ޚަބަރު

ސަމަރުބްލޫ އިބްރާހިމް މަނިކުގެ ތަޢުޒިޔާގެ ދަފްތަރުގައި ސޮއިކުރުމުގެ މުއްދަތު އިތުރުކޮށްފި


ސަމަރުބްލޫ އިބްރާހީމް މަނިކުގެ ހަނދާނުގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފްތަރުގައި ސޮއިކުރުމުގެ މުއްދަތު މިމަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.

މި ދަފްތަރު ހުޅުވާފައި ހުންނާނީ ޕަބްލިކް ސާވިސް މީޑިއާގެ ރޭޑިއޯ ބިލްޑިންގައެވެ.

ސަމަރުބްލޫ އިބްރާހީމް މަނިކުގެ ހަނދާނުގައި ދިވެހިރާއްޖޭގެ އަޑުގައި ތަޢުޒިޔާގެ ދަފްތަރެއް ހުޅުވާފައިވަނީ މިމަހުގެ 4 ވަނަ ދުވަހުއެވެ. މި ދަފްތަރުގައި ސޮއިކުރުމުގެ ފުރުޞަތު އާއްމުކޮށް ހުޅުވާލާފައިވަނީ މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ކުރިން އޮތް ގޮތުން މިދަފްތަރުގެ މުއްދަތު މިއަދަށް ހަމަވާނެއެވެ. އެހެންނަމަވެސް ޕީއެސްއެމްއިން ވަނީ މިމުއްދަތު މިހާރު، މިމަހުގެ ނިޔަލަށް އިތުރުކުރުމަށް ނިންމާފައެވެ.

އެގޮތުން ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެވެސް ހެނދުނު 9:30 އިން ހަވީރު 4 ޖެހުމާއި ހަމައަށް ތަޢުޒިޔާގެ ދަފްތަރުގައި ސޮއިކުރުން ދިވެހިރާއްޖޭގެ އަޑުގައި ކުރިއަށްދާނެއެވެ. ދައުލަތުގެ އިސްވެރިންނާއި އެކުގައި މަސައްކަތް ކުރެއްވި ގިނަ ބަޔަކު އަންނަނީ ސަމަރުބުލޫގެ ހަނދާނުގައި ހުޅުވާފައިވާ ދަފްތަރުގައި ސޮއިކުރައްވަމުންނެވެ.

އަލްމަރުޙޫމް ސަމަރުބްލޫ އިބްރާހީމް މަނިކަކީ، ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާގައި މުހިއްމު ގިނަ ޚިދުމަތްކުރެއްވި ބޭފުޅެކެވެ. އެމަނިކުފާނުގެ މަސައްކަތްޕުޅުގެތެރޭގައި އެންމެ ފާހަގަކޮށްލެވެނީ ދިވެހިރާއްޖޭގެ އަޑުގައި ކުރެއްވި ޚިދުމަތްތަކެވެ. ޢަމަލީގޮތުން ވަރަށްގިނަ މަސައްކަތްޕުޅުތަކެއް ކުރައްވާ، ޢާންމުން ޝައުޤުވެރިވި އެތައް ޕްރޮގްރާމްތަކެއްވަނީ ގެނެސްދެއްވާފައެވެ. ރޭޑިއޯ، ޓީވީ ބްރޯޑްކާސްޓިންގ މުޅި ރާއްޖެއަށް ފުޅާކުރެއްވުމުގައިވެސް އެމަނިކުފާނު ވަނީ މުހިއްމު ދައުރެއް އަދާކުރައްވާފައެވެ