ޚަބަރު

ރާއްޖެއާއި އިންޑިއާގެ ފުރަތަމަ ސެލެބްރިޓީ ފެސްޓިވަލް ބާއްވަން ތައްޔާރުވަނީ


އިންޑިއާއާއި ރާއްޖޭއާއި ދެމެދު ޘަޤާފީ ފެސްތިވަލެއް ބޭއްވުމަށް ނިންމައިފިއެވެ.

"ޓުއަރވިނަލް"ގެ ނަމުގައި އިންޑިއާގެ ފިލްމް އިންޑަސްޓްރީއާއި، ދިވެހި ފިލްމް އެސޯސިއޭޝަން ގުޅިގެން ކުރިއަށްގެންދާ މިފެސްޓިވަލްއަކީ މިފަދަ ގޮތަކަށް ބޭއްވޭ ފުރަތަމަ އިވެންޓުކަމަށް ޙަރަކާތް އިންތިޒާމުކުރާ ފަރާތުން ބުނެއެވެ. މީގެ ކުރިންވެސް ޘަޤާފީ އެކި ޙަރަކާތްތައް ދެޤައުމުގެ ދެމެދުގައި ބާއްވާފައިވާއިރު މިއީ ދެޤައުމުގެ ފަންނާނުން ބައިވެރިވެ ކާނިވަލެއްގޮތަށް އިންތިޒާމުކުރާ ފެސްޓިވަލެކެވެ.

މިގޮތުން މިޙަރަކާތުގެ ތެރެއިން ސެލެބްރިޓީންގެ މެދުގައި ބާއްވާ ފުޓުބޯޅަ މެޗަކާއި، ދެޤައުމުގެ ޘަޤާފަތް ދައްކުވައިދިނުމާއި، ކާނިވަލްގެ ތެރެއިން މެޑިކަލް އަދި ތަޢުލީމީ ދާއިރާގެ އެކްސްޕޯއެއްވެސް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. އަދި ފިލްމީ ދާއިރާއިން ޝައުގުވެރިވާ ބައިވެރިންނަށް ފިލްމް މާސްޓަރ ކްލާސްތައްވެސް ނަގައިދިނުމަށްވަނީ ހަމަޖެހިފައެވެ.

މިޙަރަކާތް ރަސްމީކޮށް ބާއްވާނެ ތާރީޚެއް އަދި ކަނޑައަޅާފައެއް ނުވެއެވެ. ފިލްމް އެސޯސިއޭޝަންއިން ބުނީ މި ޙަރަކާތް ބޭއްވުމަށް ދެފަރާތުން އެއްބަސްވުމެއް އެކުލަވާލުމަށް ހަމަޖެހިފައިވާކަމަށެވެ. މިޙަރަކާތް އިންތިޒާމުކުރުމަށް ފިލްމް އެސޯސިއޭޝަންގެ ހުރިހާ މެމްބަރުންގެ އެއްބާރުލުން ދިނުމަށް އެ އެސޯސިއޭޝަނުން ވަނީ އިލްތިމާސްކުރައްވާފައެވެ.