ޚަބަރު

ޗެނަލް އައިލެންޑްސްގައި ބާރުގަދަ އެއްޗެއް ގޮވައި ތިން މީހުން މަރުވެއްޖެ


ޗެނަލް އައިލެންޑްސްގެ ރަށެއް ކަމުގައިވާ ޖަރޒީގެ ޢިމާރާތެއްގައި ބާރުގަދަ އެއްޗެއް ގޮވައި ތިން މީހުން މަރުވެއްޖެއެވެ. ޖަރޒީގައި ހުންނަ ޢާންމުން ދިރިއުޅޭ ތިން ބުރިއަށް ނަގާފައި ހުންނަ ޢިމާރާތުގައި ބާރުގަދަ ގޮވުމެއް ގޮވާފައި ވަނީ ގޭސް ލީކުވުމުގެ ސަބަބުން ކަމަށް ބެލެވެއެވެ.

މި ހާދިސާގައި ޢިމާރާތް ހަލާކުވެ، ބިމާ ހަމަވެފައިވާއިރު، އެ ތަނުގައި ދިރިއުޅޭ އިތުރު 12 މީހަކު އަދިވެސް ނުފެންނަ ކަމުގައި އޮފިޝަލުން ބުނެއެވެ. ޖަރޒީއަކީ ޗެނަލް އައިލެންޑްސްގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު ރަށެވެ. އެއީ، އިނގިރޭސި ތަޚުތުގެ ބެލުމުގެ ދަށުގައި އޮންނަ ރަށެކެވެ.

މި ހާދިސާގައި ޢިމާރާތުގައި ބޮޑު އަލިފާންގަނޑެއް ރޯވެ، ކައިރީގައި ހުންނަ އެހެން ޢިމާރާތްތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. ޖަރޒީގައި ގޭހުގެ ޚިދުމަތް ފޯރުކޮށްދޭ އައިލެންޑް އެނަރޖީ ކުންފުނިން ބުނީ، އަލިފާން ނިއްވާ އިދާރާއާ ގުޅިގެން، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމުގައެވެ.

އެކަކު ގެއްލިފައިވާ ކަން ކަށަވަރު ކުރެވޭއިރު، އިތުރު މީހުން ވެއްޓުނު ޢިމާރާތުގެ ދަށުވެފައިވޭތޯ ބެލުމަށް އޮފިޝަލުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް، ވެއްޓުނު ޢިމާރާތުގެ ދަށުވި މީހުން ހޯދުމަށް 2-3 ދުވަސް ހޭދަވާނެ ކަމަށް ބެލެވޭ ކަމުގައި އޮފިޝަލުން ބުނެއެވެ. އަދި، މި ހާދިސާގައި މަރުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ ކަމުގައި ވެސް އޮފިޝަލުން ބުނެއެވެ.

މި ހާދިސާގައި ޒަޚަމުވި ދެ މީހަކަށް ހޮސްޕިޓަލުގައި މިހާރު ފަރުވާދެމުން ދާއިރު، އެ ޢިމާރާތުގައި ދިރިއުޅޭ ރައްޔިތުން ވަގުތީ ހިޔާތަކަށް ބަދަލު ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އެހެން ހާދިސާއެއްގައި ކަނޑުވި ޖަރޒީގެ ތިން މަސްވެރިން ހޯދުމަށް ވެސް ކޯސްޓްގާޑުން ދަނީ ހަރަކާތްތެރިވަމުންނެވެ.

ތިން މަސްވެރިން ކަނޑަށް ގެއްލިފައި ވަނީ އެ މީހުން ދަތުރު ކުރަމުން ދިޔަ އުޅަނދު، ކޮމޮޑޯ ގުޑްވިލް ކިޔާ ފެރީއެއްގައި ޖެހިގެން ހިނގި ހާދިސާގައެވެ. މި ހާދިސާގައި ގެއްލިފައި ވަނީ މަސްދޯނީގެ ކައްޕިތާނާއި ދެ ފަޅުވެރިންނެވެ.