ޚަބަރު

ޔަހޫދީން އަނެއްކާވެސް ޣައްޒާއަށް ބޮންއަޅަން ފަށައިފި


އިސްރާޢީލުގެ އަސްކަރީ މަތިންދާބޯޓުތަކުން ފަލަސްޠީނުގެ ޣައްޒާއަށް ބޮން އަޅައި ބޮޑެތި ގެއްލުންތަކެއް ދީފިއެވެ. ޔަހޫދީން އަޅުވެތިކޮށްފައިވާ ޣައްޒާގައި އިސްރާޢީލުގެ އަސްކަރީ މަތިންދާބޯޓުތަކުން ހަމަލާދެމުން ދަނީ ހަމާސް ޖަމާޢަތުގެ އަމާޒުތަކަށެވެ. ޣައްޒާއަށް ބޮންއަޅަން ފަށާފައި މި ވަނީ އިސްރާޢީލަށް އަމާޒުކޮށް ޣައްޒާއިން ރޮކެޓް ހަމަލާއެއް ދިނުމާ ގުޅިގެންނެވެ.

މިއީ، ފަލަސްޠީނުގެ މިނިވަންކަމަށް ޖިހާދު ކުރަމުންދާ ޖަމާޢަތްތަކުން ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި އިސްރާޢީލަށް އަމާޒުކޮށް ރޮކެޓް ހަމަލާއެއް ދީފައިވާ ފުރަތަމަ ފަހަރެވެ. މި ހަމަލާ ދީފައި މި ވަނީ، ފަލަސްޠީނުގެ މިނިވަންކަމަށް ޖިހާދު ކުރާ ޖަމާޢަތެއް ކަމުގައިވާ އިސްލާމިކް ޖިހާދުން އިސްރާޢީލަށް އަމާޒުކޮށް ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ދީފައިވާ ދަނޑިވަޅެއްގައެވެ.

އިސްލާމިކް ޖިހާދުން އިސްރާޢީލަށް އިންޒާރު ދީފައި ވަނީ، ޔަހޫދީ ސިފައިން ހުޅަނގު އައްސޭރި ޖަނީނަށް އަރައި ހިންގި ލާއިންސާނީ އުދުވާންތަކެއްގައި އެ ޖަމާޢަތުގެ އިސް ދެ މީހަކު ޝަހީދު ކޮށްލުމާ ގުޅިގެންނެވެ. ޔަހޫދީންގެ ސިފައިން މި އަހަރުގެ ތެރޭގައި ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް މި ފަދަ އުދުވާންތައް ދަނީ ހިންގަމުންނެވެ.

ޔަހޫދީންގެ އަސްކަރީ މަތިންދާބޯޓުތަކުން ހަމަލާދީފައި ވަނީ ޣައްޒާގެ ދެކުނުގައިވާ ޚާން ޔޫނިސްގައި ހުންނަ އަސްކަރީ މަރުކަޒެއްގެ އިތުރުން ރަފާގައި އޮންނަ އާބާދުވެފައި ނުވާ ހިސާބަކަށް ކަމުގައި ޣައްޒާގެ އޮފިޝަލުން ބުނެއެވެ. މި ހަމަލާތަކުގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވެފައި ނުވާ ކަމުގައި ވެސް ޣައްޒާގެ އޮފިޝަލުން ބުނެއެވެ.

ނަމަވަސް، މި އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ޔަހޫދީންގެ އަސްކަރިއްޔާއިން ވަނީ ތިން ދުވަސް ވަންދެން ކެނޑިނޭޅި ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. މި އުދުވާންތަކުގައި 49 މީހުން ޝަހީދު ކޮށްލާފައިވާއިރު، މީގެ ތެރޭގައި ގިނަ އަދަދެއްގެ ޢާންމުން ވެސް ހިމެނެއެވެ.