ޚަބަރު

ކާބުލްގައި ހުންނަ ހޮޓަލަކަށް ހަމަލާދީ ތިން މީހުން މަރާލައިފި


އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ހުންނަ ހޮޓަލަކަށް ހަތިޔާރު އެޅި ބަޔަކު ވަދެ ދިން ހަމަލާތަކެއްގައި ތިން މީހުން މަރުވެއްޖެއެވެ. ހަމަލާ ދީފައިވާ ކާބުލް ލޮންގަން ހޮޓަލަކީ، ޗައިނާގެ ޚާރިޖިއްޔާގެ އޮފިޝަލުންނާއި ވިޔަފާރިވެރިންގެ މެދުގައި މަގުބޫލު ތަނެކެވެ. އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އައި.އެސް. ޖަމާޢަތުން ވަނީ ހަމަލާގެ ޒިންމާ އުފުލާފައެވެ.

އެ ހޮޓަލަށް ދިން ހަމަލާގައި ހޮޓަލުގެ ތެރޭގައި ބާރުގަދަ އެއްޗެހިތަކެއް ގޮވާފައިވާ ކަމަށް މަންޒަރު ފެނުނު މީހުން ރިޕޯޓުކޮށްފައިވެއެވެ. ހަމަލާތައް ފެށުމާ އެކު ތާލިބާނުންގެ ފުލުހުން ވަނީ އެ ސަރަޙައްދު ބަންދުކޮށްފައެވެ. އަދި، އެ ތަނުގައި ބަންދުވެފައި ތިބި މީހުން ސަލާމަތް ކުރުމަށް މަސައްކަތް ފަށާފައެވެ.

އެ ހޮޓަލާ ދުރުނޫން ހިސާބެއްގައި އިޓަލީ ވިލާތުގެ މަދަނީ ޖަމުޢިއްޔާއަކުން ހިންގާ ހޮސްޕިޓަލަކުން ވަނީ، މި ހަމަލާގައި ޒަޚަމުވި 21 މީހަކަށް ފަރުވާދީފައިވާ ކަމަށް ބުނެފައެވެ. އެ ހޮސްޕިޓަލް ހިންގާ އެމަރޖެންސީ އެން.ޖީ.އޯ.އިން ބުނީ، މި ހާދިސާގައި ތިން މީހުން މަރުވި ކަމުގައެވެ. ނަމަވެސް، މަރުވެފައި ވަނީ ކޮން ބަޔެއްކަން އަދި ސާފެއް ނޫނެވެ.

މި ހަމަލާގައި ބައިވެރިވި ހަތިޔާރުއެޅި ގުރޫޕުގައި ހިމެނޭ ތިން މީހަކު މަރައިލާފައިވާ ކަމަށާއި، އިތުރު މީހަކު ހައްޔަރު ކޮށްފައިވާ ކަމުގައި ތާލިބާނުންގެ ފުލުހުން ބުނެއެވެ. މި ހަމަލާގައި ހޮޓަލުގެ ތެރޭގައި ބޮންތަކެއް ގޮއްވައިލާފައިވާ ކަމުގައި، ހަމަލާގެ ޒިންމާ އުފުލަމުން އައި.އެސް. ޖަމާޢަތުން ބުންޏެވެ. އަދި، 30 މީހުން ޒަޚަމުކޮށްލާފައި ނުވަތަ މަރައިލާފައި ވާނެ ކަމުގައި ވެސް އެ ޖަމާޢަތުން ބުނެއެވެ.

"ހޮޓަލުގައި ތިބި ހުރިހާ މީހުން މިހާރު ވަނީ ސަލާމަތް ކޮށްފައި. މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ބޭރު ޤައުމެއްގެ އެއްވެސް މީހަކު ނުހިމެނޭ. ނަމަވެސް، ބޭރު ޤައުމެއްގެ ދެ މީހަކު ޒަޚަމުވި. އެ މީހުންނަށް އަނިޔާވީ، ސަލާމަތްވުމަށް ޢިމާރާތުގެ ކުޑަދޮރަކުން ބޭރަށް ފުންމައިލުމާ ގުޅިގެން،" ތާލިބާނުންގެ ސަރުކާރުގެ ތަރުޖަމާނު ޒަބީޢުالله މުޖާހިދު ބުންޏެވެ.

އަފްޣާނިސްތާނުގެ އިންތިޚާބީ ސަރުކާރު ވައްޓައިލުމަށް ފަހު ތާލިބާނުން ވެރިކަމާ ހަވާލުވެފައި ވަނީ 2021ވަނަ އަހަރުގެ އޮގަސްޓު މަހުއެވެ. އެއަށްފަހު، އެ ޤައުމަށް ޒިޔާރަތްކުރާ ޗައިނާގެ ވިޔަފާރިވެރިންގެ އަދަދު އިތުރުވެފައިވާ ކަން ފާހަގަ ކުރެވެއެވެ. ބޭނުމަކީ، އިންވެސްޓުކޮށް ވިޔަފާރި ކުރާނެ އިތުރު ފުރުޞަތުތައް ހޯދުމެވެ.

ޗައިނާއާއި އަފްޣާނިސްތާނާ ދެމެދު 76 ކިލޯމީޓަރުގެ ދިގު ސަރަޙައްދީ ރޮނގެއް އޮވެއެވެ. ޗައިނާއިން ތާލިބާނުންގެ ސަރުކާރު ރަސްމީކޮށް ބަލައިގަނެފައި ނުވި ނަމަވެސް، އެ ޤައުމުގެ ޚާރިޖީ ވުޒާރާގެ އޮފިޝަލުން އަފްޣާނިސްތާނުގައި ގާއިމުވެފައި ތިބެއެވެ.

ޗައިނާގެ ސަރުކާރާ ދެކޮޅު ޖަމާޢަތްތަކަށް އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކުން އެހީތެރިކަން ފޯރުކޮށްދިނުމަކީ ޗައިނާއިން ކަންބޮޑުވާ މައްސަލައެކެވެ. ނަމަވެސް، ހަތިޔާރު އެޅި ޖަމާޢަތްތަކަށް އެ ފުރުޞަތު ނުދޭނެ ކަމުގެ ޔަގީންކަން ތާލިބާނުން ވަނީ ދީފައެވެ. އަދި، ބަދަލެއްގެ ގޮތުން ޗައިނާއިން ދަނީ އަފްޣާނިސްތާނު އާރާސްތު ކުރުމާއި، އިޤުތިޞާދު އަލުން ކޮޅަށްޖެހުމަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.