ކުޅިވަރު

ގްރޫޕް އޭއިން ނެދަލަންޑްސް އާއި ސެނެގާލް ދެވަނަ ބުރަށް


ފީފާ ވޯލްޑް ކަޕް 2022 ގެ ގްރޫޕް އޭގެ ފަހު މެޗުގައި ގަތަރު ބަލިކޮށް ނެދަލަންޑްސްއިން އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދަތުރުކުރިއިރު، އެކުއެޑޯ ބަލިކޮށް ސެނެގާލުން ދެވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ.

ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކަށް ނުކުތްއިރު، މި ގްރޫޕުން ދެވަނަ ބުރުގެ ޖާގަ ގެއްލިފައި އޮތީ ގަތަރަށެވެ. މި ގްރޫޕްގައި އެކުއެޑޯއިން ގަތަރުގެ މައްޗަށް ކުރިހޯދިއިރު، އެ ޓީމުން ވަނީ ނެދަލަންޑްސްއާ އެއްވަރުކޮށްފައެވެ. އަނެއްކޮޅުން ސެނެގާލުން ފަހު މެޗުގައި އެކުއެޑޯ ބަލިކުރުން ނޫން ގޮތެއް ނެތެވެ. އެއީ އެ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި 1-0 ގެ ނަތީޖާއަކުން ނެދަލަންޑްސް އަތުން ބަލިވެފައި އޮތުމުންނެވެ.

ޚަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި އަންގާރަ ދުވަހުގެރޭ ކުޅުނު މެޗު ސެނެގާލުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން ސެނެގާލަށް ވަނީ ލަނޑު ޖަހަން ރަނގަޅު ތިން ފުރުސަތު ލިބި ބޭކާރުވެފައެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ސެނެގާލުން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. އިކުއެޑޯގެ އޭރިއާގެ ތެރެއިން ސެނެގާލުގެ އިސްމާއީލް ސާއަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއަކުން މި ލަނޑު ޖަހާދިނީ ސާއެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ދެވަނަ ހާފުގައި އެކުއެޑޯއިން ވަނީ ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މެޗުގެ 67 ވަނަ މިނެޓުގައި އެކުއެޑޯއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މޮއިސެސް ކައިސޭޑޯއެވެ. އެކަމަކު އޭގެ ދެ މިނެޓު ފަހުން ސެނެގާލްގެ ކެޕްޓަން ކަލިޑޫ ކުލިބާލީ ވަނީ ލަނޑު ޖަހާ ސެނެގާލް މެޗުން މޮޅުކޮށްދީފައެވެ.

މި ގްރޫޕްގައި ނެދަލަންޑްސް އާއި ގަތަރު ބައްދަލުކުރި މެޗު ނެދަލަންޑްސްއިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

މުޅި މެޗު ކަހަލަ ގޮތަކަށް ނެދަލަންޑްސްއިން ކޮންޓްރޯލްކުރި މި މެޗުގައި އެ ޓީމުން ޖެހި ފުރަތަމަ ލަނޑު މެޗުގެ 26 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ކޯޑީ ގަކްޕޯއެވެ. މިއީ މި ފަހަރުގެ މުބާރާތުގައި ގަކްޕޯ ނެދަލަންޑްސްއަށް ޖަހައިދިން ތިންވަނަ ލަނޑެވެ.

މެޗުގެ ދެވަނަ ހާފުގައި ނެދަލަންޑްސްގެ ދެވަނަ ލަނޑު އެޓީމަށް ޖަހާދިނީ ތަޖުރިބާކާރު ޑިފެންޑަރު ފްރޭންކީ ޑި ޔޮންއެވެ. މި ލަނޑަށްފަހުވެސް ނެދަލަންޑްސްއަށް ވަނީ ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެގޮތުން ނެދަލަންޑްސްގެ މެމްފިސް ޑިޕާއޭއަށް ލަނޑު ޖަހަން ފުރުސަތުތަކެއް ލިބި ބޭކާރުވިއެވެ.

މި ނަތީޖާތަކާއެކު ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ނެދަލަންޑްސްއިން ދެވަނަ ބުރަށް ދަތުރުކުރީ ތިން މެޗުން ހޯދި ހަތް ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް ސެނެގާލަށް ތިން މެޗުން ހަ ޕޮއިންޓް ވަނީ ލިބިފައެވެ. ތިންވަނައިގައި އެކުއެޑޯ ގްރޫޕް ސްޓޭޖު ނިންމާލީ ތިން މެޗުން ހަތަރު ޕޮއިންޓާއެކުގައެވެ. އަދި ފުލުގައި އޮތް މުބާރާތް ބާއްވާ ގައުމު ގަތަރަށް ތިން މެޗުން ޕޮއިންޓެއް ލިބިފައެއްނުވެއެވެ.