ޚަބަރު

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކުރިޔަށް އޮތް 4 މެޗު ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭނެ


ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކުރިޔަށް އޮތް ހަތަރު މެޗުގެ ލައިވް ދިވެހި ކޮމެންޓްރީ ދިވެހިރާއްޖޭގެ އަޑުން ގެނެސްދިނުމަށް ހަމަޖެހިއްޖެއެވެ.

މިހާރު ގަތަރުގައި ކުރިޔަށްދާ 22 ވަނަ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރަތުގެ ކުރިޔަށް އޮތް ސެމީ ފައިނަލު ދެ މެޗާއި ތިން ވަނަ ހޮވާ މެޗާއި، ފައިނަލް މެޗްގެ ކޮމެންޓްރީ ވަގުތުން ގެނެސްދިނުމަށް ހަމަ ޖެހިފަވާކަން ހާމަކުރަމުން އަޑުގެ ޑިރެކްޓަރ އޮފް ރޭޑިއޯ، މުހަންމަދު ޝާކިރު ވިދާޅުވީ އަޑުން ގެނެސްދޭނީ ދިވެހި ކޮންމެޓްރީ އެކަނި ނޫން ކަމަށެވެ. އަދި މެޗާއި ގުޅިގެން ޕްރީޝޯ އެއް ގެނެސްދިނުމަށް ތައްޔާރުވަމުން އަންނަ ކަމަށް ޝާކިރު ވިދާޅުވިއެވެ. ޝާކިރު ވިދާޅުވީ މެޗު ހިނގަމުންދާ ގޮތް ޝޯޝަލް މީޑިޔާގެ ޕްލެޓް ފޯމެއްކަމަށްވާ ކުލަބް ހައުސް މެދުވެރިކޮށް ވަގުތުން އަޑުއެހުމުގެ އިންތިޒާމު ވެސް ހަމަޖެހިފަވާ ކަމަށެވެ.

މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ދިވެހިރާއްޖޭގެ އަޑު މެނޭޖަރ ރޭޑިޔޯ، ނަސްރުﷲ އިދުރީސް ވިދާޅުވީ އަޑުން ވޯލްޑް ކަޕްގެ ފަހު 4 މެޗު ގެނެސްދިނުމަށް ނިންމީ ގިނަ ބަޔަކު އެކަމަށް އެދެމުން އަންނާތީ ކަމަށެވެ. އަދި މިކޮމެންޓްރީ ރާއްޖޭގައި ދިރިއުޅޭ ފެނުމުން މަހްރޫމްވެފަ ތިބި ފަރާތްތަކަށް ޚާއްސަވެގެން ދާނެކަމަށް ވެސް ނަސްރު ވިދާޅުވިއެވެ. ވޯލްޑް ކަޕްގެ ސެމީ ފައިނަލް ދެ މެޗު އޮންނާނީ 13 ވާ އަންގާރަދުވަހުގެ ރޭ އާއި 14 ބުދަވުވަހުގެ ރޭ 12 ޖަހާއިރުއެވެ. ތިންވަނަ ހޮވާ މެޗު އޮންނާނީ 17ވާ ހޮނިހިރު ދުވަހުގެރޭ 8 ޖަހާއިރު އަދި ފައިނަލު މެޗު އޮންނާނީ 18ވާ އާދީއްތަ ދުވަހުގެރޭ 8 ޖަހާއިރުއެވެ.

ދިވެހިރާއްޖޭގެ އަޑުން މީގެ ކުރިންވެސް ވަނީ 2010 ވަނަ އަހަރު ދެކުނުއެފްރިކާގައި ބޭއްވި ވޯލްޑްކަޕް ފުޓްބޯޅަ މުބާރަތުގެ މެޗުތަކުގެ ދިވެހި ކޮމެންޓްރީ ވަގުތުން ދުރަށް ފޮނުވާފައެވެ. އަދި 2013 ވަނަ އަހަރު ކުލަބް ވޯލްޑް ކަޕް ފައިނަލު މެޗުވެސް ދިވެހިރާއްޖޭގެ އަޑުން ވަނީ ގެނެސްދީފައެވެ.