ޚަބަރު

އައްޑޫ ސިޓީން ބަނގުރާކަމަށް ބެލެވޭ 15 ހަން ފުލުހުން ހޯދައިފި


އައްޑޫ ސިޓީން ބަނގުރާ ކަމަށް ބެލެވޭ 15 ހަމާއި ބަނގުރާ ކެއްކުމަށް ބޭނުންކުރާކަމަށް ބެލެވޭ ތަކެތި ހޯދާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ވިދާޅުވީ މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަނެއްގައި މިތަކެތި ފެނިފައިވަނީ އައްޑޫ ސިޓީ ހިތަދޫ ރަށުތެރެ ޕެޓްރޯލްކުރުމުގެ ތެރެއިން އެރަށު ފަޅުގެއަކުންކަމަށެވެ. މިގޮތުން ބަނގުރާކަމަށް ބެލެވޭ އެއްޗެއް ހުރި 15 ހަން ފެނިފައިވާއިރު ބަނގުރާ ކެއްކުމަށް ބޭނުންކުރާ ތަކެތިވެސް ހޯދާފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. އެހެންނަމަވެސް މިމައްސަލައާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ވިދާޅުވެއެވެ.

މިމައްސަލަ ހިތަދޫ ޕޮލިސްޓޭޝަނުންއަންނަނީ އިތުރަށް ތަޙުގީގުކުރަމުންނެވެ.