ޚަބަރު

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ އެހީގައި ގެވެށި އަނިޔާއިން ރައްކާތެރިވާނެ "ސޭފް ހޯމް"


އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ އެހީގައި ހިންގާ "ސްޓްރެންތަނިންގ ޖެންޑަރ އިންކްލޫސިވް އިނީޝިއޭޓިވްސް" މަޝްރޫޢު ކުރިއަށްގެންދިއުމަށް އެ ބޭންކުން ދޭ 7.5 މިލިއަން ޑޮލަރުގެ ހިލޭ އެހީ އަދި ޖަޕާނު ސަރުކާރުން ދޭ 2.5 މިލިއަން ޑޮލަރުގެ ފަންނީ އެހީގެ އެއްބަސްވުމުގައި ދިވެހި ސަރުކާރާއި، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުން ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރާއި، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ ފަރާތުން ސޮއިކޮށްފައިވަނީ މިކަމަށްޓަކައި މިނިސްޓްރީ އޮފް ފިނޭންސް ގައި މިއަދު ހެނދުނު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފިނޭންސް އިބްރާހިމް އަމީރެވެ. އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓަރ ޑރ. ތިއާމް ހީ އެން.ޖީއެވެ.

އޭޑީބީގެ އެހީގައި ހިންގާ މި މަޝްރޫޢަކީ މައިގަނޑު ފަސް ނަތީޖާއެއް ޙާސިލްކުރުމަށް އަމާޒުހިފައިގެން 5 އަހަރަށް ބަހާލައިގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫޢުގެ ލަނޑުދަނޑިތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ފަސް ކަމަކީ

1- މިންތީގެ ދާއިރާއާ ގުޅޭ ތަފާސްހިސާބުގެ ކަންކަން ބެލެހެއްޓުން ހަރުދަނާކުރުމާއި،

2- ރެސްޕޮންސިވް ބަޖެޓިންގ ތަޢާރަފްކޮށް، ބަޖެޓް އެކުލަވާލާއިރު ޖެންޑަރ ރެސްޕޮންސިވް ބަޖެޓެއް ތައްޔާރު ކުރަން މުވައްޒަފުން ތަމްރީން ކުރުމާއި،

3- އިޖުތިމާޢީ ރައްކާތެރިކަމުގެ ޚިދުމަތް ފޯރުކޮށްދޭ ދާއިރާގެ ޤާބިލްކަން އިތުރުކުރުމުގެ އިތުރަށް ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ މައްސަލަތައް މަދުކުރުން

4- އަދި އަނިޔާ ލިބޭ ފަރާތްތަކަށް އެހީތެރިވުމުގައި މުޖުތަމަޢުގެ ބައިވެރިވުން އިތުރުކުރުމާއި،

4- އަނިޔާ ލިބޭ ފަރާތްތަކަށް ބޭނުންވާ ވަގުތީ ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި ވަގުތީ ރައްކާތެރިކަން ފޯރުކޮށްދޭ ތިން އަމާން ހިޔާ ނުވަތަ 'ސޭފް ހޯމް' ޤާއިމުކުރުމެވެ.

މި ތިން އަމާން ހިޔާ ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ ރ. އަތޮޅާއި، އައްޑޫ ސިޓީގެ އިތުރުން ހުޅުމާލެގައެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި އޭޑީބީގެ ހިލޭ އެހީގައި ކުރިއަށްގެންދާ މި މަޝްރޫޢުގެ ސަބަބުން ގެވެށި އަނިޔާގެ ޝިކާރައަށްވާ އަންހެނުންނާއި ޢާއިލާތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެކަން ފާހަގަކުރެއްވިއެވެ. އަދި މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގައި އަންހެނުންނަށް ކުރާ އަނިޔާގެ މިންވަރު ދަށްކުރުމަށާއި، އިޖުތިމާޢީ އަދި އިޤްތިޞާދީ ކަންކަމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް އެހީތެރިކަން ލިބިގެންދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މިނިސްޓަރ ވަނީ މި ޚާއްސަ މަޝްރޫޢުގެ އެކި މަސައްކަތްތަކުގައި ޝާމިލުވާ އޭޝިއަން ޑިވެލޮޕްމަންޓް ބެންކާއި، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް، ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީ އަދި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ މުވައްޒަފުންގެ މަސައްކަތް ފާހަގަކުރައްވައި އެ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ މިފަހަކަށް އައިސް ރާއްޖެއިން ވަނީ ޖިންސުގެ ހަމަހަމަކަމަށް ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާކަމަށެވެ. އަދި މި މަޝްރޫޢުގެ ދަށުން ޖެންޑަރ އިކުއަލިޓީ އާއި ސޯޝަލް އިންކްލޫޝަން ސްޓެޓިސްޓިކްސް ހަރުދަނާކުރުމަށް ބޮޑު އެހީއެއް ލިބިގެންދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ރާއްޖެއިން މި މަގުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން މި ޕްރޮޖެކްޓުގައި ގާއިމްކުރެވޭ ތިން ހިޔާއާއެކު ރާއްޖެއިން ކުރާ މަސައްކަތަށް ނިމުމެއް ނާންނާނެ ކަމަށާއި އެއީ ފެށުން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ދުނިޔޭގެ ގިނަ ގައުމުތަކުން ޖިންސީ ހަމަހަމަކަން ގާއިމްކުރުމާއި، އަނިޔާއާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރިނަމަވެސް އަދިވެސް އަންހެނުން މިކަންކަމުގެ ޝިކާރައަށް ވަމުންއަންނަ މިންވަރު ބޮޑު ކަމަށެވެ. އަދި މިކަން ބަދަލުވާން ޖެހޭ ކަމަށާއި، ޒުވާނުން ބާރުވެރިކުރުވާ ސަގާފަތެއް ބިނާކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހޭކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ކުޑަކުދިންނާއި، އަންހެނުންނާއި، ދޮށީ ޢުމުރުގެ މީހުންނާއި އަދި ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންގެ އިތުރުން ނާޒުކު ޙާލަތުގައި ދިރިއުޅެމުންދާ ފަރާތްތަކުގެ ޙައްޤަކަށް އުނިކަން ލިބިގެން ނުވަތަ ހާނިއްކައިގެ ޝިކާރައަކަށް ވެގެން ހުށަހެޅޭ މައްސަލަތަކުގައި ބޭނުންވާ ރައްކާތެރިކަމާއި އިޖުތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމަކީ އެ މިނިސްޓްރީން ކުރަމުން އަންނަ އެންމެ މުހިއްމު އެއް މަސައްކަތެވެ.