ކުޅިވަރު

ފަސޭހަކަމާއެކު ދެކުނު ކޮރެއާ ބަލިކޮށް ބްރެޒިލް ކުއާޓާއަށް


ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް 2022 ގެ ދެވަނަ ބުރުގައި ފަސޭހަކަމާއެކު ދެކުނު ކޮރެއާ ބަލިކޮށް ކުއާޓާ ފައިނަލަށް ބްރެޒިލް ދަތުރުކޮށްފިއެވެ.

ގަތަރުގެ ސްޓޭޑިއަމް 974 ގައި ހޯމަ ދުވަހުގެރޭ ކުޅުނު މި މެޗު ބްރެޒިލުން ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ބްރެޒިލް ޓީމުގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ހަތްވަނަ މިނެޓުގައި ބްރެޒިލުން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ވިނީޝިއުސް ޖޫނިއާއެވެ. އަދި އޭގެ ހަ މިނެޓު ފަހުން ބްރެޒިލުން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. މިއީ ރިޗާލިސަންއަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއަކުން ނޭމާ ޖަހައިދިން ލަނޑެކެވެ. މިއީ މި މުބާރާތުގެ ފުރަތަމަ މެޗުގައި ލިބުނު އަނިޔާއަކާ ގުޅިގެން ކުޅުމާ ދުރަށް ދާން ޖެހުނު ނޭމާ ފިޓްވެގެން ކުޅުނު ފުރަތަމަ މެޗެވެ.

މެޗުގެ 29 ވަނަ މިނެޓުގައި ބްރެޒިލުން ވަނީ އެ ޓީމުގެ ތިންވަނަ ލަނޑު ޖަހާފައެވެ. މިއީ ކެޕްޓަން ތިއާގޯ ސިލްވާގެ އެހީތެރިކަމާއެކު ރިޗާލިސަން ޖަހައިދިން ލަނޑެކެވެ. އޭގެ ފަސް މިނެޓު ފަހުން ބްރެޒިލުން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު އެޓީމަށް ޖަހާދިނީ ލޫކަސް ޕަކޭޓާއެވެ. މިއީ ވިނީޝިއުސްގެ އެހީތެރިކަމާއެކު އެކު ޕަކޭޓާ ޖެހި ލަނޑެކެވެ.

މެޗުގެ ދެވަނަ ހާފުގައި ދެކުނު ކޮރެއާއިން ވަނީ ބްރެޒިލްގެ ހަމަލާތައް ހުއްޓުވައި އެ ޓީމުގެ ގޯލަށް ނުރައްކާކޮށްފައެވެ. އެގޮތުން ދެވަނަ ހާފުގެ ކުރީކޮޅު، ދެކުނު ކޮރެއާގެ އިތުބާރު ފޯވާޑް ސޮން ހިއުން މިން ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ބްރެޒިލްގެ ކީޕަރު އެލިސަން ބެކާއެވެ.

މި މެޗުގައި ކޮރެއާއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 76 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ ސިން ހޯއެވެ.

މެޗަށްފަހު ބްރެޒިލް ކުޅުންތެރިން ވަނީ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ބްރެޒިލްގެ ފުޓުބޯޅަ ލެޖެންޓް ޕެލާއަށް ހާއްސަ މެސެޖެއް ލިޔެފައިވާ ބެނާއެއް ދައްކާލައިފައެވެ.

މި ނަތީޖާއާއެކު ބްރެޒިލުން ކުއާޓާ ފައިނަލުގައި ބައްދަލުކުރަން ޖެހޭނީ އެންމެ ފަހުގެ ރަނަރަޕް ކްރޮއޭޝިއާ އާއެވެ، އެ ޓީމުން ކުއާޓާއަށް ދަތުރުކުރީ ޕެނަލްޓީގައި ޖަޕާން ބަލިކުރުމަށްފަހުގައެވެ.