ކުޅިވަރު

ބިދޭސީ ކުޅުންތެރިއަކު ގެންނަން މަޖުބޫރެއްނޫން - ޓީސީ ކޯޗު ނިޒާމް


އިތުރު ބިދޭސީ ކުޅުންތެރިއަކު ގެންނަން ވިސްނާނީވެސް މެޗުތަކެއް ކުޅުމަށްފަހުކަމަށް ޓީސީގެ ކޯޗު މުޙައްމަދު ނިޒާމް ބުނެފިއެވެ. މިއަހަރުގެ ފުޓްބޯޅަ ސީޒަނަށް ޕްރެކްޓިސް ފަށާފައިވާ ޓީސީގެ ކޯޗު ބުނީ ސްކޮޑަށް އިތުރު ކުޅުންތެރިއަކު އިތުރުވާނެކަމަށް ނުބެލެވޭކަމަށާއި، ބިދޭސީ ކުޅުންތެރިއަކާމެދުވެސް ވިސްނާނީ ޕްރެކްޓިސް މެޗުތަކެއްވެސް ކުޅުމަށްފަހުކަމަށެވެ. ބިދޭސީ ކުޅުންތެރިއަކު ކޮންމެހެން ގެންނަން މަޖުބޫރުކަމަށް ދެކިގެން ކުޅުންތެރިއަކު ނުގެންނާނެކަމަށާއި، ގެންނަ ނަމަވެސް ގެންނާނީ ވަކި މަޤާމަކަށް ކޮންމެހެން ކުޅުންތެރިއަކު ބޭނުންވެއްޖެނަމަ ކަމަށް ނިޒާމް ބުންޏެވެ." ހިޔެއްނުވޭ މިސްކޮޑަށް ދެން ކުޅުންތެރިއަކު އިތުރުވާނެހެނެއް. ބިދޭސީ ކުޅުންތެރިއަކުވެސް ކޮންމެހެން ގެންނަން މަޖުބޫރުކަމަށް ދެކިގެން ނުގެންނާނަން. ބިދޭސީ އިތުރު ކުޅުންތެރިއަކު ގެންނަ ނަމަވެސް ގެންނާނީ ޕްރެކްޓިސް މެޗުތަކެއްވެސް ކުޅުމަށްފަހު އެންމެ ބޭނުންވާ މަޤާމަކަށް." ނިޒާމް ބުންޏެވެ. ޓީސީގައި ބިދޭސީ ކުޅުންތެރިއަކަށް މިވަގުތު ހުރީ މިދިޔަ ސީޒަންގައިވެސް އެޓީމަށް ކުޅުނު ޑިފެޑަރ ކެލާނީއެވެ. މިދިޔަ ސީޒަންގައި ލީގުގެ ދެވަނަ ހޯދި ޓީމްގެ ކޯޗު ބުނީ މިހާރު އޮތް ސްކޮޑަކީ ލޯކަލް ލީގުގައި ވާދަކުރެވޭނެ ސްކޮޑެއްކަމަށެވެ.