ޚަބަރު

ހދ.ނޮޅިވަރަމްގެ މަރާއި ގުޅިގެން މީހަކު ހައްޔަރުކޮށްފި


މިއަދު މެންދުރު ނޮޅިވަރަމުގައި މަރުވެފައި އޮތްވާ ފެނުނު އަންހެން މީހާގެ މަރުގެ މައްސަލައިގައި ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ނޮޅިވަރަމް ކައުންސިލުން ވިދާޅުވެއްޖެއެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ އެއަންހެން މީހާގެ ފިރިމީހާކަމަށް ނޮޅިވަރަމު ކައުންސިލުން ވިދާޅުވެއެވެ. އަންހެން މީހާގެ މަރުގެ މައްސަލަ ފެންމަތިވެފައިވަނިކޮށް އެފިރިހެން މީހާ ހައްޔަރުކޮށްފައިވަނީ ކުޅުދުއްފުށީގައި ހުއްޓާ ކަމަށް މަޢުލޫމާތު ލިބެއެވެ. އޭނާ ކުޅުދުއްފުއްޓަށް ދިޔުމަށް ލޯންޗު ހަމަޖައްސާފައިވަނީ ޑޮކްޓަރަށް ދެއްކުމަށްކުރާ ދަތުރެއްކަމަށް ބުނެ ކަމަށް ކައުންސިލުން މަޢުލޫމާތުދެއެވެ.

އަންހެން މީހާ މަރާލުމުގެ ތުހުމަތު އޭނާއަށް ކުރިނަމަވެސް މީގެކުރިން ގެވެށި އަނިޔާގެ މައްސަލައެއް ނޮޅިވަރަމް ކައުންސިލަށް ރިޕޯޓުކޮށްފައި ނުވާކަމަށް އެކައުންސިލުން ވިދާޅުވެއެވެ. މިމައްސަލައިގައި ހައްޔަރުކޮށްފައިވާ ފިރިހެން މީހާއަކީ ނޮޅިވަރަމަށް ނިސްބަތްވާ މީހެއް ނޫންކަމުން އޭނާގެ ކުށުގެ ރިކޯޑާއި ގުޅޭ މަޢުލޫމާތެއް ކައުންސިލަކަށް ސާފެއް ނޫނެވެ. މިމަރާއި ގުޅިގެން ފުލުހުންގެ ތަޙުގީގު ޓީމު އެރަށުގައި މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށް ކައުންސިލުން ވިދާޅުވެއެވެ.

މަރުވެފައި އޮތްވާ ފެނުނު އަންހެން މީހާގެ 3 ކުދިން ތިބެއެވެ. އަންހެން މީހާ ނޮޅިވަރަމްގައި ދިރިއުޅެމުން ދިޔައީ އޭނާގެ މައިންބަފައިންނާއެކުގައި ކަމަށްވުމުން ކުދިން މިހާރު ތިބީ ޢާއިލާގެ ގާތުގައި ކަމަށް ކައުންސިލުން މަޢުލޫމާތުދެއެވެ.

ނޮޅިވަރަމްގައި މީހަކު މަރާލާފައިވާ ކަމުގެ ރިޕޯޓު ފުލުހުންނަށް ކޮށްފައިވަނީ މިއަދު މެންދުރު 1230 ހާއިރު ކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި ފުލުހުން ސީންއަށް ދިޔައިރު ހޭނެތިފައިވާ މީހަކު ފުލުހުންގެ އެހީތެރިކަމާއެކު ސިއްޙީ މަރުކަޒަށް ގެންދިޔަކަމަށާއި، ގެންދިޔައިރުވެސް އޭނާ ނިޔާވެފައިވާ ކަމަށް ޑޮކްޓަރުންނާއި ހަވާލާދީ ފުލުހުން ވިދާޅުވެއެވެ. މިހާދިސާގައި މަރުވެފައި އޮއްވާ ފެނިފައިވަނީ ޢުމުރުން 28 އަހަރުގެ ދިވެހި އަންހެނެއް ކަމަށް ފުލުހުން ވިދާޅުވެއެވެ.