ޚަބަރު

ނޭޓޯއިން ޔޫކްރެއިނަށް އެހީގެ ގޮތުގައި ތެލާއި ޖަނަރޭޓަރު ފޮނުވަނީ


ފިނިމޫސުމާ ގުޅިގެން ޔޫކްރެއިނުގެ ރައްޔިތުންނަށް ޖެހިފައިވާ ދަތި ހާލުން އަރައިގަތުމަށް އެހީތެރިވުމަށް ނޭޓޯއިން އެ ޤައުމަށް ތެލާއި ޖަނަރޭޓަރު ފޯރުކޮށްދޭނެ ކަން ހާމަކޮށްފިއެވެ. އެ އިއްތިހާދުން މި ކަން ހާމަކޮށްފައި ވަނީ، ޔޫކްރެއިނު ހަނގުރާމައާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ރޮމޭނިޔާގެ ވެރިރަށް ބުރެސްޓުގައި ބޭއްވި ބައްދަލުވުމަކަށް ފަހުއެވެ.

ރަޝިޔާއިން ޔޫކްރެއިނަށް އަރައި ކުރަމުންދާ ހަނގުރާމައިގެ ތެރެއިން އެ ޤައުމުގެ ވެރިރަށް ކީވްގެ އިތުރުން އެހެން ބޮޑެތި ރަށްތަކަށް ދަނީ މެދުކެނޑުމެއް ނެތި ހަމަލާ ދެމުންނެވެ. މި ހަމަލާތައް އަމާޒު ކޮށްފައި ވަނީ ކަރަންޓާއި ފެނުގެ ޚިދުމަތް ފަދަ އަސާސީ ޚިދުމަތްތައް ދިނުމަށް ބޭނުން ކުރާ ވަސީލަތްތަކަށެވެ. މި ހަމަލާތަކުގައި އެ ތަންތަނަށް ބޮޑެތި ގެއްލުންތައް ލިބި، ބައެއް ސަރަޙައްދުތަކުން ވަނީ ކަރަންޓާއި ފެނުގެ ޚިދުމަތް މެދުކެނޑިފައެވެ.

"ފިނިމޫސުމަކީ ހަތިޔާރަކަށް ހަދަން ޕުޓިން ދަނީ މަސައްކަތް ކުރަމުން. ބޭނުމަކީ ކަރަންޓުގެ ޚިދުމަތުން ޔޫކްރެއިނުގެ ރައްޔިތުންނާއި ސިފައިން މަހުރޫމު ކުރުވުން. އަދި، ފިނިހޫނުމިން ކޮންޓްރޯލް ކުރެވެން ހުރި ވަސީލަތްތައް ނައްތައިލުން،" ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިންގެ ހަނގުރާމައަށް ފާޑު ވިދާޅުވަމުން ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޔެންސް ސްޓޮލްޓެންބަރގް ވިދާޅުވިއެވެ.

ޔޫކްރެއިނުގެ ބައެއް ސަރަޙައްދުތަކަށް މިހާރު ވަނީ ފިނުމޫސުން އައިސްފައެވެ. އަދި، ޔޫކްރެއިނުގެ ރައްޔިތުންނަށް ވަނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑުމުން ގެދޮރުގެ ފިނިހޫނުމިން ކޮންޓްރޯލް ކުރާނެ ގޮތް ހުސްވެފައެވެ. މި ކަމަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ނޭޓޯގެ ޤައުމުތަކުން ޔޫކްރެއިނަށް ޖަނަރޭޓަރާއި، އެ ތަކެތި ހިންގަން ބޭނުން ކުރާނެ ތެޔޮ ފޯރުކޮށްދޭނެ ކަމުގައި ސްޓޮލްޓެންބަރގް ވިދާޅުވިއެވެ.

ބުކަރެސްޓުގައި ބޭއްވި ބައްދަލުވުމުގައި ޔޫކްރެއިނުން ވަނީ ހަތިޔާރު ފޯރުކޮށްދިނުމަށް އަވަސް ކުރުމަށާއި، ސުންނާފަތި ކޮށްލާފައިވާ އިންޖީނުގެތައް މަރާމާތު ކުރާނެ ވަސީލަތްތައް ފޯރުކޮށްދިނުމަށް ނޭޓޯގެ ޤައުމުތަކުގެ ކިބައިން އެދިފައެވެ.

"ޖަނަރޭޓަރާއި ޓްރާންސްފޯމަރު ފަދަ ތަކެތި ފޯރުކޮށްދީފި ނަމަ، ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާ ސަރަޙައްދުތަކަށް އަލުން އެ ޚިދުމަތް ގުޅައިދެވޭނެ. އަދި، ރައްޔިތުން މިހާރު ދިރިއުޅެމުންދާ ބިކަ ހާލުން އެ މީހުން ސަލާމަތް ކުރެވޭނެ،" ޔޫކްރެއިނުގެ ޚާރިޖީ ވަޒީރު ޑްމިޓްރޯ ކުލެބާ ވިދާޅުވިއެވެ.

ކަރަންޓުގެ ޚިދުމަތް މެދުކެނޑުމެއް ނެތި ފޯރުކޮށްދިނުމަށް ބޭނުންވާނެ ސާމާނުގެ އިތުރުން ނޭޓޯއިން އެ ޤައުމަށް ހަތިޔާރު ފޯރުކޮށްދިނުމުގައި ދެމި އޮންނާނެ ކަމުގައި ސްޓޮލްޓެންބަރގް ވިދާޅުވިއެވެ. ހަނގުރާމައިގައި ރަޝިޔާއިން ދެމުންދާ މިސައިލް ހަމަލާތަކުން ދިފާޢުވެވޭނެ ނިޒާމެއް ހޯދުމަށް ޔޫކްރެއިނުން ދަނީ މަސައްކަތް ކުރަމުންނެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން ވިދާޅުވީ ޔޫކްރެއިނުގެ ކަރަންޓު ވިއުގައަށް ބޭނުންވާ ސާމާނާ އެކު 53 މިލިޔަން ޑޮލަރުގެ އެހީ އެ ޤައުމުން ފޯރުކޮށްދޭނެ ކަމުގައެވެ. އަދި، ކުރިއަށް އޮތް އަހަރުގެ ތެރޭގައި ޔޫކްރެއިނަށް ހަކަތަ ފޯރުކޮށްދިނުމަށް އެމެރިކާއިން 1.1 ބިލިޔަން ޑޮލަރުގެ އެހީ ބަޖެޓު ކޮށްފައިވާ ކަމުގައި އެ ޤައުމުން ބުނެއެވެ.

ބުކަރެސްޓުގައި ކުރިއަށް ދިޔަ ބައްދަލުވުމުގައި ޔޫކްރެއިނަކީ ނޭޓޯގެ މެންބަރު ޤައުމެއްގެ ގޮތުގައި ކަނޑައެޅުމާ މެދު ވެސް މަޝްވަރާތައް ކުރިއެވެ. ނަމަވެސް، އެ ކަމާ ގުޅޭ ގޮތުން މާ ބޮޑު ކުރިއެރުންތަކެއް ހޯދިފައި ނުވާ ކަމުގައި އޮފިޝަލުން ބުނެއެވެ.