤާމަށް ވާދަކުރަނީ ޓީސީގެ
ކޯޗް މުހައްމަދު ނިޒާމްއާއި، މާޒިޔާގެ ކޯޗް އަލީ ސުޒޭންގެ އިތުރުން އީގަލްސްގެ ކޯޗް
އިޙްސާން އަބުދުލް ޤަނީއެވެ. އެންމެ މޮޅު ރެފްރީގެ މަޤާމަށް ވާދަކުރަނީ މި މަޤާމް
އެންމެ ފަހުން ހޯދި އަހުމަދު ޝިފާންއާއި، އަހުމަދު އަމީޒްގެ އިތުރުން އާދަމް ފަޒީލްއެވެ. ހަވީރު ސްޕޯޓްސް އެވޯރޑްގެ މީޑިޔާ ޕާރޓްނަރަކީ ޕީއެސްއެމްއެވެ.