ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި ފަށާފައިވާ ހަނގުރާމައިގައި މި ވަގުތު އެންމެ ވަރުގަދައަށް ހަމަލާތައް ބަދަލުކުރަމުން ދަނީ ޔޫކްރެއިނުގެ އިރުމަތީގެ ސަރަޙައްދުގައެވެ. ޑޮކެޓްސްކްގައި އޮންނަ ބަޚްމުތް ކިޔާ ސަރަޙައްދެއް ހިފުމަށް ރަޝިޔާ ސިފައިން މަސައްކަތް ކުރަމުންދާތާ މިހާރު މަސްތަކެއް ފާއިތުވެއްޖެއެވެ. ނަމަވެސް، އެ ކަން އަދި ކާމިޔާބު ކުރެވިފައެއް ނުވެއެވެ.
ރަޝިޔާގެ އަސްކަރިއްޔާއިން ބުނީ، އެ ސަރަޙައްދުގައި ކުރިއެރުންތަކެއް ލިބިފައިވާ ކަމުގައެވެ. އަދި، ބަޚްމުތް ކައިރީގައި އޮންނަ ދެ އަވަށެއް ރަޝިޔާ ސިފައިންގެ ކޮންޓްރޯލްގެ ދަށަށް ގެންދެވިފައިވާ ކަމުގައެވެ. ބަޚްމުތް ކައިރީގައި ހިނގަމުންދާ ހަނގުރާމައިގައި ދުވާލެއްގެ މައްޗަށް އެތަކެއް ސަތޭކަ ސިފައިންނެއް މަރުވަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މިއީ ޔޫކްރެއިނުގެ އިރުމައްޗާއި ދެކުނުގެ ސަރަޙައްދުގައި ރަޝިޔާ ސިފައިންނަށް ލިބެމުންދާ ބޮޑެތި ނާކާމިޔާބީތަކާ އަޅައިބަލާއިރު ކުޑަ ކުރިއެރުމެކެވެ. ރަޝިޔާ ސިފައިން އަތްގަދަ ކޮށްފައިވާ ސަރަޙައްދުތައް މިނިވަންކުރަން ޔޫކްރެއިނުން ފަށާފައިވާ ކެމްޕޭނުގެ ދަށުން އިރުމަތީގައިވާ ޚާރްކިވްގެ ބައެއް ސަރަޙައްދުތަކުގެ އިތުރުން ދެކުނުގައިވާ ޚާރްސަން ވަނީ މިނިވަން ކޮށްފައެވެ.
ބަޚްމުތްގައި ހިނގަމުންދާ ހަނގުރާމައިގެ އެންމެ ކުރީ ސަފުގައި ތިބީ ރަޝިޔާގެ ކުލީ ސިފައިންނާއި، ކުށްވެރިންނާއި އަލަށް ރަޝިޔާގެ އަސްކަރިއްޔާއާ ގުޅުނު ސިފައިން ކަމުގައި ޤަބޫލު ކުރެވެއެވެ. ރަޝިޔާއިން ދެމުންދާ ހަމަލާތަކުގައި ބަޚްމުތްގެ ބޮޑު ސަރަޙައްދަކުން ގޭހާއި ކަރަންޓުގެ ޚިދުމަތުގެ އިތުރުން މުވާސަލާތީ ޚިދުމަތްތައް މެދުކެނޑިފައިވާ ކަމުގައި ޔޫކްރެއިނުން ބުނެއެވެ.
ޔޫކްރެއިނުގެ ދެކުނުގައިވާ ޚާރްސަންއިން ފޭބުމަށް ފަހު ރަޝިޔާ ސިފައިން މިހާރު ޤާއިމުވެގެން ތިބީ ޑްނީޕްރޯ ކޯރުގެ އިރުމަތީ ފަރާތު އައްސޭރިފަށުގައެވެ. ނަމަވެސް، އެ ސަރަޙައްދުތަކުގައި ތިބި ރަޝިޔާ ސިފައިން ވެސް މިހާރު ފަހަތަށް ޖައްސަން ފަށާފައިވާނެ ކަމުގައި ޔޫކްރެއިނުގެ އަސްކަރިއްޔާއިން ބުނެއެވެ.
އެ ސަރަޙައްދު ދިފާޢު ކުރުމުގެ ގޮތުން ރަޝިޔާ ސިފައިން ދަނީ ޚާރްސަންގެ ސަރަޙައްދުތަކަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. މި ހަމަލާތަކާ ގުޅިގެން ޚާރްސަންގެ ބޮޑު ސަރަޙައްދަކުން ވަނީ ކަރަންޓާއި ފެނުގެ ޚިދުމަތް މެދުކެނޑިފައެވެ. ޑްނީޕްރޯ ކޯރުގެ އިރުމަތީގައި ހަރަކާތްތެރިވާ ރަޝިޔާގެ ފައުޖުތަކުގެ ތެރޭގައި ގިނައީ އަލަށް އެ ޤައުމުގެ އަސްކަރިއްޔާއާ ގުޅުނު ސިފައިން ކަމުގައި ޔޫކްރެއިނުން ބުނެއެވެ.
މި ހަނގުރާމަ މިހާރު މި ވަނީ ޔޫކްރެއިނުން ބޭރަށް ވެސް ފެތުރިފައެވެ. މި ގޮތުން، ސްޕެއިންގެ ވެރިރަށް މެޑްރިޑުގައި ހުންނަ ޔޫކްރެއިނުގެ އެމްބަސީއަށް އަމާޒުކޮށް މި ވަނީ ބޮމުގެ ހަމަލާއެއް ދީފައެވެ. ސްޕެއިންގައި ހުންނަ ޔޫކްރެއިނުގެ ސަފީރަށް ފޮނުވާފައިވާ ޕާރުސަލެއްގައި ފޮރުވާފައިވާ ބޮން ގޮވި ހާދިސާގައި ޔޫކްރެއިނުގެ ސިފައިންގެ މީހަކު ޒަޚަމުވިއެވެ.
މި ހާދިސާއާ ގުޅިގެން ޔޫކްރެއިނުން ވަނީ އެހެން ޤައުމުތަކުގައި ހުންނަ އެ ޤައުމުގެ އެމްބަސީތަކުގެ ސަލާމަތީ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކޮށްފައެވެ. ސްޕެއިންގައި ހުންނަ ޔޫކްރެއިނުގެ އެމްބަސީއަށް ފޮނުވާފައިވާ ޕާރުސަލާއި އެއްގޮތް އެހެން ޕާރުސަލެއް ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރީ ސަންޗޭޒްއަށް ވެސް ފޮނުވާފައިވާ ކަމުގައި އެ ޤައުމުން ބުނެއެވެ. ނަމަވެސް، މި ފަދަ އިތުރު ބޮމެއް ގޮއްވައިލާފައިވާ ކަމުގެ ރިޕޯޓެއް އަދި ކޮށްފައެއް ނެތެވެ.