ޚަބަރު

2021ވަނަ އަހަރަކީ ފެނާ ގުޅުންހުރި ކާރިސާތައް ގިނަ އަހަރެއް


2021ވަނަ އަހަރަކީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެނާ ގުޅުންހުރި ބޮޑެތި ކާރިސާތަކެއް ކުރިމަތިވި އަހަރެއް ކަމުގައި އ.ދ.އިން ބުނެފިއެވެ. މި ކަން ހާމަކޮށްފައި ވަނީ އ.ދ.ގެ ގުނަވަނެއް ކަމުގައިވާ ދުނިޔޭގެ މުސުމާބެހޭ ޖަމުޢިއްޔާ (ޑަބްލިޔު.އެމް.އޯ)އިން ތައްޔާރު ކުރި ދުނިޔޭގެ ފެނުގެ ހާލަތާ ގުޅޭ ރިޕޯޓުގައެވެ.

މިއީ، ޑަބްލިޔު.އެމް.އޯ.އިން މި ރިޕޯޓު ތައްޔާރު ކުރި ފުރަތަމަ ފަހަރެވެ. 2021ވަނަ އަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކަށް ކުރިމަތިވި ފެނާ ގުޅުންހުރި ކާރިސާތަކުގެ ތެރޭގައި ފެންބޮޑުވުމާއި، ވާރޭ ނުވެހި ގިނަ ދުވަސްވުމުގެ ސަބަބުން ހަނަފަސްވުން ހިމެނެއެވެ. މީގެ އިތުރުން، އެތަކެއް ބިލިޔަން މީހުންނަކަށް ސާފު ބޯފެން ހޯދުމަށް ދަތިތަކާ ކުރިމަތިވި ކަމުގައި އެ ޖަމުޢިއްޔާގެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ.

ޑަބްލިޔު.އެމް.އޯ.ގެ ރިޕޯޓުގެ މަޤުޞަދަކީ މޫސުމަށް އަންނަމުންދާ ބަދަލުތަކާއި މުޖުތަމަޢުގެ ޢަމަލުތަކުގެ ސަބަބުން ސާފު ބޯފެނުގެ ވަސީލަތްތަކަށް އަސަރު ކޮށްފައިވާ މިންވަރު ދެނެގަތުމެވެ. އަދި، ސާފު ބޯފެން ލިބޭ ވަސީލަތްތައް މެނޭޖުކުރުމަށް އެޅޭނެ ހަރުދަނާ ފިޔަވަޅުތައް ދެނެގަތުން ހިމެނެއެވެ. 2021ވަނަ އަހަރަކީ އެހެން އަހަރުތަކާ އަޅައިބަލާއިރު ވާރޭވެހުން މަދު، ހަނަފަސް އަހަރެއްގެ ގޮތުގައި ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ.

"މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތައް ދެނެގަނެވޭ އެއް ވަސީލަތަކީ ސާފު ބޯފެން ލިބޭ ވަސީލަތްތައް. އެ ބަދަލުތަކުގެ ސަބަބުން ހަނަފަސްކަން އިތުރުވުމާއި، ފެންބޮޑުވުމާއި، ވާރޭވެހޭ މިންވަރަށް ބަދަލު އައުމުގެ އިތުރުން ގަނޑުފެންގަނޑުތައް ވިރޭ މިންވަރު ހަލުވިވޭ. މިއީ ހައްތަހާ ވެސް އަޅުގަނޑުމެންގެ ދިރިއުޅުމާއި، ވެށީގެ އިތުރުން އިޤުތިޞާދުތަކަށް އަސަރު ކުރުވާ ކަންކަން،" ޑަބްލިޔު.އެމް.އޯ.ގެ އިސްވެރިޔާ ޕެޓޭރީ ޓާލަސް ވިދާޅުވިއެވެ.

ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ބައެއް ކަންކަމުގެ ތެރޭގައި ސާފު ބޯފެން ހޯދުމަށް ހުރި ދަތިތައް ހިމެނެއެވެ. މި ގޮތުން، 3.6 މިލިޔަން މީހުންނަށް އަހަރެއްގެ ތެރޭގައި މަދުވެގެން އެއް މަހު، އެކަށީގެންވާ މިންވަރަކަށް ސާފު ބޯފެން ނުލިބުމާއި، ނުވަތަ ސާފު ބޯފެން ހޯދުމަށް ދަތިތަކާ ކުރިމަތިލާން ޖެހުނު ކަމުގައި ރިޕޯޓުގައި ހާމަކޮށްފައިވެއެވެ. 2050ވަނަ އަހަރުގެ ކުރިން އެ އަދަދު 5 ބިލިޔަނަށް އަރާނެ ކަމަށް ވެސް ރިޕޯޓުގައި އިންޒާރު ކޮށްފައިވެއެވެ.

އ.ދ.އިން ހަދާފައިވާ ދިރާސާތަކުން ފެންނަ ގޮތުގައި 2001ވަނަ އަހަރާއި 2018ވަނަ އަހަރާ ދެމެދު ދުނިޔޭގެ އެކި ކަންކޮޅުތަކަށް ކުރިމަތިވި ޤުދުރަތީ ކާރިސާތަކުގެ ތެރެއިން 74 އިންސައްތައަކީ ފެނާ ގުޅުންހުރި ކާރިސާތަކެވެ. އަދި، 2021ވަނަ އަހަރު ދުނިޔޭގެ ހުރިހާ ކަންކޮޅަކަށް ވެސް ފެނާ ގުޅުންހުރި ކާރިސާތައް ކުރިމަތިވި ކަމުގައި ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ.

ވިލާތުގެ ޤައުމުތަކުގެ ތެރެއިން ހުޅަނގުގައިވާ ޤައުމުތަކުގެ އިތުރުން އެމެޒަން ޖަންގައްޔަށް 2021ވަނަ އަހަރު ރެކޯޑު މިންވަރަކަށް ވާރޭވެހުނެވެ. އަދި، ގިނަ ސަރަޙައްދުތަކެއްގައި ފެން ބޮޑުވިއެވެ. ނަމަވެސް، ޕެރެގުއާއީ، ބްރެޒިލް، އެމެރިކާ އަދި އެފްރިކާ ބައްރުގެ މެދުތެރޭގައިވާ ޤައުމުތަކުގެ ކޯރުތަކާއި ފެންގަނޑުތައް ވަނީ ހިނދިފައެވެ. އެފްރިކާ ދެކުނާއި އިންޑިޔާގެ ކޯރުތަކާއި ފެންގަނޑުތައް ބޮޑުވެފައިވާ ކަމުގައި ވެސް ރިޕޯޓުގައި ހާމަކޮށްފައިވެއެވެ

މި ކަންކަމާ ގުޅިގެން އެޅުމަށް މުހިންމު ފިޔަވަޅުތަކެއް ވެސް ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ. މީގެ ތެރޭގައި ހަނަފަސްކަމާއި ފެންބޮޑުވުން ފަދަ ހާދިސާތައް ކުރިމަތިވުމުގެ ކުރިން ދުރާލައި އެ ކަމުގެ އިންޒާރު އެ ސަރަޙައްދުތަކުގެ ރައްޔިތުންނަށް ދެވޭނެ ފުރިހަމަ ނިޒާމެއް ޤާއިމު ކުރުން ހިމެނެއެވެ.