ޚަބަރު

އަފްޣާނިސްތާނުގެ މަދަރުސާއަކަށް ހަމަލާދީ 19 މީހުން މަރާލައިފި


އަފްޣާނިސްތާނުގެ އުތުރުގައިވާ އައިބަކްގައި ހުންނަ މަދަރުސާއެއްގައި ބޮމެއް ގޮއްވައިލާ 19 މީހުން މަރައިލައިފިއެވެ. މި ހަމަލާގައި އިތުރު 24 މީހަކު ވަނީ ޒަޚަމުވެފައެވެ. އައިބަކްއަކީ ވެރިރަށް ކާބުލްގެ 200 ކިލޯމީޓަރު އުތުރުގައި އޮންނަ ރަށެކެވެ.

2021ވަނަ އަހަރުގެ އޮގަސްޓު މަހު އަފްޣާނިސްތާނުގެ އިންތިޚާބީ ސަރުކާރު ވައްޓައިލާ ތާލިބާނުން އެ ޤައުމުގެ ވެރިކަން ފޭރިގަތް ފަހުން އެ ޤައުމުގެ އެކި ކަންކޮޅުތަކުގައި ދެމުންދާ ހަމަލާތަކުގެ ޢަދަދު ވަނީ އިތުރުވެފައެވެ. އައިބަކްގެ ހޮސްޕިޓަލުން ބުނީ މަދަރުސާގައި ބޮމެއް ގޮއްވައިލައިގެން ދިން ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ގިނައީ އެ ތަނުގެ ދަރިވަރުން ކަމުގައެވެ.

ހަމަލާދީފައި ވަނީ އަލް-ޖިހާދު މަދަރުސާގައެވެ. އެއީ، އިސްލާމީ ތަޢުލީމު އުނގަންނައިދޭ ތަނެކެވެ. ތާލިބާނުން ބުނީ، މަދަރުސާއަށް އަމާޒުކޮށް ދިން ހަމަލާގައި މަރުވީ 10 މީހުން ކަމުގައެވެ. އަދި، މި ހަމަލާގެ ފަހަތުގައިވާ ބަޔަކު ހޯދައި، އެ މީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމުގައި ވެސް ތާލިބާނުން ބުނެއެވެ.

މި ހަމަލާގައި ޒަޚަމުވި ބައެއް މީހުންނަށްގެ ހާލަތު ސީރިޔަސްވުމުން އެ މީހުންނަށް އިތުރު ފަރުވާ ދިނުމަށް މަޒަރުއްޝަރީފްގައި ހުންނަ ހޮސްޕިޓަލަކަށް ބަދަލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމުގައި އައިބަކްގެ ހޮސްޕިޓަލުން ބުނެއެވެ. ބައެއް މީހުންގެ މޫނަށް ވެސް ބޮޑެތި ޒަޚަމުތަކެއް ލިބިފައިވާ ކަމުގައި އެ ހޮސްޕިޓަލުގެ ޑޮކްޓަރުން ބުނެއެވެ.

މަދަރުސާއަށް ދިން ހަމަލާގައި ގިނަ ޢަދަދެއްގެ ކުޑަކުދިން މަރުވުމާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަނީ އެ ކަން ކުށްވެރި ކުރަމުންނެވެ. އެމެރިކާއިން އަފްޣާނިސްތާނަށް ކަނޑައަޅާފައި ހުންނަވާ ޚާއްޞަ މަންދޫބު ޓޮމް ވެސްޓް ވިދާޅުވީ، އަފްޣާނިސްތާނުގެ ޢާންމު ރައްޔިތުންނަށް އަމާޒުކޮށް ދެމުންދާ މި ފަދަ ހަމަލާތަކާ މެދު އެމެރިކާއިން ކަންބޮޑުވާ ކަމަށާއި ހިތާމަ ފާޅުކުރާ ކަމުގައެވެ.

ސެޕްޓެންބަރު މަހުގެ ތެރޭގައި ވެސް ވެރިރަށް ކާބުލްގައި ހުންނަ ސްކޫލަކަށް އަމާޒުކޮށް މި ފަދަ ބޮމުގެ ހަމަލާއެއް ދީފައިވެއެވެ. މި ހަމަލާގައި 54 މީހުން މަރުވިއެވެ. މީގެ ތެރޭގައި އެ ސްކޫލްގެ 51 އަންހެން ދަރިވަރުން ހިމެނެއެވެ. އެ ހަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން އުފުލާފައި ނުވި ނަމަވެސް، ތާލިބާނުން ވަނީ އައި.އެސް. ޖަމާޢަތުގެ ހަނގުރާމަވެރިންގެ ކޮނޑުގައި އެ ހަމަލާގެ ޒިންމާ އަޅުވާފައެވެ.

2021ވަނަ އަހަރުގެ މޭ މަހުގެ ތެރޭގައި އަފްޣާނިސްތާނުގެ ތިން ސްކޫލަކަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާތަކެއްގައި 85 މީހުން މަރުވިއެވެ. އެ ހަމަލާތަކުގައި 300 އަށްވުރެ ގިނަ މީހުން ޒަޚަމުވިއެވެ. އެއްވެސް ފަރާތަކުން އެ ހަމަލާގެ ޒިންމާ ވެސް އުފުލާފައެއް ނުވެއެވެ.