ޚަބަރު

ޗައިނާގައި އެއް ދުވަހުން 40,000އަށްވުރެ ގިނަ ކޮވިޑް ކޭސް


ޗައިނާގައި ސައުވީސް ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 ބަލި ޖެހޭ މީހުންގެ ޢަދަދު ރެކޯޑު އަދަދަކަށް އިތުރުވެއްޖެއެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގެ 40,347 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. މިއީ، ރެކޯޑު ޢަދަދަކަށް ކޮވިޑް ކޭސްތައް ޖެހިޖެހިގެން ފެނުނު ފަސްވަނަ ދުވަހެވެ.

ނޮވެންބަރު 27ވަނަ ދުވަހު ޗައިނާގައި ކޮވިޑް ޖެހިފައިވާ މީހުންގެ ތެރެއިން 3,822 މީހުންގެ ހަށިގަނޑުން ބަލީގެ ޢަލާމާތްތައް ފެނިފައިވާ ކަމުގައި އެ ޤައުމުގެ ނޭޝަނަލް ހެލްތު ކޮމިޝަނުން ބުނެއެވެ. އަދި، 36,525 މީހެއްގެ ހަށިގަނޑުން ބަލީގެ އެއްވެސް ޢަލާމާތެއް ނުފެނެއެވެ. ނުވަތަ އެއީ އެސިމްޕްޓޮމެޓިކް މީހުންނެވެ.

އޭގެ ކުރީ ދުވަހު ވެސް ޗައިނާގައި ވަނީ 39,791 ކޭސް ރިޕޯޓު ކޮށްފައެވެ. އެއީ، ޢަލާމާތްތަކާ އެކު ޓެސްޓު ކޮށްފައިވާ 3,709 މީހުންނާއި ބަލީގެ އެއްވެސް ޢަލާމާތްތަކެއް ނުފެންނަ 36,082 މީހުންކަމުގައި ނޭޝަނަލް ހެލްތު ކޮމިޝަނުން ބުނެއެވެ. މިއާއެކު، އެ ޤައުމުގައި މި ވަގުތު ބައްޔަށް ފަރުވާ ކުރަމުންދާ މީހުންގެ ޢަދަދު ވަނީ 311,624އަށް އަރާފައެވެ.

ބަލި ޖެހިފައިވާ މީހުންގެ އެންމެ ގިނަ ޢަދަދަކަށް ފެނިފައި ވަނީ ބޮޑު ދެ ސިޓީ ކަމުގައިވާ ގުއަންގްޒޫއާއި ޗޮންގްކިންގްއިންނެވެ. ވެރިރަށް ބެއިޖިންގްއިން ވެސް ބަލީގެ 3,888 ކޭސް ވަނީ ފެނިފައެވެ. ޗައިނާގެ ވިޔަފާރީގެ މަރުކަޒީ ރަށް ޝެންގްހާއީން ވެސް ބަލީގެ 144 ކޭސް ވަނީ ފެނިފައެވެ.

ޗައިނާގައި ހަލުވިކަމާ އެކު ކޮވިޑް ފެތުރެމުންދާ ދަނޑިވަޅެއްގައި، އެ ޤައުމުގެ ބައެއް ބޮޑެތި ރަށްތަކުގެ ރައްޔިތުން ވަނީ ސަރުކާރުން ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ގެންގުޅޭ ސިޔާސަތުތަކާ ދެކޮޅަށް އަޑު އުފުލަން ފަށާފައެވެ. ބެއިޖިންގްއާއި ޝެންގްހާއީގެ އިތުރުން ބޮޑެތި އެހެން ރަށްތަކުގައި ވެސް ގިނަ އަދަދެއްގެ ބަޔަކު ވަނީ މަގުތަކަށް ނިކުމެ މުޒާހަރާ ކުރަން ފަށާފައެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމަށް ޗައިނާއިން ގެންގުޅޭ "ޒީރޯ ކޮވިޑް" ސިޔާސަތުގެ ދަށުން ޗައިނާގެ ސަރުކާރުން ދަނީ ކޮވިޑް ބަލީގެ ކޭސްއެއް ފެންނަ ކޮންމެ ސަރަޙައްދެއް އަދި ރަށެއް ފުރަބަންދު ކުރަމުންނެވެ. އަދި، އެ ތަނެއްގެ ހުރިހާ ރައްޔިތުން ޓެސްޓު ކުރުމުގެ އިތުރުން ހަރުކަށި ފިޔަވަޅުތަކެއް އަޅައެވެ. ބައެއް ހާލަތްތަކުގައި ޢާންމުންގެ ގެދޮރު ނުހުޅުވޭ ގޮތަށް ތަޅު އެޅުވުން ފަދަ އަމަލުތައް ވެސް ހިނގާފައިވެއެވެ. ފުރަބަންދު އުވައިލަނީ، އެ ސަރަޙައްދެއްގައި ބަލި ޖެހިފައިވާ އެންމެން ބަލިން ފަސޭހަވުމުންނެވެ.