ޚަބަރު

އުތުރު ކޮރެޔާއާ ދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތަކެއް


އުތުރު ކޮރެޔާއަށް އެހީތެރިކަން ފޯރުކޮށްދޭ މީހުންނާއި ކުންފުނިތަކާ ދެކޮޅަށް އެމެރިކާއާއި އެ ޤައުމަށް ވާގިވެރިދޭ އޭޝިޔާގެ ޤައުމުތަކުން ދަތިކުރުމުގެ އިތުރު ފިޔަވަޅުތަކެއް އަޅައިފިއެވެ. މި ކަމުގައި އެމެރިކާއާ ބައިވެރިވެފައިވާ އޭޝިޔާގެ ޤައުމުތަކަކީ ދެކުނު ކޮރެޔާއާއި ޖަޕާނެވެ.

އުތުރު ކޮރެޔާއާއި އެ ޤައުމަށް ވާގިވެރިވެދޭ މީހުންނާއި ކުންފުނިތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް ހަރުކަށި ކޮށްފައި މި ވަނީ އެ ޤައުމުން ދާދިފަހުން ކުރި މިސައިލް ޓެސްޓުތަކާ ގުޅިގެންނެވެ. ޚާއްޞަކޮށް، އެ ޤައުމުން ހަދާފައިވާ އިންޓަރކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް (އައި.ސީ.ބީ.އެމް) ޓެސްޓާ ގުޅިގެންނެވެ. އެއީ، އެހެން ބައްރެއްގައި އޮންނަ ޤައުމަކަށް ހަމަލާދިނުމަށް ބޭނުން ކުރެވިދާނެ ދުރު ރާސްތާގެ މިސައިލެކެވެ.

އެމެރިކާގެ ޓްރެޜަރީ ޑަޕާޓްމަންޓުން ބުނީ އެ ޤައުމުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ ތިން މީހެއްގެ ތެރޭގައި ޖޮން އިހް ހޯއާއި ޔޫ ޖިން އަދި ކިމް ސޫ ގިލް ހިމެނޭ ކަމުގައެވެ. އެއީ ކޮން ބަޔެއްކަން ހާމަކޮށްފައި ނުވި ނަމަވެސް، އެ ތިން މީހުންނަކީ އޭޕްރިލް މަހުގެ ތެރޭގައި ވިލާތުގެ އިއްތިހާދުން ވެސް ދަތިކުރުމުގެ ފިޔަވަޅު އަޅަން ނިންމާފައިވާ ތިން މީހުންނެވެ.

ދެކުނު ކޮރެޔާއިން ބުނީ އުތުރު ކޮރެޔާއަށް އެހީތެރިކަން ފޯރުކޮށްދޭ ހަތް މީހަކާއި އަށް ކުންފުންޏަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން އެ ޤައުމުން ނިންމާފައިވާ ކަމުގައެވެ. މީގެ ތެރޭގައި ސިންގަޕޫރާއި ތައިވާނުގެ ރައްޔިތެއް ވެސް ހިމެނެއެވެ. އުތުރު ކޮރެޔާއަށް އެހީވެދޭ މީހަކާއި ތިން ކުންފުންޏަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ޖަޕާނުން ވެސް ވަނީ ނިންމާފައެވެ.

ޖަޕާނުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ނިންމާފައިވާ ކުންފުނިތަކުގެ ތެރޭގައި ލަޒަރަސް ގްރޫޕް ހިމެނެއެވެ. ޖަޕާނުގެ ޚާރިޖީ ވުޒާރާއިން ބުނީ އެ ކުންފުންޏަކީ ޖަޕާނާ ދެކޮޅަށް ސައިބަރ ހަމަލާތަކެއް ދިނުމުގެ ފަހަތުގައިވާ ކުންފުންޏެއް ކަމުގައެވެ.

އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ ޖޮން އިލް ހޯއަކީ ނުރައްކާތެރި ހިތިޔާރު އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ މީހެއް ކަމުގައި އެމެރިކާއިން ބުނެއެވެ. އޭނާ އަކީ އުތުރު ކޮރެޔާގެ މިޔުނިޝަންސް އިންޑަސްޓްރީގެ ޑިރެކްޓަރު ކަމާއި ޑިރެކްޓަރުގެ ނައިބުގެ މަޤާމު ފުރާފައިވާ މީހެކެވެ.

ކިމް ސޫ ގިލްއަކީ ކޮރެޔަން ޕީޕަލްސް އާމީގެ ޖެނެރަލް ޕޮލިޓިކަލް ބިޔުރޯގެ ޑިރެކްޓަރުގެ މަޤާމު ފުރާފައިވާ މީހެކެވެ. އޭނާއަކީ، އުތުރު ކޮރެޔާގެ ފަނާކުރަނިވި ހަތިޔާރު އުފައްދާ ޕުރޮގުރާމުގައި އިސް ދައުރެއް އަދާ ކޮށްފައިވާ މީހެއް ކަމުގައި އެމެރިކާއިން ތުހުމަތު ކުރެއެވެ.

އުތުރު ކޮރެޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އ.ދ. މެދުވެރިކޮށް އިތުރަށް ހަރުކަށި ކުރަން ވެސް އެމެރިކާއާއި ހުޅަނގުގެ ބާރުތަކުން ދާދި ފަހުން ވަނީ މަސައްކަތް ކޮށްފައެވެ. ނަމަވެސް، އ.ދ.ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރުންގެ ތެރޭގައި ހިމެނޭ ދެ ޤައުމު ކަމުގައިވާ ޗައިނާއާއި ރަޝިޔާއިން ވަނީ އެ ކަމަށް ހުރަސް އަޅާފައެވެ. ޖަޕާނާއި ދެކުނު ކޮރެޔާއާ ގުޅިގެން އުތުރު ކޮރެޔާއަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން އެމެރިކާއިން ނިންމާފައި ވަނީ މި ސަބަބާ ގުޅިގެން ކަމަށް ބެލުމުގެ ފުރުޞަތު އެބައޮތެވެ.

އުތުރު ކޮރެޔާއިން އެންމެ ފަހުން އައި.ސީ.ބީ.އެމް. ޓެސްޓެއް ހަދާފައި ވަނީ ނޮވެންބަރު މަހުގެ 18ވަނަ ދުވަހުއެވެ. މީގެ އިތުރުން ވެސް 60 މިސައިލް ޓެސްޓެއް އެ ޤައުމުން ވަނީ މި އަހަރުގެ ތެރޭގައި ހަދާފައެވެ. މިއީ، ރެކޯޑު އަދަދެކެވެ. 2017ވަނަ އަހަރުގެ ފަހުން އެ ޤައުމުން ނިއުކްލިޔަރ ޓެސްޓެއް ހަދާފައެއް ނުވެއެވެ. ނަމަވެސް، އެ ފަދަ ޓެސްޓެއް ހެދުމަށް އެ ޤައުމުން ތައްޔާރުވަމުންދާ ކަމުގައި އެމެރިކާއާއި ދެކުނު ކޮރެޔާއިން ތުހުމަތު ކުރެއެވެ.