ކުޅިވަރު

މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ ފަބްރީޒިއޯއާއެކު ރާއްޖޭގެ ކުޅިވަރު ނޫސްވެރިންގެ ޚާއްސަ މެޗެއް


އިޓަލީގެ މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯއާއެކު ދިވެހި ކުޅިވަރު ނޫސްވެރިން ޚާއްސަ މެޗެއް ކުޅެފިއެވެ.

ހޯމަ ދުވަހު، ކްރޮސްރޯޑްގެ ފުޓްސެލް ދަނޑުގައި ކުޅުނު މި މެޗުގައި ކްރޮސްރޯޑްސްގެ ޓީމު އަދި ކުޅިވަރާ ބެހޭ ވުޒާރާގެ ޓީމު ތަމްސީލުކޮށްފައިވަނީ ރާއްޖޭގެ ކުޅިވަރު ނޫސްވެރިންނެވެ. މި މެޗު ކާމިޔާބުކުރީ ފަބްރީޒިއޯ ކުޅުނު ކްރޮސްރޯޑްސްގެ ޓީމެވެ.

މި މެޗުގައި ފަބްރީޒިއޯގެ އިތުރުން ކުޅިވަރާ ބެހޭ ވަޒީރުވެސް ވަނީ ކުޅެފައެވެ. ވަޒީރު ކުޅެފައިވަނީ، ކުޅިވަރާ ބެހޭ ވުޒާރާގެ ޓީމަށެވެ.

މި މެޗަށްފަހު މީޑިއާތަކަށް ދިން އިންޓަރވިއުގައި، ފަބްރީޒިއޯ ވަނީ ރާއްޖޭގެ ކުޅިވަރު އިންފްރާސްޓަކްޗާއަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތައް ތައުރީފުކޮށްފައެވެ. އަދި ކުޅިވަރު ނޫސްވެރިން ވަޒީފާއެއްގެ ގޮތުގައި ކުޅިވަރު ޚަބަރުތައް ކަވާ ކުރުމުގެ ބަދަލުގައި، އަމިއްލަ މަސައްކަތެއްގެ ގޮތުގައި އެކަން ކުރުމަށް ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން ފަބްރީޒިއޯ ވަނީ ރާއްޖޭން ލިބުން މެހެމާނުދާރީއަށް ޝުކުރުއަދާކޮށްފައެވެ.

މި މެޗަށްފަހު ޕީއެސްއެމް ސްޕޯޓްސްއާ ވާހަކަ ދައްކަވަމުން ކުޅިވަރާ ބެހޭ ވަޒީރު އަޚްމަދު މަޚްލޫފް ވިދާޅުވީ، ފަބްރީޒިއޯ ދެވަނަ ފަހަރަށް ރާއްޖެއައުމުން، ކުޅިވަރު ނޫސްވެރިންނަށް މިކަން ކޮށްދޭން ބޭނުންވި ކަމަށެވެ. އަދި ކްރޮސްރޯޑްސްގެ މެނޭޖުމަންޓްގެ އިތުރުން ފަބްރީޒިއޯއަށް ޝުކުރުއަދާކުރައްވާ ކަމަށް މަޚްލޫފް ވިދާޅުވިއެވެ.

މަޚްލޫފް ވިދާޅުވީ، މި އަހަރު ރާއްޖޭގައި ބޭއްވުނު ސްޕޯޓްސް އެވޯޑްގެ ސަބަބުން ކުޅިވަރުގެ ގިނަ ޚިދުމަތްތެރިންނަށް ރާއްޖެ އެނގިއްޖެ ކަމަށާއި، އަދި ސްޕޯޓްސް އެވޯޑްގައި ބައިވެރިވި ބޭރުގެ އެތުލީޓުންނާއި، ބައެއް މަޝްހޫރު ފަރާތްތަކުން އަންނަނީ ރާއްޖޭގެ އެތުލީޓުންނަށް މިހާރުވެސް އެހީތެރިވަމުން ކަމަށެވެ.

މި މެޗަކީ ކުޅިވަރާ ބެހޭ ވުޒާރާއާ، ކްރޮސްރޯޑްސް ގުޅިގެން އިންތިޒާމުކުރި މެޗެކެވެ. މީގެ ކުރިން މި އަހަރުގެ ސްޕޯޓްސް އެވޯޑުގައިވެސް ފަބްރީޒިއޯ ވަނީ ބައިވެރިވެފައެވެ.

ގަތަރުގައި ވޯލްޑް ކަޕް ކުރިއަށްދާއިރު، ފަބްރީޒިއޯ އަންނަނީ ކްރޮސްރޯޑްސްގެ ހާޑް ރޮކް ހޮޓެލްސްގައި ސްޓޭޝަންވެ، ވޯލްޑް ކަޕުގެ އެންމެ ފަހުގެ މައުލޫމާތު އާންމުންނާ ހިއްސާކުރަމުންނެވެ.