ޚަބަރު

އެމެރިކާއިން ޔޫކްރެއިނަށް 275 މިލިޔަން ޑޮލަރު އަސްކަރީ އެހީ ފޮނުވަނީ


275 މިލިޔަން ޑޮލަރުގެ އަސްކަރީ އެހީ ޔޫކްރެއިނަށް ފޮނުވަން ނިންމާފައިވާ ކަން އެމެރިކާއިން ހާމަކޮށްފިއެވެ. ވައިޓް ހައުސް ކުރި އިޢުލާނެއްގައި ބުނެފައި ވަނީ، ރަޝިޔާ ސިފައިން ޔޫކްރެއިނަށް ދެމުންދާ މިސައިލާއި ޑްރޯން ހަމަލާތަކުން ދިފާޢުވާން އެހީތެރިވުމަށް ރައީސް ޖޯ ބައިޑަން ނިންމަވާފައިވާ ކަމަގައެވެ. އަދި، ޔޫކްރެއިނަށް ދޭން ނިންމާފައިވާ އަސްކަރީ އެހީގެ ތެރޭގައި ޑްރޯން ހަމަލާތަކުން ދިފާޢުވެވޭނެ ނިޒާމުތަކާއި، ވައިގެ ސިފައިންގެ ގާބިލުކަން އިތުރުކޮށްދޭނެ ވަސީލަތްތައް ހިމެނޭ ކަމުގައި ވައިޓް ހައުސްއިން ބުނެއެވެ.

ޔޫކްރެއިނަށް ފޮނުވަން އެމެރިކާއިން ނިންމާފައިވާ އަސްކަރީ އެހީގެ ޕެކޭޖުގައި ހިމެނެނީ ހައިމާސް ރޮކެޓް ސިސްޓަމަށް ބޭނުންވާ ރޮކެޓާއި، އާޓިލަރީ ބަޑީގެ ވަޒަނެވެ. މީގެ އިތުރުން، ހަމްވީ މަރުކާގެ އެއްގަމު އުޅަނދާއި، 150 ޖަނަރޭޓަރު ވެސް ހިމެނޭ ކަމުގައި ވައިޓް ހައުސްއިން ބުނެއެވެ.

މިއީ، ޔޫކްރެއިނަށް އަސްކަރީ އެހީ ފޮނުވަން ބައިޑަން ނިންމަވާފައިވާ 27ވަނަ ފަހަރެވެ. އޭނާ މި ކަން ނިންމަވާފައި ވަނީ ރައީސްގެ ހައިސިއްޔަތުން އޭނާއަށް ލިބިވަޑައިގަންނަވާ ޕްރެޒިޑެންޝަލް ޑްރޯޑައުން އޮތޯރިޓީގެ ބާރެވެ. މިއީ ކުއްލި ހާލަތްތަކުގައި ޚަރަދު ކުރުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ އިޚުތިޔާރު އޭނާއަށް ލިއްބައިދޭ ބާރެކެވެ. އަދި، މިއީ ކޮންގްރެސްއިން ހުއްދަ ހޯދަން ޖެހޭ ނިންމުމެއް ވެސް ނޫނެވެ.

އެހީގެ ޕެކޭޖުގައި ހިމެނޭ ސާމާނު ވެސް މިހާރު ވެސް ޔޫކްރެއިނަށް ފޮނުވުނުގެ މަގުމަތީގައިވާ ކަމަށް އެމެރިކާގެ ޤައުމީ ސަލާމަތާ ބެހޭ ކައުންސިލުގެ ތަރުޖަމާނު ޖޯން ކަރބީ ވިދާޅުވިއެވެ. އެމެރިކާއިން ފޯރުކޮށްދޭ އެހީގެ ތެރޭގައި ޔޫކްރެއިނުގެ އަސްކަރިއްޔާގައި މިހާތަނަށް ނެތް އައު ސާމާނު ހިމެނޭނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. މީގެ ތެރޭގައި ޑްރޯން ފަދަ ހަތިޔާރު ހިމެނޭ ކަމަށް ބެލެވެއެވެ.

ރަޝިޔާއިން މެދުކެނޑުމެއް ނެތި ޔޫކްރެއިންގެ އަމާޒުތަކަށް ދެމުންދާ މިސައިލާއި ޑްރޯން ހަމަލާތަކުގެ ބޭނުމަކީ، ޔޫކްރެއިނުގެ ދިފާޢީ ނިޒާމު ބަލިކަށިކޮށްލުން ކަމުގައި އެމެރިކާއިން ބުނެއެވެ. އަދި، ޔޫކްރެއިން ސިފައިން ބޭނުން ކުރަމުންދާ މިސައިލް ފަދަ ހަތިޔާރުތަކުގެ އަދަދު މަދުވުމުން، ރަޝިޔާގެ ވައިގެ ސިފައިންނަށް ޔޫކްރެއިނުގެ ސަރަޙައްދަށް އަރައި ވަރުގަދަ ހަމަލާތަކެއް ދިނުމުގެ މަގުފަހިވާނެ ކަމުގައި އެމެރިކާއިން ޤަބޫލު ކުރެއެވެ.

މި ކަން ކާމިޔާބުވިޔަ ނުދިނުމަށް އެމެރިކާގެ އިތުރުން ހުޅަނގުގެ އެހެން ބާރުތަކުން ވެސް ދަނީ ޔޫކްރެއިނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މިގޮތުން އެމެރިކާއިން ވަނީ އަސްކަރީ މަތިންދާބޯޓުތަކަށް ހަމަލާދިނުމަށް ބޭނުން ކުރާނެ "ނެސެމް" ސިސްޓަމާއި، ބާރުގަދަ މިސައިލްތަކެއް ކަމުގައިވާ "ސްޓިންގަރ،" "އެވެންޖަރ" އަދި "ހޯކް" މިސައިލް ފޯރުކޮށްދީފައެވެ. ޔޫކްރެއިން ހަނގުރާމަ ފެށި ފަހުން އެމެރިކާއިން އެ ޤައުމަށް ފޮނުވާފައިވާ އަސްކަރީ އެހީގެ އަދަދު 19.3 ބިލިޔަން ޑޮލަރަށް އަރައެވެ.