ޚަބަރު

ޔޫކްރެއިން ހަނގުރާމައާ ގުޅޭގޮތުން ޕުޓިންއާ މަޝްވަރާކުރަން ތައްޔާރު: ބައިޑަން


ރަޝިޔާއިން ޔޫކްރެއިނަށް އަރައި ކުރަމުންދާ ހަނގުރާމަ ހުއްޓައިލަން ރައީސް ވްލަޑިމިޔަރ ޕުޓިން ވިސްނަވާ ނަމަ، އެ ކަމާ ގުޅޭ ގޮތުން އޭނާއާ މަޝްވަރާ ކުރަން ތައްޔާރަށް ހުންނެވި ކަމުގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ. އޭނާ މި ކަން ހާމަ ކުރެއްވީ، ފަރަންސޭސި ވިލާތުގެ ރައީސް އެމަނުއެލް މެކްޚޯން މިހާރު އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދެ ރައީސުން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

"ހަނގުރާމަ ހުއްޓައިލަން ޕުޓިން ބޭނުންފުޅުވާ ނަމަ، އަދި އެ ކަމާ މެދު ވިސްނަވާ ނަމަ، އެ ކަން ކުރެވޭނެ ގޮތަކާ މެދު އޭނާއާ އެކު މަޝްވަރާ ކުރަން އަޅުގަނޑު މިހުރީ ތައްޔާރަށް. ނަމަވެސް، އެ ކަން ކުރަން ބޭނުންވާ ކަން ޕުޓިން ހާމަކޮށްފައެއް ނެތް. އަޅުގަނޑު ބޭނުން ފަރަންސޭސި ވިލާތާއި ނޭޓޯގެ އެހެން ޤައުމުތަކާ އެކު މަޝްވަރާކޮށްގެން މި ކަމަށް ނިމުމެއް ގެންނަން އެހީތެރިވާން. މި ކަމާ މެދު ޕުޓިންއާ މަޝްވަރާ ކުރަން އަޅުގަނޑު ބޭނުން،" ބައިޑަން ވިދާޅުވިއެވެ.

ބައިޑަންއާ މެކްޚޯނާ ދެމެދު ބޭއްވި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ޔޫކްރެއިނުގައި ރަޝިޔާއިން ކުރަމުންދާ ހަނގުރާމައާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ. މި ހަނގުރާމައިގެ ސަބަބުން ކުރިމަތިވާ ހުރިހާ ކަމެއްގެ ޒިންމާ ރަޝިޔާއިން އުފުލަން ޖެހޭނެ ކަމުގައި ދެ ޤައުމުން ވެސް ޤަބޫލު ކުރެއެވެ.

ޕުޓިންއާ މަޝްވަރާކުރަން ބޭނުންފުޅުވާ ކަމަށް ބައިޑަން ވިދާޅުވި ނަމަވެސް، ހަނގުރާމައާ ގުޅިގެން ރަޝިޔާއާ ދެކޮޅަށް އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެފައި ވަނީ އެމެރިކާއިންނެވެ. ރަޝިޔާއިން ގަންނަ ޤުދުރަތީ ގޭހާއި ތެލުގެ މިންވަރު ކޮންޓްރޯލްކޮށް، ރަޝިޔާއަށް އަދާކުރާނެ އެންމެ މަތީ އަގެއް ކަނޑައެޅުމާ މެދު ވިލާތުގެ އިއްތިހާދުން މިހާރު ވެސް ދަނީ މަޝްވަރާ ކުރަމުންނެވެ.

ހަނގުރާމައިގެ ތެރެއިން ރަޝިޔާއިން މިހާރު ދަނީ ޔޫކްރެއިނުގެ ވެރިރަށް ކީވްގެ އިތުރުން ބޮޑެތި އެހެން ރަށްތަކަށް ވަރުގަދަ މިސައިލް ހަމަލާތަކެއް ދެމުންނެވެ. މި ހަނގުރާމައިގައި ޔޫކްރެއިނު ސިފައިން ހޯދަމުންދާ ކާމިޔާބީތަކުގެ ފަހަތުގައި ތިބީ އެމެރިކާއާއި ހުޅަނގުގެ ބާރުތަކެވެ. ޔޫކްރެއިނުގެ ދިފާޢުގައި އެ ޤައުމުގެ ސިފައިން ބޭނުން ކުރަމުންދާ ޒަމާނީ ހަތިޔާރަކީ އެމެރިކާއާއި ވިލާތުގެ ޤައުމުތަކުން ފޯރުކޮށްދީފައިވާ ހަތިޔާރެވެ.

މި ހަނގުރާމައަށް ނުވަ މަސް ފުރިފައިވާއިރު، ރަޝިޔާއިން މިހާރު މަސައްކަތް ކުރަމުން ދަނީ ކުރިއަށް އޮތް ފިނިމޫސުމާ ދިމާކޮށް ޔޫކްރެއިނުގެ ކަރަންޓު ވިއުގައަށް ބޮޑެތި ގެއްލުންތަކެއް ދިނުމަށެވެ. ބޭނުމަކީ، ފިނިމޫސުމުގައި ކަރަންޓުގެ ޚިދުމަތް ދޭނެ މަގުތައް ބަންދު ކުރުމެވެ. ނަމަވެސް، ނޭޓޯއިން ދާދި ފަހުން ވަނީ ޔޫކްރެއިނަށް ޖަނަރޭޓަރާއި އެ ތަކެތި ހިންގަން ބޭނުންވާނެ ތެޔޮ ފޯރުކޮށްދޭނެ ކަމުގައި ބުނެފައެވެ.

ހަނގުރާމައިގެ މައިދާނުގައި ރަޝިޔާ ސިފައިން ހިންގަމުންދާ ކަމަށް ޔޫކްރެއިނުން ތުހުމަތު ކުރާ ހަނގުރާމައިގެ ކުށްތަކާއި ލާއިންސާނީ ޖަރީމާތަކަށް ރަޝިޔާ ޖަވާބުދާރީ ކުރުވާނެ ކަމަށް ވެސް ބައިޑަންއާއި މެކްޚޯން ވިދާޅުވިއެވެ. ބައިޑަން ވިދާޅުވީ ޑިމޮކުރަސީއާއި އިންސާނީ ހައްޤުތައް ހިމާޔަތް ކުރުމަށް އެމެރިކާއާއި ފަރަންސޭސި ވިލާތް ގުޅިގެން ރަޝިޔާއާ ދެކޮޅަށް މަސައްކަތް ކުރައްވާނެ ކަމުގައެވެ.

މެކްޚޯން ވިދާޅުވީ އޭނާ މިހާރު ވެސް ޕުޓިންއާ މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށާއި، ހަނގުރާމަ ހުއްޓައިލަން ބާރުއަޅައި، ނިއުކްލިޔަރ ހަކަތަ އުފައްދާ ޕްލާންޓުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ބާރު އަޅުއްވާނެ ކަމުގައެވެ. އޭނާ މިހެން ވިދާޅުވި ނަމަވެސް، ޔޫކްރެއިނުގެ ދެކުނުގައިވާ ޒަޕޮރީޜިޔާގައި ހުންނަ ނިއުކްލިޔަރ ޕްލާންޓު ހުންނަ ސަރަޙައްދަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ނިއުކްލިޔަރ ކާރިސާއެއް ކުރިމަތިވެދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.