މޯބައިލް ފޯނު ސިމްކާޑު ދޫކުރުމުގެ އުސޫލަށް ހަރުކަށިކޮށް 1 ޑިސެމްބަރުން ފެށިގެން އެއުސޫލަށް އަމަލުކުރަން ފަށާނެ ކަމަށް ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްއިން ހާމަކޮށްފިއެވެ.
މޯބައިލް ފޯނު ސިމްކާޑު ދޫކުރުމުގެ އުސޫލަށް ބަދަލު ގެނައުމަށް ނިންމީ މުއާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ކުރާ ނޭދެވޭ އަމަލުތައް ދުވަހުން ދުވަހަށް އިތުރުވަމުން ދިއުމާއެކު، މިފަދަ އަމަލުތައް މަދުކުރުމަށް އަޅާ ފިޔަވެޅެއްގެ ގޮތުން ކަމަށް އެއޮތޯރީޓީން ހާމަކުރެއެވެ.
ބުރާސްފަތި ދުވަހުން ފެށިގެން، ސިމްކާޑު ކަސްޓަމަރުންނަށް ދޫކުރުމުގެ ކުރިން ހުންނާނީ ބޭނުންނުކުރެވޭ ގޮތަށް (ނޮން އެކްޓިވޭޓަޑް ސްޓޭޓަސް)ގައި ކަމަށާއި ސިމްކާޑު އެކްޓިވޭޓް ވާނީ، ސިމްކާޑު ދޫކުރާ ކަސްޓަމަރުގެ ފުރިހަމަ މައުލޫމާތު ސަރވިސް ޕްރޮވައިޑަރަށް ލިބުމުން ކަމަށް ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްއިން ހާމަކުރެއެވެ.
ސިމްކާޑު ދޫކުރުމުގެ މި އައު އުސޫލާބެހޭ އިތުރު ތަފްސީލް، ޚިދުމަތް ހޯދަން ބޭނުންވާ ސަރވިސް ޕްރޮވައިޑަރގެ ފަރާތުން ލިބޭނެ ކަމަށްވެސް އެއޮތޯރިޓީން ހާމަކުރެއެވެ.
ސިމްކާޑު ދޫކުރުމުގެ އުސޫލު ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ކުރިޔަށް އޮތް ތަނުގައިވެސް އިތުރު ކަންކަން ކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެއޮތޯރިޓީން ހާމަކުރެއެވެ.
ސިމްކާޑު ދޫކުރުު އުސޫލަށް ބަދަލުތަކެއް ގެނައުމަށް ނިންމާފައިމިވަނީ މިފަހަކަށް އައިސް އެކި ނަމްބަރުތަކުން އެކި ނަންނަމުގައ އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތައް ފެންމަތިވެފައިވަނިކޮށެވެ.
ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ސެޕްޓެމްބަރުމަހުގެ ނިއަލަށް ސްކޭމް ކޯލްތަކާއި ގުޅުންހުރި 220 އަށްވުރެ ގިނަ މައްސަލަ އެއިދާރާގައި ވަނީ ރިޕޯޓްކޮށްފައެވެ. މިމައްސަލަތަކުގައި އެކި މީހުންގެ އަތުން ހަތަރު މިލިޔަން ރުފިޔާ ވަނީ އޮޅުވާލައިގެން އަތުލާފައިވާކަން އޭރުވަނީ ހާމަކޮށްފައެވެ. އޮޅުވާލައިގެން ފައިސާ ހޯދުމުގައި މައްސަލަތަކުގައި ފުލުހުންނަށްވެސް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މިފަދަ އަމަލުތައް ހިންގާ މީހުން ގެންގުޅޭ ނަންބަރަކީ އެއްވެސް މީހެއްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ނަންބަރަކަށް ނުވަތަ ސިމަކަށް ނުވުމެވެ.