ޚަބަރު

ހުޅުމާލެ، ޓެކްނޮލޮޖީއާ ރައްޓެހި ތަނަކަށް ހަދަން "ސްމަރޓް ކޮމް ފެއަރ"އެއް


ހުޅުމާލޭ ޓެކްނޮލޮޖީއާއި ރައްޓެހި ސިޓީއަކަށް ހެދުމަށް ކުރަމުންދާ މަސައްކަތަށް އާއްމުން އަހުލުވެރިކުރުމަށް "ސްމާރޓް ކޮމް"ގެ ނަމުގައި ޚާއްސަ ފެއަރއެއް ބާއްވައިފިއެވެ. ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ބޭއްވި މި ފެއަރގައި، މުވާސަލާތީ ޚިދުމަތްދޭ ކުންފުނިތަކާއި، ބޭންކިން އާއި ޓެކް ޚިދުމަތްދޭ 27 ކުންފުންޏަކުން ބައިވެރިވިއެވެ.

މފެއަރގައި މި ކުންފުނިތަކުން ސްޓޯލްތައް ބަހައްޓާ، އެކުންފުނިތަކުންދޭ އޮންލައިން އެކިއެކި ޚިދުމަތްތަކާއި ގުޅޭ މަޢުލޫމާތުތައް ވަނީ ފޯރުކޮށްދީފައެވެ.

މިފެއަރ ބާއްވާފައިވަނީ ހުޅުމާލޭގައި އެޗްޑީސީން ފެށި އޯޕަން އެކްސެސް ނެޓްވޯކް ޚިދުމަތަށް އެއް އަހަރުފުރުން ފާހަގަކުރުމުގެ ގޮތުންނެވެ. އޯޕަން އެކްސެސް ނެޓްވޯކަކީ ޚިދުމަތް ދޭ ކުންފުނިތަކުގެ ޚިދުމަތް އެއް ނެޓްވޯކެއްގެ ޒަރިއްޔާއިން ލިބޭ ވިއުގައެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޚިދުމަތް ދެމުން ދަނީ އެޗްޑީސީ އޯޕަން އެކްސެސް ނެޓްވޯކްގެ ތެރެއިންނެވެ.

އެއެޗްޑީސީގެ ޗީފް ކޮމާޝަލް އޮފިސަރ އަޙުމަދު ނާފިޒް ވިދާޅުވީ، ހުޅުމާލެއަކީ ޓެކްނޮލޮޖީއާއި ރައްޓެހި ސިޓީއަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރިއަށްދާކަމަށެވެ. އެގޮތުން ސްމަރޓްކޮމް ފެއަރގެ ތެރެއިން ވަނީ ހުޅުމާލޭގައި ޤާއިމުކުރާ ޓެކްނޮލޮޖީއާއި ގުޅޭ އާ ޚިދުމަތްތައް އިފްތިތާހްކޮށްފައެވެ.

"އެއް ޚިދުމަތަކީ އާއްމު ތަންތަނުގައި ވައިފައި ޚިދުމަތް ފެށުން. ދެން މި އިފްތިތާޙުކުރީ "ސްމަރޓް ބިން". ހުޅުމާލެ ސާފުތަނަކަށް ހެދުމަށް ކުރާ މަސައްކަތުގައި، ކުނި ނެގުމުގެ ޚިދުމަތްދޭ މީހުންނަށް އޭރުން އިނގޭނެ ވަކި ސަރަޙައްދެއްގައި ހުރި ޑަސްބިންތައް ފުރިއްޖެއްޔާ." ނާފިޒް ވިދާޅުވިއެވެ.

މީގެއިތުރުން ހުޅުމާލޭގައި އިލެކްޓްރިކަލް ވެހިކަލް ޗާޖުކުރެވޭނެ ޕޮއިންޓްތަކެއްވެސް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޗްޑީސީން ވިދާޅުވިއެވެ. އެޗްޑީސީގެ އަމާޒަކީ ޓެކްގެ އެހީގައި ހުޅުމާލެއިން ލިބޭ ޚިދުމަތްތައް އާއްމުންނަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.