ޚަބަރު

ރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ޤަތަރަށް


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އަނބިކަނބަލުން ފަޒްނާ އަޙްމަދު ޤަޠަރަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިރޭ ފުރާވަޑައިގަންނަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ މިދަތުރުފުޅަކީ ޤަޠަރުގެ އަމީރު ޝެއިޚް ތަމީމް ބިން ޙަމަދު އައްޘާނީގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ މި ދަތުރުފުޅުގައި ޤަޠަރުގައި މިހާރު ކުރިޔަށްދާ ފީފާ ވޯލްޑް ކަޕް 2022 ގެ ސެމީ ފައިނަލް މެޗުތައް ބައްލަވާލެއްވުމަށްވަނީ ހަމަޖެހިފައެވެ. މިދަތުރުފުޅަކީ ރާއްޖެއާއި ޤަތަރާއި ދެމެދު އޮތް ހަރުދަނާ ގާތް ގުޅުން ރަމްޒުކޮށްދޭ ދަތުރުފުޅެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުންގެ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ.