ޚަބަރު

ދޫނިރޯގާ އާންމުވެ ޕެރޫއާއި އެކުއެޑޯގައި ކުއްލި ޙާލަތު އިޢުލާނުކޮށްފި


ހަލުވިކަމާ އެކު ދޯނިރޯގާ ފެތުރެން ފެށުމާ ގުޅިގެން ދެކުނު އެމެރިކާގެ ދެ ޤައުމެއް ކަމުގައިވާ ޕެރޫއާއި އެކުއެޑޯގައި ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފިއެވެ. ވިލާތާއި އެމެރިކާގައި ވެސް ހަލުވިކަމާ އެކު ދޫނިރޯގާ ފެތުރެމުންދާ މި ދަނޑިވަޅުގައި، ޕެރޫއާއި އެކުއެޑޯއިން މި ވަނީ ތިން މަސް ދުވަހުގެ މުއްދަތަކަށް ކުއްލި ޙާލަތު އިޢުލާނުކޮށްފައެވެ.

ދޫނިރޯގާއާ ގުޅިގެން ވިލާތާއި އެމެރިކާގައި ވެސް އެތަކެއް މިލިޔަން ދޫންޏެއް މިހާރު ވަނީ މަރައިލާފައެވެ. މި ރޯގާގެ ވަރަށް ހަލުވި މިނުގައި ފެތުރޭ ވައްތަރެއް ކަމުގައިވާ "އޭ އެޗް5" ވޭރިއެންޓް ޕެރޫއިން ފެނިފައި ވަނީ ހުސްވި ނޮވެންބަރު މަހުގެ ކުރީކޮޅުގައެވެ. އެއަށްފަހު، މެކްސިކޯއިން ވެސް ވަނީ ދޫނިރޯގާގެ އެ ވޭރިއެންޓް އެ ޤައުމުގައި ވެސް ފެތުރެމުންދާ ކަން ހާމަކޮށްފައެވެ.

މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ޕެރޫއިން ވަނީ ބަލި ޖެހިފައިވާ ކަމަށް ޝައްކު ކުރެވޭ ދޫނިތައް މެރުމަށް އަމުރުކޮށްފައެވެ. ޕެރޫގެ ޖަނަވާރާއި ގަސްގަހާގެއްސާ ބެހޭ އިދާރާއިން ބުނީ، މި ބަލި ޖެހިފައިވާ 13,800 އަށްވުރެ ގިނަ ދޫނި މިހާރު ވެސް މަރައިލާފައިވާ ކަމުގައެވެ. މީގެ ތެރޭގައި ގިނައީ ކަނޑުމަތީ ދޫންޏެއް ކަމުގައިވާ ޕެލިކަން ކަމުގައި އެ އިދާރާއިން ބުނެއެވެ.

އެކުއެޑޯގައި ހަލުވިކަމާ އެކު ދޫނިރޯގާ ފެތުރެމުންދާ ކަން އިޢުލާނު ކޮށްފައި ވަނީ ހުސްވި ހަފުތާގެ ތެރޭގައެވެ. އެ ޤައުމުގެ ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ބުނީ، މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން 180,000 އަށްވުރެ ގިނަ ދޫނި މަރައިލަން ނިންމާފައިވާ ކަމުގައެވެ. ބަލި ފެތުރެމުން ދިޔަ ނަމަވެސް، ކުކުޅު މަހާއި ކުކުޅު ބިސް ބޭނުން ކުރުން ރައްކާތެރި ކަމުގައި އެ ވުޒާރާއިން ވަނީ ބުނެފައެވެ.

އެކުއެޑޯގައި ގެންގުޅޭ ކުކުޅުގެ އާބާދީ 263 މިލިޔަނަށް އަރާނެ ކަމަށާއި، އެހެން ވައްތަރުތަކުގެ އިތުރު 16 މިލިޔަން ދޫނި އުޅޭ ކަމުގައި އެ ޤައުމުން އަންދާޒާ ކުރެއެވެ. މީގެ ތެރެއިން ދޫނިރޯގާ ޖެހިފައިވާ ކަމަށް ބެލެވެނީ 0.15 އިންސައްތައަށެވެ. ކުކުޅު ގެންގުޅުމަކީ އެކުއެޑޯގައި ބޮޑު ސިނާޢަތެކެވެ. އެ ޤައުމަށް ލިބޭ އާމްދަނީގެ 23 އިންސައްތަ ހިއްސާ ކުރަނީ އެ ވިޔަފާރިންނެވެ.

އެމެރިކާގައި މި އަހަރުގެ ތެރޭގައި ދޫނިރޯގާ ޖެހިގެން މަރައިލާފައިވާ ދޫނީގެ އަދަދު 50 މިލިޔަނަށްވުރެ މައްޗަށް އަރައެވެ. ބައެއް ދަނޑުތަކުގައި ގެންގުޅޭ ހުރިހާ ދޫންޏެއް މަރައިލާފައިވާ ކަމުގައި އެ ޤައުމުގެ ދަނޑުވެރިން ބުނެއެވެ. މިއާއެކު ކުކުޅު ބިހާއި ސީނުކުކުޅު މަހުގެ އަގުތައް ވަނީ އުފުލިފައެވެ.