ޚަބަރު

ދޫނިރޯގާ ޖެހިފައިވާ 37,000އަށްވުރެ ގިނަ ކުކުޅު ޕެރޫގައި މަރާލައިފި


ދެކުނު އެމެރިކާގެ ޤައުމެއް ކަމުގައިވާ ޕެރޫގައި ދޫނިރޯގާ ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން 37,000 އަށްވުރެ ގިނަ ކުކުޅު މަރައިލައިފިއެވެ. ޕެރޫއިން އެންމެ ފުރަތަމަ ބަލި ފެނިފައި ވަނީ ޤުރުދަރީ ވެށީގައި ދިރިއުޅޭ ދޫނިތަކެއްގެ ފުށުންނެވެ. ނަމަވެސް، ދަނޑުތަކުގައި ކެއިންބުއިމާއި ވިޔަފާރިއަށް ގެންގުޅޭ ކުކުޅާއި އެހެނިހެން ދޫނިތަކަށް ވެސް މި ބަލި ވަނީ ފެތުރިފައެވެ.

އެންމެ ފަހުން މި ބަލި ޖެހިފައިވާ ކުކުޅުތަކެއް ފެނިފައި ވަނީ ވެރިރަށް ލީމާގެ އުތުރުން އޮންނަ ރަށެއް ކަމުގައިވާ ހުއާޗޯގެ ދަނޑަކުންނެވެ. އެ ތަނުގައި ގެންގުޅޭ ގިނަ އަދަދެއްގެ ކުކުޅަށް މި ބަލި ޖެހިފައިވާ ކަމުގައި ޕެރޫގެ ދަނޑުވެރިކަމުގެ ޞިއްޙަތާ ބެހޭ އިދާރާ (ސެނާސާ)އިން ބުނެއެވެ.

"ހުއާޗޯގެ ދަނޑަކުން މި ބަލި ޖެހިފައިވާ 37,000 އަށްވުރެ ގިނަ ކުކުޅު ވަނީ ފެނިފައި. އެ ތަކެތި މިހާރު ވަނީ މަރައިލާފައި. ބޭނުމަކީ އެ ސަރަޙައްދުގައިވާ އެހެން ދަނޑުތަކަށް ބަލި ފެތުރުން ކޮންޓްރޯލް ކުރުން. މިއީ، ވަރަށް ފަސޭހައިން ފެތުރޭ ބައްޔެއް،" ސެނާސާގެ އިސް އޮފިޝަލެއް ކަމުގައިވާ ހޯހޭ މެންޓިއްޔާ ބުންޏެވެ.

ޕެރޫގެ ޤުދުރަތީ ވެށީގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދޫނިތަކެއް ވެސް މި ބަލީގައި ވަނީ މަރުވެފައެވެ. މީގެ ތެރޭގައި ގިނައީ ކަނޑުމަތީގެ ދޫންޏެއް ކަމުގައިވާ ޕެލިކަންއެވެ. މި ބަލީގައި މަރުވެފައިވާ 14,000 އަށްވުރެ ގިނަ ޕެލިކަންގެ ހަށިގަނޑު ޕެރޫގެ އައްސޭރި ފަށުން ފެނިފައިވާ ކަމުގައި ސަނާސާއިން ބުނެއެވެ. އަދި، އެ ތަކެތި ރައްކާތެރިކަމާ އެކު ނައްތައިލުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ޕެރޫގައި ހަލުވިކަމާ އެކު ދޫނިރޯގާ ފެތުރެން ފެށުމާއެކު، އެ ޤައުމުން ވަނީ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނު ކޮށްފައެވެ. ނަމަވެސް، ކުކުޅު ފަދަ ޖަނަވާރުގެ މަހާއި ބިސް ކެއުމަށް އެއްވެސް ހުރަހެއް ނެތް ކަމުގައި ސެނާސާއިން ބުނެއެވެ.

ޕެރޫއަށް ދޫނިރޯގާ ފެތުރިފައި ވަނީ އުތުރު އެމެރިކާ ބައްރުން އެ ޤައުމަށް ހިޖުރަކުރި ދޫނިތަކެއްގެ ފުށުން ކަމަށް ބެލެވޭ ކަމުގައި ސެނާސާއިން ބުނެއެވެ. އެ ޤައުމުން ފެނިފައި ވަނީ ދޫނިރޯގެ ނުރައްކާތެރި ވޭރިއެންޓެއް ކަމުގައިވާ އެޗް5އެން1އެވެ. އުތުރު އެމެރިކާގެ ޤައުމެއް ކަމުގައިވާ ކެނެޑާއިން މި ބަލި މި އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ފެނިފައިވެއެވެ. އަދި، އެއަށްފަހު އެމެރިކާއަށް ވެސް މި ބަލި ވަނީ ފެތުރިފައެވެ.