ޚަބަރު

އިޓަލީވިލާތުގައި ބިންގަނޑު ކަނޑައިގެން ގޮސް މަރުވި މީހުންގެ ޢަދަދު ހަތަކަށް


އިޓަލީ ވިލާތުގެ ރަށެއް ކަމުގައިވާ އިސްކިޔާއަށް ބޯކޮށް ވާރޭވެހި ހިނގި ބިންގަނޑު ކަނޑައިގެން ދިޔުމާއި ކިސަޑު ފޭބުމުގެ ހާދިސާގައި މަރުވި މީހުންގެ ޢަދަދު ހަތަކަށް އަރައިފިއެވެ. އިސްކިޔާގެ ކަސަމިޗިޔޯލާ ތޭރްމޭ ކިޔާ ކުޑަ ރަށެއްގައި ހިނގި މި ހާދިސާގައި ޢާންމުން ދިރިއުޅޭ ގިނަ ޢިމާރާތްތަކަށް ބޮޑެތި ގެއްލުންތައް ލިބި، ބިންގަނޑާއެކު ދަމައިގަނެ ގިނަ އަދަދެއްގެ އެއްގަމު އުޅަނދުފަހަރު ކަނޑަށް ވެއްޓުނު ކަމުގައި އޮފިޝަލުން ބުނެއެވެ.

މި ހާދިސާއާ ގުޅިގެން އިސްކިޔާގައި މިހާރު ވަނީ ކުއްލި ހާލަތު އިޢުލާނު ކޮށްފައެވެ. އަދި، ކިސަޑުތަކުގެ ދަށުގެ ގެއްލިފައިވާ ކަމަށް ބެލެވޭ އިތުރު މީހުން ހޯދުމަށް އޮފިޝަލުން ދަނީ މަސައްކަތް ކުރަމުންނެވެ. އެ މީހުން ހޯދުމަށް އިސްކިޔާ ކައިރީގެ ކަނޑުގެ ސަރަޙައްދުގައި ޑައިވަރުން ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. އަދިވެސް ފަސް މީހެއްގެ ހަށިގަނޑު ނުފެންނަ ކަމަށް އޮފިޝަލުން ބުނެއެވެ.

މި ހާދިސާއާ ގުޅިގެން އިޓަލީ ވިލާތުގެ ކެބިނެޓުން ވަނީ ކުއްލި ބައްދަލުވުމެއް ބާއްވާފައެވެ. އަދި، މި ހާދިސާގައި ގެދޮރާއި މުދަލަށް ގެއްލުންވެ، ހާލުގައި ޖެހިފައިވާ މީހުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކެބިނެޓުން ވަނީ ދެ މިލިޔަން ޑޮލަރުގެ ފަންޑެއް ކަނޑައަޅައި، ފައިސާ ދޫކުރަން ފަށާފައެވެ.

ގެއްލިފައިވާ ކަމަށް ބެލެވޭ މީހުން ހޯދުމުގެ މަސައްކަތުގައި 200އަށްވުރެ ގިނަ މީހުން ހަރަކާތްތެރިވަމުން ދާއިރު، އެ ސަރަޙައްދަށް އަދިވެސް މޫސުން ރަނގަޅުވެފައެއް ނުވެއެވެ. އަދި، ބޯކޮށް ވާރޭވެހުމާ ގުޅިގެން، ގެއްލިފައިވާ މީހުން ހޯދުމަށް ކުރަމުންދާ މަސައްކަތްތަކަށް ވަނީ ހުރަސް އެޅިފައެވެ.

މި ހާދިސާއާ ގުޅިގެން 200 އެއްހާ މީހުން ރައްކާތެރި ހިސާބުތަކަށް ވަނީ ބަދަލުކޮށްފައެވެ. ބޮޑުވަޒީރު ޖިޔޯޖިޔާ މެލޯނީ ވިދާޅުވީ މި ހާދިސާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން ސަރުކާރުން މަސައްކަތް ކުރާނެ ކަމުގައެވެ.

ކަސަމިޗިޔޯލާ ތޭރްމޭއަކީ ފަތުރުވެރިންގެ މެދުގައި މަޤުބޫލު ރަށެކެވެ. ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން އެ ރަށުގެ ޤުދުރަތީ ވެށްޓަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އަދި ގިނަ އަދަދެއްގެ ގަސްތައް ވެއްޓި، މަގުތަކަށް ގެއްލުންވެ، ގިނަ އަދަދެއްގެ އެއްގަމު އުޅަނދު ވަނީ ހަލާކުވެފައެވެ.

ކަސަމިޗިޔޯލާ ތޭރްމޭގައި މި ހާދިސާ ހިނގާފައި މި ވަނީ އިޓަލީވިލާތުގެ މެދުތެރޭގެ ސަރަޙައްދަށް ވެސް ބޯކޮށް ވާރޭވެހި، ނުރައްކާތެރި ހާދިސާތަކެއް ހިނގާފައިވާ ދަނޑިވަޅެއްގައެވެ. މީގެ ހަފުތާއެއްހާ ދުވަސް ކުރިން އެ ޤައުމުގެ މެދުތެރޭގެ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހި ހިނގި ފެން ބޮޑުވުމުގެ ހާދިސާއެއްގައި 11 މީހުން ވަނީ މަރުވެފައެވެ.