ޚަބަރު

ޖެކީ ޗަންގެ "ރަޝް އަވާ" ގެ 4 ވަނަ ބައެއް އުފައްދަނީ


މަޝްހޫރު އެކްޓަރު ޖެކީ ޗަންގެ ކާމިޔާބު ފްރެންޗައިޒް ފިލްމު "ރަޝް އަވާ" ގެ 4 ވަނަ ބައި އުފައްދާނެކަމުގެ އިޝާރާތެއް ދީފިއެވެ.

ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ 68 އަހަރުގެ އެކްޓަރު މިވާހަކަ ދައްކާފައި ވަނީ ސައުދީ އަރަބިއްޔާގެ ޖިއްދާގައި ކުރިއަށްދިޔަ ދެވަނަ ރެޑް ސީ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލްގައެވެ. އެ ފިލްމު ހަދާނެ ޑައިރެކްޓަރާވެސް ވަރަށް އަވަހަށް ބައްދަލުކުރާނެ ކަމަށް ޖެކީ ޗަން ބުންޏެވެ. ނަމަވެސް ޑައިރެކްޓަރަކީ އަދި ކާކު ކަމެއް ޖެކީ ނުބުނެއެވެ.

މި އެކްޝަން-ކޮމެޑީގެ 3 ފިލްމު ވެސް ޑައިރެކްޓްކުރީ ބްރެޓް ރަޓްނާއެވެ. 1998 ވަނަ އަހަރު ގެނެސްދިން "ރަޝް އަވާ" ގެ 2 ވަނަ ބައި ގެނެސްދިނީ 2001 ވަނަ އަހަރުއެވެ. އަދި 3 ވަނަ ބައި ރިލީޒްކުރީ 2007 ވަނަ އަހަރުއެވެ.

"ރަޝް އަވާ" ގެ ފިލްމުތަކުގައި ޖެކީ ޗަންއާ އެކީ އެންމެ މުހިއްމު ރޯލެއް ކުޅެފައި ވަނީ ކްރިސް ޓަކާއެވެ.