ޚަބަރު

މާޅޮހަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވެއްޖެ


ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބ.މާޅޮހަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން އެރަށުގައި ފެންބޮޑުވެފައިވާ ސަރަޙައްދުގައި ފެން ހިއްކުމަށް އެމްއެންޑީއެފްއިން ޙަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ސިފައިން މާޅޮހުގައި ފެން ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ އެރަށުގެ އެކި ސަރަޙައްދުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ދުއްވާ އެއްޗެއްސަށާއި، ހިނގާބިނގާވެ އުޅޭ މީހުންނަށް ދަތިތަކާއި ކުރިމަތިވެ، ސިފައިންގެ އެހީތެރިކަމަށް އެދުމުންކަމަށެވެ. ސިފައިންގެ އެހީއަށް އެދުމުން އިރުއޮއްސި 6:50 ހާއިރުން ފެށިގެން ފެން ބޮޑުވެފައިވާ ސަރަޙައްދުތަކުގައި ޕަންޕު ބަހައްޓައިގެން ފެން ހިއްކުމުގެ މަސައްކަތް ސިފައިން ކުރަމުންދާކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.

މާޅޮހުގައި ވިއްސާރަވެ ފެންބޮޑުވެފައިވާއިރު މޯލްޑިވްސް މީޓިއޮލޮޖިކަލް ސަރވިސްއިން ވަނީ މިއަދު ހެނދުނު 8:00 އިން ފެށިގެން މެންދުރުފަހު 2:00 ޖެހުމާއި ހަމައަށް ހއ.އަތޮޅުން ފެށިގެން ޅ.އަތޮޅާއި ހަމައަށް ވައިޓް އެލާޓް ނެރެފައެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ރާއްޖޭގެ މޫސުން ކުރިއަށް އޮތް 24 ގަޑިއިރަށް ލަފާކުރާ ގޮތުގައި ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެއެވެ. އަދި ބައެއް ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ. އަދި ވައިޖެހޭނެކަމަށް ލަފާކޮށްފައިވަނީ ހުޅަނގު އުތުރާއި އުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައެވެ. މިދުވަސްވަރު ރާއްޖޭގެ މޫސުން އެކި ހިސާބަށް ގޯސްކަމަށް ދައްކާއިރު އަހަރުގެ ބޮޑުބައެއް ހޭދަވެގެން މިއަހަރު ދިޔައީ ވިއްސާރަކޮށްކަން ފާހަގަކޮށްލެވެއެވެ.