ޚަބަރު

ބްރެޒިލްގައި ބިންގަނޑު ކަނޑައިގެން ގޮސް ގިނަ ޢަދަދެއްގެ ބަޔަކު ގެއްލިއްޖެ


ބްރެޒިލްގެ ދެކުނުގެ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ކުރިމަތިވި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތަކުގައި ގިނަ ޢަދަދެއްގެ ބަޔަކު ގެއްލިއްޖެއެވެ. ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކުރަމުން ދަނީ ދެކުނުގައިވާ ސްޓޭޓްތަކެއް ކަމުގައިވާ ސެންޓާ ކެޓެރީނާއާއި ޕެރާނާށެވެ.

އެ ސްޓޭޓްގެ ބޮޑު ސަރަޙައްދެއްގައި ފެންބޮޑުވެފައި ވާއިރު، ގެދޮރުގައި ތާށިވެ ގިނަ ޢަދަދެއްގެ ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ. އެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބްރެޒިލްގެ ފުލުހުންނާއި ސިފައިން ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. އަދި، ފެންބޮޑުވެފައިވާ ސަރަޙައްދުތަކުގައި ތާށިވެފައިވާ މީހުން ސަލާމަތް ކުރުމަށް ހެލިކޮޕްޓަރުތައް ބޭނުން ކުރަމުންނެވެ.

ސެންޓާ ކެޓެރީނާގެ ބައެއް ސަރަޙައްދުތަކުގައި ޢާންމުން ދިރިއުޅޭ ގެދޮރުގެ ފުރާޅާ ހަމައަށް ވަނީ ފެންބޮޑުވެފައެވެ. އެ ސަރަޙައްދުތަކުން 880 އަށްވުރެ ގިނަ މީހުން މިހާރު ވެސް ވަނީ ސަލާމަތް ކޮށްފައެވެ. ފެންބޮޑުވުމާ ގުޅިގެން ސެންޓާ ކެޓެރީނާގެ ބައެއް ރަށްތަކުގައި މިހާރު ވަނީ ކުއްލި ހާލަތު އިޢުލާނު ކޮށްފައެވެ. އަދި، މަގުތައް ބޭނުން ނުކުރުމަށް އެ ރަށްރަށުގެ ރައްޔިތުންނަށް ވަނީ އިލްތިމާސް ކޮށްފައެވެ.

ބޯކޮށް ވާރޭވެހުމުގެ ސަބަބުން ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތައް ހިނގާފައި ވަނީ ޕެރާނާ ސްޓޭޓްގައެވެ. މި ހާދިސާތަކުގައި ގިނަ ޢަދަދެއްގެ ބަޔަކު ގެއްލިފައިވާ ކަމުގައި އެ ސްޓޭޓްގެ އޮފިޝަލުން ބުނެއެވެ. އަދި، އެ މީހުން ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ބިންގަނޑު ކަނޑައިގެން ގޮސް ބައެއް ސަރަޙައްދުތަކުގެ ހައިވޭތަކަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތައް ލިބިފައެވެ. ބީ.އާރް-376 ހައިވޭ އޮންނަ ސަރަޙައްދުގެ ބިންގަނޑު ކަނޑައިގެން ދިޔަ ވަގުތު އެ ހިސާބުގައި 30 ވަރަކަށް މީހުން ދަތުރު ކުރަމުން ދިޔަ ކަމުގައި އޮފިޝަލުން ބުނެއެވެ. މި ހާދިސާގައި ދެ މީހެއްގެ ފުރާނަ ގެއްލުނު ކަމަށާއި، ގެއްލިފައިވާ އިތުރު މީހުން ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމުގައި ވެސް އޮފިޝަލުން ބުނެއެވެ.

ބިންގަނޑު ކަނޑައިގެން ގޮސް ކިސަޑު ފޭބުމުގެ ސަބަބުން ހައިވޭތަކަށް ގެއްލުންވެ، ބަނދަރުމަތުން މުދާ ބޭރު ކުރުމަށް ވެސް ވަނީ ހުރަސް އެޅިފައެވެ. އަދި، ޕަރަނާގުއާއާއި އެންޓޮނީނީ ބަނދަރުން ރަށްތަކަށް މުދާ އުފުލާ އުޅަނދު ފަހަރުގެ ދަތުރުތަކަށް ވަނީ ހުރަސް އެޅިފައެވެ.

އަހަރުގެ ކުރީކޮޅާއި ފަހުކޮޅަކީ ބްރެޒިލްގެ ގިނަ ހިސާބުތަކަށް މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހޭ ދުވަސްވަރެކެވެ. މި އަހަރުގެ ފެބުރުވަރީ މަހު ބްރެޒިލްގެ ފަރުބަދަމަތީ ރަށެއް ކަމުގައިވާ ޕެޓްރޮޕޮލިސްގައި ހިނގި ކިސަޑު ފޭބުމުގެ ހާދިސާއެއްގައި 94 މީހުން މަރުވިއެވެ.