ޚަބަރު

ޢިރާޤާއި އީރާން ގުޅިގެން ޓެރެރިޒަމާ ދެކޮޅަށް މަސައްކަތްކުރަނީ


ޓެރެރިޒަމާ ދެކޮޅަށް ގުޅިގެން މަސައްކަތްތަކެއް ކުރުމަށް އިރާޤާއި އިރާނުން އެއްބަސްވެއްޖެއެވެ. ދެ ޤައުމުގެ ދެމެދުގައި މި ކަމަށް އެއްބަސްވެފައި ވަނީ އިރާޤުގެ ބޮޑުވަޒީރު މުޙައްމަދު ޝިޢާ އަލް-ސުދާނީ އީރާނަށް ވަޑައިގަންނަވައި އެ ޤައުމުގެ ރައީސް އިބްރާހީމް ރައީސީއާ އެކު ބޭއްވެވި ބައްދަލުވުމެއްގައެވެ.

ދެ ޤައުމަށް މި ވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ޓެރެރިޒަމްގެ ނުރައްކާތެރިކަން ކަމުގައި ދެ ލީޑަރުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ދެ ޤައުމުގެ ދެމެދުގައި ދިފާޢީ އަދި ސަލާމަތީ ދާއިރާގެ އިތުރުން އިޤުތިޞާދީ ދާއިރާއިން ގުޅުންތައް ބަދަހި ކުރުމަށް ދެ ބޭފުޅުން ވަނީ އެއްބަސްވެފައެވެ.

ސުދާނީ އީރާނަށް ވަޑައިގަންނަވާފައި މި ވަނީ، އިރާޤުގެ އުތުރުގެ ސަރަޙައްދުތަކުގައި ދިރިއުޅޭ ކުރުދީންގެ އަމާޒުތަކަށް އީރާނުން ވަރުގަދަ ހަމަލާތަކެއް ދެމުންދާ ދަނޑިވަޅެއްގައެވެ. މިއީ، އިރާޤުގެ ބޮޑުވަޒީރު ކަމުގެ މަޤާމާ މީގެ މަހެއްހާ ދުވަސް ކުރިން ހަވާލުވެ ވަޑައިގެންނެވި ފަހުން އޭނާ އީރާނަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

"ދެ ޤައުމަށް އޮތް އެންމެ މުހިންމު ކަމަކީ މި ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުން. އަދި ހަމަޖެހުން ޤާއިމު ކުރުން. މި ކަން ހާސިލު ކުރެވޭނީ ޓެރެރިޒަމާއި، ރާވައިގެން ހިންގާ ކުށްތަކާއި، މަސްތުވާތަކެތީގެ ވިޔަފާރިއާ ދެކޮޅަށް ގުޅިގެން މަސައްކަތް ކޮށްގެން،" ރައީސީ ވިދާޅުވިއެވެ.

ސުދާނީ ވިދާޅުވީ، އިރާޤުގެ ސަރަޙައްދު ބޭނުން ކޮށްގެން އީރާނަށް ހަމަލާ ދިނުމުގެ ފުރުޞަތު އެއްވެސް ފަރާތަކަށް ނުދޭނެ ކަމުގައެވެ. އޭނާ އިޝާރާތް ކުރައްވާފައި ވަނީ، އީރާނުގެ ސަރުކާރާ ދެކޮޅަށް މިހާރު ކުރަމުންދާ މުޒާހަރާތަކަށެވެ. އެ މުޒާހަރާތަކުގެ ފަހަތުގައި ތިބީ އިރާޤުގައި ދިރިއުޅޭ ކުރުދީ ދަރިކޮޅުގެ މީހުން ކަމުގައި އީރާނުން ތުހުމަތު ކުރެއެވެ.

ކުރުދިސްތާނަކީ އިރާޤުގެ އުތުރުގައި ވަކިން އޮންނަ ސަރަޙައްދެކެވެ. އީރާނުން ފައްސައިލާފައިވާ ކުރުދީ ދަރިކޮޅުގެ ގިނަ ޢަދަދެއްގެ ބަޔަކު އެ ސަރަޙައްދުގައި ދިރިއުޅެއެވެ. މީގެ ތެރޭގައި ހަތިޔާރު އެޅި ޖަމާޢަތްތައް ވެސް ހިމެނެއެވެ. އެ މީހުންނާ ދެކޮޅަށް އީރާނުން ދަނީ ވައިގެ ހަމަލާތައް ދެމުންނެވެ. އެންމެ ފަހުން ހަމަލާތައް ފަށާފައި ވަނީ ނޮވެންބަރު މަހުގެ ކުރީކޮޅެވެ.

އޭގެ ކުރިން އީރާނުން އެ ސަރަޙައްދަށް އަމާޒުކޮށް ދިން ހަމަލާތަކެއްގައި ޢާންމުންގެ ހަތް މީހުން މަރުވުމާ ގުޅިގެން އިރާޤުގެ ސަރުކާރުން ވަނީ އެ ކަމާ ނުރުހުން ފާޅުކޮށްފައެވެ. އަދި، އީރާނުގެ ސަފީރު ހާޒިރުކޮށް އެ ކަމާ ގުޅޭ ގޮތުން ސުވާލު ކޮށްފައެވެ. މި ކަމާ ގުޅޭ ގޮތުން ސުދާނީ ވިދާޅުވީ، ކުރުދިސްތާނާއި އީރާން ގުޅޭ ސަރަޙައްދީ އިމުގައި ފޯރިމެރުމަށް ސިފައިންގެ ޚާއްޞަ ފައުޖެއް ފޮނުވުމަށް އެ ޤައުމުން މިހާރު ނިންމާފައިވާ ކަމުގައެވެ.

އީރާނުގެ އިތުރުން ތުރުކީ ވިލާތުން ވެސް ދަނީ ކުރުދީ ހަނގުރާމަވެރިންނާ ދެކޮޅަށް އަސްކަރީ ކެމްޕޭނެއް ހިންގަމުންނެވެ. ތުރުކީ ވިލާތުން އިރާޤާއި ސޫރިޔާގައި ހަރަކާތްތެރިވާ ކުރުދީންގެ އަމާޒުތަކަށް ހަމަލާ ދޭން ފަށާފައި ވަނީ ވެރިރަށް އިސްތަންބޫލުގައި ދިން ޓެރެރިސްޓް ހަމަލާއަކާ ގުޅިގެންނެވެ.