2035ވަނަ އަހަރުގެ ކުރިން ޗައިނާއިން އެ ޤައުމުގައި ހުރި ނިއުކްލިޔަރ ހަތިޔާރުގެ އަދަދު ތިން ގުނައަށް އިތުރުކުރާނެ ކަމަށް ބެލެވޭ ކަމުގައި އެމެރިކާގެ ދިފާޢީ އިދާރާ ޕެންޓެގަންއިން ބުނެފިއެވެ. އެ އިދާރާއިން ނެރެފައިވާ ރިޕޯޓެއްގައި ބުނެފައި ވަނީ، ޗައިނާއިން އިތުރު ނިއުކްލިޔަރ ވޯހެޑް އުފެއްދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، 2035ވަނަ އަހަރުގެ ކުރިން އެ ޤައުމުގައި ހުރި ވޯހެޑްތަކުގެ ޢަދަދު 1,500އަށްވުރެ އިތުރު ކުރާނެ ކަމުގައެވެ.
އަސްކަރީ ގޮތުން ބަލާއިރު އެމެރިކާއާ ވާދަ ކުރެވޭ ޤައުމަކަށް މި ވަގުތު ދުނިޔޭގައި އޮތީ ޗައިނާ ކަމަށް އެމެރިކާއިން ޤަބޫލު ކުރެއެވެ. އަދި، ޗައިނާއިން އެ ޤައުމުގެ އަސްކަރީ ބާރު އިތުރުކޮށް، ހަތިޔާރާއި ސިފައިންގެ ޢަދަދު އިތުރު ކުރަން މަސައްކަތް ކުރަމުންދާ ކަމުގައި ޕެންޓެގަންއިން ބުނެއެވެ.
ޗައިނާގައި މި ވަގުތު ހުރި ނިއުކްލިޔަރ ވޯހެޑްގެ ޢަދަދު 400 އަށް ވުރެ އިތުރު ކަމަށާއި، މިހާރު ނިއުކްލިޔަރ ބޮން އުފައްދަން ކުރަމުންދާ މަސައްކަތްތައް ހުއްޓައިނުލައި ކުރިއަށް ގެންގޮސްފި ނަމަ، އެ ޢަދަދު 2023ގެ ކުރިން 1,500އަށްވުރެ މައްޗަށް އަރާނެ ކަމުގައި ވެސް ޕެންޓެގަންއިން ބުނެއެވެ.
އެމެރިކާއިން މި ކަމާ ކަންބޮޑުވުން ފާޅުކޮށް ރިޕޯޓުތައް ތައްޔާރު ކުރަމުން ދިޔަ ނަމަވެސް، ޗައިނާގައި ހުރި މިންވަރަށް ވުރެ އެތަކެއް ގުނައެއް އިތުރު ޢަދަދަކަށް އެމެރިކާއާއި ރަޝިޔާގައި ނިއުކްލިޔަރ ހަތިޔާރު އެބަހުއްޓެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުގައި، އެ ދެ ޤައުމުގައި ހުރި ނިއުކްލިޔަރ ވޯހެޑްތަކުގެ ޢަދަދު ހާހަކަށް ވުރެ އިތުރުވާނެއެވެ.
ޗައިނާއިން އެ ޤައުމުގެ ބެލިސްޓިކް މިސައިލްތައް ވެސް އިތުރަށް ތަރައްޤީ ކުރަމުންދާ ކަމުގައި ޕެންޓެގަންއިން ބުނެއެވެ. 2021ވަނަ އަހަރު ޗައިނާއިން 135 ބެލިސްޓިކް މިސައިލް ޓެސްޓެއް ހަދާފައިވާ ކަމަށާއި، މިއީ ދުނިޔޭގެ އެހެން ހުރިހާ ޤައުމަކާ އަޅައިބަލާއިރު އިތުރު ޢަދަދެއް ކަމުގައި ވެސް ޕެންޓެގަންއިން ބުނެއެވެ.
ޗައިނާގެ ވައިގެ ސިފައިންނަކީ ވެސް ދުނިޔޭގައި ތިންވަނައަށް އެންމެ ބޮޑު އަސްކަރިއްޔާއެވެ. އެ ޤައުމުގެ އަސްކަރީ މަތިންދާބޯޓުތަކުގެ ޢަދަދު 2,800އަށްވުރެ އިތުރުވާނެ ކަމަށް ބެލެވެއެވެ. އަދި، އެ ޤައުމުން ދަނީ އިތުރު އަސްކަރީ މަތިންދާބޯޓުތައް އުފައްދަން ވެސް މަސައްކަތް ކުރަމުންނެވެ.
ޗައިނާގެ ކަނޑުގެ ސިފައިންގެ މަނަވަރުތަކުގެ ހަރަކާތްތަކާ މެދު ވެސް ޕެންޓެގަންގެ ރިޕޯޓުގައި ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. މި ގޮތުން، 2021 ވަނަ އަހަރާއި މި އަހަރުގެ ތެރޭގައި ޗައިނާގެ އަސްކަރީ މަތިންދާބޯޓުތަކާއި މަނަވަރުތަކުން އޭޝިޔާ-ޕެސިފިކްގެ ސަރަޙައްދުގައި ނުރައްކާތެރި ހަރަކާތްތަކެއް ހިންގާފައިވާ ކަމަށް އެމެރިކާއިން ތުހުމަތު ކުރެއެވެ.
މީގެ ތެރޭގައި މި އަހަރުގެ ތެރޭގައި ޗައިނާގެ އަސްކަރިއްޔާއިން ތައިވާން ވަށައިގެންވާ ކަނޑާއި ވައިގެ ސަރަޙައްދުގައި ހިންގާފައިވާ އަސްކަރީ ތަމްރީނުތައް ޕެންޓެގަންއިން ފާހަގަކުރެއެވެ. ޗައިނާގެ އަސްކަރީ ތަމްރީނުތައް ބާއްވާފައި ވަނީ އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ރައީސާ ނެންސީ ޕެލޯސީ ތައިވާނަށް ކުރެއްވި ދަތުރުފުޅަކާ ގުޅިގެން ނުރުހުން ފާޅުކުރުމުގެ ގޮތުންނެވެ.