ދުނިޔެ

ލީބިޔާގެ އިންޤިލާބަށް 5 އަހަރު ފުރުން ފާހަގަކޮށްފި


ލީބިޔާގެ ކުރީގެ ޒައީމް ކާނަލް މުއައްމަރުލް ގައްޒާފީގެ ވެރިކަމާ ދެކޮޅަށް އެޤައުމުގެ ރައްޔިތުން ފެށި ރައްޔިތުންގެ އިންގިލާބަށް 5 އަހަރު ފުރުން ވެރިރަށް ތަރާބްލްސްގައި ފާހަގަކޮށްފިއެވެ.މި މުނާސަބާ ފާހަގަކުރުމުގެ ގޮތުން ލީބިޔާގެ އާންމުންގެ އެތަށް ހާސް ބަޔަކު ތަރާބްލްސްގެ ޝަހީދުންގެ މައިދާނަށް ބުދަދުވަހުގެ ހަވީރާއި އިރާކޮޅު އެއްވެފައިވާއިރު، ލީބިޔާގެ އިސް މަސްއޫލުވެރިއަކު އެތަނުން ފެނިފައެއް ނުވެއެވެ. އަދި ތަރާބްލްސްގައި ވާ ލީބިޔާގެ ސަރުކާރުންވެސް މިމުނާސަބާ ފާހަގަކުރުމުގެ ގޮތުން ރަސްމީ ސިފައެއްގައި ހަރަކާތެއް ހިންގާފައެއް ނުވެއެވެ.ލީބިޔާގެ ރައްޔިތުންގެ އުތުރިއެރުމާއެކު ގައްޒާފީގެ ވެރިކަން ވެއްޓިފައިވަނީ 2011 ވަނަ އަހަރުގެ ފަހުކޮޅުއެވެ. ނަމަވެސް ގައްޒާފީގެ ވެރިކަމާ ދެކޮޅަށް ލީބިޔާގެ ރައްޔިތުން ތެދުވެ އުތުރި އަރަން ފެށީ، 2011 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހުއެވެ. ގައްޒާފީގެ ވެރިކަން ވައްޓާލުމަށްފަހު، ލީބިޔާގެ ޙާލަތު ރަނގަޅުވުމުގެ ބަދަލުގައި ހާލަތު އިތުރަށް ގޯސްވެ، ލީބިޔާގައި ވަނީ ވާދަވެރި ދެ ސަރުކާރު އުފެދިފައެވެ. އަދި ލީބިޔާގައި އައިއެސް ޖަމާއަތް ފައިހަރުކޮށްލާފައިވާއިރު، ސިޔާސީ ވާދަވެރިކަމުގައި އެކި ޖަމާޢަތްތަކުން އެޤައުމުގެ އެކި ކަންކޮޅުތަކުގައި ގެންދަނީ ހަނގުރާމަ ކުރަމުންނެވެ.