ޚަބަރު

އޮސްޓްރޭލިޔާގައި ދިން ބަޑީގެ ހަމަލާތަކެއްގައި ދެ ފުލުހަކު މަރުވެއްޖެ


އޮސްޓްރޭލިޔާގެ ކުއީންސްލެންޑުގެ ރަށްފުށު ހިސާބެއްގައި ފުލުހުންނަށް އަމާޒުކޮށް ދިން ބަޑީގެ ހަމަލާތަކެއްގައި ދެ ފުލުހަކާއި އިތުރު ހަތަރު މީހުން މަރުވެއްޖެއެވެ. މި ހާދިސާ ހިނގާފައި ވަނީ ކުއީންސްލެންޑުގެ ކުޑަ ރަށެއް ކަމުގައިވާ ވިއެމްބިލާގައެވެ. މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހަތިޔާރުއެޅި ތިން މީހަކާއި، ޢާންމުންގެ މީހަކު ވެސް ހިމެނެއެވެ.

ހަތިޔާރު އެޅި މީހުން ފުލުހުންށް ހަމަލާދީފައި ވަނީ ގެއްލިފައިވާ ކަމަށް ބެލެވޭ މީހެއް ހޯދުމަށް ކުރަމުންދިޔަ މަސައްކަތުގެ ދަށުން ވިއެމްބިލާގައި ހުރި ގެއެއް ބަލައިފާސްކުރުމަށް ފުލުހުން އެ ތަނަށް ދިޔުމުންނެވެ. އެ ތަނުގައި ހަތިޔާރު އަޅައިގެން ތިބި ތިން މީހުން ވަނީ ފުލުހުންނަށް ހަމަލާދީފައެވެ. މި ހަމަލާތަކުގައި މަރުވި ދެ ފުލުހުންނަކީ އަލަށް ފުލުހުންގެ ޚިދުމަތާ ގުޅުނު ދެ ފުލުހެކެވެ.

މަރުވީ 26 އަހަރުގެ ރޭޗެލް މެކްކްރޯއާއި 29 އަހަރުގެ މެތިޔު އާރނޯލްޑެވެ. މި ހާދިސާގައި އިތުރު ދެ ފުލުހަކު ޒަޚަމުވެ، ހޮސްޕިޓަލުގައި ފަރުވާދޭން ޖެހުނު ކަމުގައި ކުއީންސްލެންޑުގެ ފުލުހުންގެ އިދާރާއިން ބުނެއެވެ. ފުލުހުންނާއި ހަތިޔާރު އެޅި މީހުންނާ ދެމެދު ބަދަލު ކުރަމުންދިޔަ ހަމަލާތައް ހުއްޓުމަކަށް އައީ، ހަތިޔާރު އެޅި މީހުން މަރައިލުމުންނެވެ. އެއީ، ދެ ފިރިހެނުންނާއި އަންހެނެއް ކަމުގައި ކުއީންސްލެންޑުގެ ފުލުހުން ބުނެއެވެ.

މި ހާދިސާގައި މަރުވި ޢާންމުންގެ މީހަކީ، ބަޑީގެ އަޑުފައްގަނޑު އިވުމާ އެކު ވެގެން އުޅޭ ގޮތް ބެލުމަށް އެ ސަރަޙައްދަށް ދިޔަ 58 އަހަރުގެ މީހެއް ކަމަށާއި، މި ހާދިސާ އިތުރަށް ތަހުޤީޤު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމުގައި ވެސް ފުލުހުން ބުނެއެވެ.

އޮސްޓްރޭލިޔާއަކީ މި ފަދަ ހާދިސާތައް މަދު ޤައުމެކެވެ. އަދި، ޢާންމުން ހަތިޔާރު ގެންގުޅުން ހުއްޓުވުމަށް ހަރުކަށި ޤާނޫނުތަކަކަށް އަމަލު ކުރަމުންދާ ޤައުމެކެވެ. 1996ވަނަ އަހަރުން ފެށިގެން އޮޓޮމެޓިކް އަދި ސެމީ-އޮޓޮމެޓިކް ހަތިޔާރު ގެންގުޅުން އެ ޤައުމުގައި ވަނީ މަނާކޮށްފައެވެ. އެއީ، ޓެސްމޭނިޔާގެ ޕޯޓް އޯތަރގައި ދިން ބަޑީގެ ހަމަލާތަކެއްގައި ޢާންމުންގެ 35 މީހުން މަރައިލުމާ ގުޅިގެން ޤާނޫނަށް ގެނައި ބަދަލެކެވެ.

މި ހާދިސާއާ ގުޅިގެން އޮސްޓްރޭލިޔާގެ ބޮޑުވަޒީރު އެންތަނީ އެލްބެނީޒް ވަނީ ހިތާމަ ފާޅުކުރައްވައި، މަރުވި މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާ ދަންނަވާފައެވެ. އަދި، ކުއީންސްލެންޑުގައި ހިމާތަ ފާޅުކުރުމުގެ ގޮތުން ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަން ނިންމަވާފައެވެ. މި ހާދިސާގައި ފުލުހުންނަށް ހަމަލާދީފައި ވަނީ ދެބެއިންނާއި އޭގެ ތެރެއިން އެކަކުގެ އަންހެނުން ކަމަށް އޮސްޓްރޭލިޔާގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ.