ޗައިނާއާއި ރަޝިޔާގެ އަސްކަރީ މަތިންދާބޯޓުތަކެއް ދެކުނު ކޮރެޔާގެ ސަރަޙައްދު ކައިރީގައި ހަރަކާތްތެރިވާން ފެށުމާ ގުޅިގެން އެ ޤައުމުގެ އަސްކަރިއްޔާއާއި އަސްކަރީ މަތިންދާބޯޓުތައް ތައްޔާރީ ހާލަތަކަށް ގެނެސްފިއެވެ. ދެކުނު ކޮރެޔާއިން ބުނީ ރަޝިޔާގެ ހަ އަސްކަރީ މަތިންދާބޯޓަކާއި ޗައިނާގެ ދެ އަސްކަރީ މަތިންދާބޯޓެއް އެ ޤައުމުގެ ވައިގެ ދިފާޢީ ސަރަޙައްދުގައި ހަރަކާތްތެރިވެފައިވާ ކަމުގައެވެ.
އެ އުޅަނދުތަކަށް އިންޒާރުދީ، އެ ސަރަޙައްދުން ފޮނުވައިލުމަށް ދެކުނު ކޮރެޔާއިން ވަނީ އެ ޤައުމުގެ އަސްކަރީ މަތިންދާބޯޓުތައް އެ ސަރަޙައްދަށް ފޮނުވާފައެވެ. ރަޝިޔާއާއި ޗައިނާގެ އަސްކަރީ މަތިންދާބޯޓުތަކެއް ވަނީ ޖަޕާނުގެ ވައިގެ ދިފާޢީ ސަރަޙައްދު ކައިރިގައި ވެސް ހަރަކާތްތެރިވެފައެވެ. އަދި، އެ އުޅަނދުތައް ފައްސައިލުމަށް ޖަޕާނުން ވެސް ވަނީ އެ ޤައުމުގެ އަސްކަރީ މަތިންދާބޯޓުތައް ފޮނުވާފައެވެ.
ޗައިނާއާއި ރަޝިޔާގެ އުޅަނދުތައް ކޮރެޔާ އެއަރ ޑިފެންސް އައިޑެންޓިފިކޭޝަން ޒޯން ނުވަތަ އޭ.ޑީ.އައި.ޒެޑް. ހުރަސްކޮށްފައިވާ ކަމުގައި ދެކުނު ކޮރެޔާއިން ބުނެއެވެ. އެ އުޅަނދުތަކުގެ ތެރޭގައި ޗައިނާގެ އެޗް-6 މަރުކާގެ ބޮންއަޅާ މަތިންދާބޯޓުތައް ހިމެނޭ ކަމުގައި ވެސް އެ ޤައުމުން ބުނެއެވެ. މީގެ އިތުރުން ރަޝިޔާގެ އަސްކަރިއްޔާގެ އެސް.ޔޫ.35 މަރުކާގެ ދެ މަތިންދާބޯޓާއި ޓީ.ޔޫ-95 މަރުކާގެ ހަތަރު ބޮންއަޅާ މަތިންދާބޯޓު އެ ޤައުމުގެ ސަރަޙައްދުގައި ހަރަކާތްތެރިވި ކަމުގައި ދެކުނު ކޮރެޔާއިން ބުނެއެވެ.
އޭ.އައި.ޑީ.ޒެޑް.އަކީ ޤައުމެއްގެ ވައިގެ ސަރަޙައްދީ އިން ކަމުގައި ބެލެވޭ ސަރަޙައްދީ ރޮނގެކެވެ. ނަމަވެސް، އެއީ އެ ޤައުމެއްގެ ސިޔާދަތީ ބާރު ހިނގާ ސަރަޙައްދެއް ނޫނެވެ. ރަޝިޔާއާއި ޗައިނާގެ އަސްކަރީ މަތިންދާބޯޓުތަކުން ދެކުނު ކޮރެޔާގެ އޭ.އައި.ޑީ.ޒެޑް. ހުރަސްކޮށް، އެ ސަރަޙައްދުގައި ހަރަކާތްތެރިވި ނަމަވެސް، ދެކުނު ކޮރެޔާގެ ވައިގެ ސަރަޙައްދު ހުރަސްކޮށް އެތެރެވެފައެއް ނުވެއެވެ.
ރަޝިޔާއާއި ޗައިނާގެ އަސްކަރީ މަތިންދާބޯޓުތަކުން ދެކުނު ކޮރެޔާއާއި ޖަޕާނުގެ އޭ.އައި.ޑީ.ޒެޑް.ގައި ހަރަކާތްތެރިވެފައި ވަނީ ދެ ޤައުމުން ގުޅިގެން ކުރިއަށް ގެންދާ އަސްކަރީ ތަމްރީނުތަކެއްގެ ތެރެއިން ކަމުގައި ދެކުނު ކޮރެޔާއިން ފަހުން ވަނީ ބުނެފައެވެ. ނަމަވެސް، މި ހާދިސާއާ ގުޅިގެން ދެކުނު ކޮރެޔާއާއި ޖަޕާނުގެ ރައްޔިތުންނަށް ބިރުވެރިކަމަކާ ކުރިމަތިވެފައި ވާއިރު، އެ ޤައުމުތަކާއި ޗައިނާއާއި ރަޝިޔާއާ ދެމެދު އޮތް ގުޅުމަށް ވަނީ ހީނަރުކަން އައިސްފައެވެ.