ކުޅިވަރު

އިންގްލަންޑަށް އެއްވަނަ، އީރާން ބަލިކޮށް އެމެރިކާ ދެވަނަ ބުރަށް


ފީފާ ވޯލްޑް ކަޕް 2022 ގެ މަރުގެ ގްރޫޕް ކަމަށްވާ ގްރޫޕް ބީގެ ފަހު މެޗުގައި އީރާން ބަލިކޮށް އެމެރިކާއިން ދެވަނަ ބުރަށް ދަތުރުކުރިއިރު، ވޭލްސް އަތުން ހޯދި ފަސޭހަ މޮޅާއެކު އިންގްލަންޑުން ގްރޫޕްގެ އެއްވަނަ ހޯދައިފިއެވެ.

މި މެޗަށް ނުކުތްއިރުވެސް އިންގްލަންޑުން ވަނީ ދެވަނަ ބުރުގެ ޖާގަ ކަށަވަރުކޮށްފައެވެ. އަނެއްކޮޅުން އެމެރިކާއިން ދެވަނަ ބުރަށް ދަތުރުކުރީ އީރާން ބަލިކޮށްގެންނެވެ.

ގަތަރުގެ އަލް ތުމައިމާ ސްޓޭޑިއަމްގައި އަންގާރަ ދުވަހުގެރޭ ކުޅުނު މެޗު އެމެރިކާއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެންވެސް އެމެރިކާއިން ވަނީ އީރާންގެ ހާފަށް ބާރުބޮޑުކޮށް ހަމަލާ އުފައްދާފައެވެ.

އެމެރިކާއިން މެޗުގައި ލީޑު ނެގީ މެޗުގެ 38 ވަނަ މިނެޓުގައެވެ. ސާޖިނީ ޑެސްޓްގެ އެހީތެރިކަމާއެކު މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ކްރިސްޓަން ޕްލިސިޗެވެ.

މި މެޗުގެ ދެވަނަ ހާފުގައި ނަތީޖާ ހަމަހަމަ ކުރަން އީރާނަށްވެސް ވަނީ ފުރުސަތުތަކެއްލިބި ބޭކާރުވެފައެވެ.

ގްރޫޕް ބީގެ އެއްވަނަ އިންގްލަންޑުން ހޯދީ އަންގާރަ ދުވަހުގެރޭ ވޭލްސްއާ ދެކޮޅަށް ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްގެންނެވެ.

މި މެޗު ލީޑު އިންގްލަންޑުން ނެގީ މެޗުގެ 50 ވަނަ މިނެޓުގައި މާކަސް ރަސްފޯޑް ޖެހި ލަނޑުންނެވެ. މިއީ ލިބުނު ހިލޭ ޖެހުމަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ. އޭގެ ދެ މިނެޓު ފަހުން އިންގްލަންޑަށް ލީޑު ފުޅާކޮށްދިނީ ފިލް ފޯޑެން ޖަހާދިން ލަނޑުންނެވެ. މިއީ އިންގްލަންޑްގެ ފުރަތަމަ އެގާރައިގައި ހިމެނިގެން މި ފަހަރުގެ މުބާރާތުގައި ފޯޑަން ކުޅުނު ފުރަތަމަ މެޗެވެ.

މި މެޗުގައި އިންގްލަންޑުން ޖެހި ތިންވަނަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީވެސް ރަޝްފޯޑެވެ. މިއީ ކެލްވިން ފިލިޕްސްގެ އެހީތެރިކަމާއެކު އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

މި ނަތީޖާތަކާއެކު މުބާރާތުގެ ދެވަނަ ބުރުގައި އިންގްލަނޑުން ވާދަކުރަން ޖެހޭނީ ގްރޫޕް އޭގެ ދެވަނައަށް ދިޔަ ސެނެގާލާ ދެކޮޅަށެވެ. ގްރޫޕް ބީގެ ދެވަނައަށްދިޔަ އެމެރިކާއިން ދެވަނަ ބުރުގައި ކުޅެން ޖެހޭނީ ގްރޫޕް އޭގެ އެއްވަނަ ހޯދި ނެދަލަންޑްސްއާ ދެކޮޅަށެވެ.