ޚަބަރު

ޖާވާއަށް އައި ބިންހެލުމަކާއެކު މައުންޓް ސެމެރޫ ގޮވަން ފަށައިފި


އިންޑޮނީޝިޔާގެ މައި ރަށް ކަމުގައިވާ ޖާވާއަށް ރިކްޓަރ މިންގަނޑުން 5.7ގެ ބާރުމިނުގައި ބިންހެލުމެއް އައިސްފިއެވެ. މި ބިންހެލުމަށް ފަހު، އިންޑޮނީޝިޔާގައި ހުންނަ އަލިފާން ފަރުބަދައެއް ކަމުގައިވާ މައުންޓް ސެމެރޫ ވަނީ ގޮވަން ފަށާފައެވެ. ޖާވާއަށް ހުސްވި ނޮވެންބަރު މަހުގެ ތެރޭގައި ވެސް ބާރުގަދަ ބިންހެލުމެއް އައެވެ. އެ ހާދިސާގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 330އަށް އަރާފައެވެ.

މައުންޓް ސެމެރޫއަކީ ޖަވާގައި ހުންނަ އެންމެ އުސް އަލިފާން ފަރުބަދައެވެ. މި ފަރުބަދައިން ދުން އަރަމުންދާއިރު، އެ ސަރަޙައްދަށް ދިޔާ އަލިފާން ވެސް ވަނީ ފައިބަން ފަށާފައެވެ. އަލިފާން ފަރުބަދަ ގޮވަން ފެށުމާ ގުޅިގެން، އެ ސަރަޙައްދުގައި ނުރައްކާތެރި ކަމުގެ އިންޒާރު ވަނީ އިޢުލާނުކޮށްފައެވެ.

ވެރިރަށް ޖަކަރްތާގެ އިރުދެކުނުން 800 ކިލޯމީޓަރު ދުރުގައި އޮންނަ މައުންޓް ސެމެރޫ ގޮވަން ފެށުމާ ގުޅިގެން، އަލިފާން ފަރުބަދަ ހުންނަ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މީގެ އަހަރެއްހާ ދުވަސް ކުރިން މައުންޓް ސެމެރޫ ގޮވައިގެން ހިނގި ހާދިސާގައި ޑަޒަނަކަށް ވުރެ ގިނަ މީހުން މަރުވިއެވެ.

3,676 މީޓަރު އުސް މައުންޓް ސެމެރޫގެ މަތިން ދިޔާ އަލިފާނުގެ ކޯރުތައް ފައިބަމުންދާ ކަމަށް އަލިފާން ފަރުބަދައާއި ބިންހެލުންތަކާ ބެހޭ އިންޑޮނީޝިޔާގެ އިދާރާ (ޕީ.ވީ.އެމް.ބީ.ޖީ)އިން ބުނެއެވެ. މި ހާދިސާއާ ގުޅިގެން މިހާތަނަށް އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވެފައި ނުވި ނަމަވެސް، އަލިފާން ފަރުބަދައިގެ ކްރޭޓަރ ނުވަތަ މެދު އޮންނަ ސަރަޙައްދަށް ދަތުރު ނުކުރުމަށް އެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް އެ އިދާރާއިން ވަނީ އިންޒާރު ކޮށްފައެވެ.

ރައްކާތެރި ހިސާބުތަކަށް ބަދަލު ކޮށްފައިވާ މީހުންނަށް ވަގުތީ ހިޔާތައް އަޅައި ދިނުމުގެ މަސައްކަތް ވެސް އޮފިޝަލުން މިހާރު ދަނީ ކުރަމުންނެވެ. އަދި، ރައްކާތެރި ހިސާބުތަކުގައިވާ ސްކޫލް ފަދަ ޢިމާރާތްތަކަށް ގިނަ އަދަދެއްގެ ބަޔަކު މިހާރު ވެސް ވަނީ ބަދަލުކޮށްފައެވެ.

މައުންޓް ސެމެރޫ ގޮވަން ފަށާފައި މި ވަނީ އެ ސަރަޙައްދަށް މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހެމުންދާ ދަނޑިވަޅެއްގައެވެ. އަދި، އަލިފާން ފަރުބަދައިން އަރަމުންދާ ނުރައްކާތެރި ދުމާއި އަޅި، ވާރެޔާ އެކު އެ ސަރަޙައްދަށް ފައިބަމުންދާ ކަމުގައި އިދާރާތަކުން ބުނެއެވެ.

އިންޑޮނީޝިޔާގެ ޖާވާ ކައިރިއަށް އައި ބިންހެލުމާ އެކު ސުނާމީއެއް އުފެދި، ޖަޕާނުގެ ބައެއް ހިސާބުތަކަށް ސުނާމީގެ ރާޅުތައް އަރައިފާނެ ކަމުގެ އިންޒާރު އެ ޤައުމުން ވެސް ވަނީ ކޮށްފައެވެ. ނަމަވެސް، އެ ޤައުމުގެ އެއްވެސް ހިސާބަތަކަށް ރާޅު އަރާފައިވާ ކަމުގެ ރިޕޯޓެއް ކޮށްފައެއް ނެތެވެ.

މިދިޔަ އަހަރު ވެސް މައުންޓް ސެމެރޫ ވަނީ ގޮވާފައެވެ. އެ ހާދިސާގައި 51 މީހެއްގެ ފުރާނަ ގެއްލި، 5,000 އަށްވުރެ ގިނަ ގެދޮރު ހަލާކުވިއެވެ. އަދި، ގެދޮރާއި މަގުތައް އަޅިން ފުރި، 10,000 އަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރަން ޖެހުނެވެ.