ޚަބަރު

ތަމްރީނު ޕްރޮގްރާމްތަކެއްގައި ބައިވެރިވުމަށް ރާއްޖެއިން 85 މީހަކު އިންޑިއާއަށް


ފަސް ދާއިރާއަކުން ހިންގާ ތަމްރީނު ޕްރޮގްރާމްތަކެއްގައި ބައިވެރިވުމަށް ރާއްޖެއިން 85 މީހަކު އިންޑިއާއަށް ފުރައިފިއެވެ. މިއީ ރާއްޖެއާއި އިންޑިއާއާއި ދެމެދުގައި ޤާބިލްކަން އިތުރުކުރުމުގެ ގުޅުމުގެ ތެރެއިން ފަހިވެގެންގޮސްފައިވާ ފުރުސަތުތަކެއް ކަމަށް އިންޑިއާއިން ވިދާޅުވެއެވެ.

އިންސާނީ ވަޞީލަތް އިތުރަށް ތަރައްޤީކުރުމާއި ގުޅޭ 15 އެއްބަސްވުމެއް ރާއްޖެއިންވަނީ އިންޑިއާއާއި އެކު މިވޭތުދެދިޔަ 4 އަހަރު ތެރޭގައި ޤާއިމުކޮށްފައެވެ. މިއެއްބަސްވުންތަކުގެ ދަށުން 5 ދާއިރާއަކުން މީހުން ތަމްރީނު ކުރުމަށް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ޕްރޮގްރާމް މިމަހުގެ 12 ވަނަ ދުވަހުން ފެށިގެން އިންޑިއާގެ އެކި ސިޓީތަކުގައި ކުރިއަށްގެންދިޔުމަށްވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމްތަކުގައި 85 ދިވެހިން ބައިވެރިވުމަށްވަނީ ހަމަޖެހިފައެވެ.

ރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަނުން ވިދާޅުވީ މިފަހަރުގެ ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމަށް ފުރާފައިވަނީ 27 ސިވިލް ސަރވަންޓުންނާއި، 50 ގާޟީންނާއި، އޮޑިޓަރ ޖެނެރަލް އޮފީހުން ދިގުމުއްދަތުގެ ފެލޯޝިޕް ޕްރޮގްރާމްގައި ބައިވެރިވާ 2 އޮފިޝަލުންނާއި، އައިޓެކްގެ ފަރާތުން "ނަރކޮޓިކްސް ސަބްސްޓެންސަސް އެންޑް އެންފޯސްމެންޓް އޮފް ޑްރަގް ލޯސް" ތަމްރީންގައި ބައިވެރިވުމަށް ފުރާ 3 ފުލުހުންނާއި 2 ކަސްޓަމްސް އޮފިސަރުންގެ އިތުރުން އައިޓެކްއިން "ޑިޒައިން، ޑިވެލޮޕްމެންޓް އެންޑް އިމްޕްލިމެންޓޭޝަން އޮފް އީ-ލަރނިންގ" އާ ބެހޭގޮތުން ހިންގާ ތަމްރީންގައި ބައިވެރިވާ އެޑިއުކޭޝަން މިނިސްޓްރީގެ އޮފިސަރެކެވެ.

އިންޑިއާ ހައިކޮމިޝަނުން ހާމަކޮށްފައިވާ ގޮތުން ވޭތުވެދިޔަ 4 އަހަރުތެރޭގައި، ތަފާތު އެކިދާއިރާތަކުން ޤާބިލްކަން އިތުރުކުރުމުގެ ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް 1800 ދިވެހިން އިންޑިއާއަށް ދަތުރުކޮށްފައިވެއެވެ. މީގެތެރޭގައި ސިވިލް ސަރވިސަސް އެންޑް ގުޑް ގަވަރނަންސްއާއި ޑިފެންސް އެންޑް ސެކިއުރިޓީއާއި، ޕޮލިސިންގް، ކަސްޓަމްސް، ފަޔަރ އެންޑް ރެސްކިއު، މީޑިއާ، ޕަރލިއަމަންޓަރީ ކޯޕަރޭޝަން، ޖުޑީޝަރީ، އޮޑިޓް އެންޑް ފައިނޭންސް، އޭވިއޭޝަން، ހެލްތު، އެގްރިކަލްޗަރ، ގުޑް ގަވަރނަންސް އެންޑް ޑީސެންޓްރަލައިޒޭޝަން، އެންވައިރަމަންޓް، ޓެކްނޮލޮޖީ، ޔޫތު އެންޑް ސްޕޯރޓްސް، ޑިޕްލޮމަސީ، ހަޔަރ އެޑިއުކޭޝަންގެ އިތުރުން، ދެޤައުމުގެ ދެމެދުގައި ސޮއިކުރެވިފައިވާ ތަފާތު އެކި އެމް.އޯ.ޔޫގެ ދަށުން އައިޓެކް ސްކީމް އާއި އައި.ސީ.ސީ.އާރް ފެލޯޝިޕް ފަދަ ތަމްރީންތައް ހިމެނެއެވެ.